އެސްޓީއޯ މަކިޓާ ނައިޓްގައި މަކިޓާ ބްރޭންޑްގެ އާ އުފެއްދުންތަކެއް ދައްކާލައިފި

އެސްޓީއޯ މަކިޓާ ނައިޓުގައި ޕަވާ ޓޫލްސްތަކެއް ދައްކާލަނީ-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެސްޓީއޯ "މަކިޓާ ނައިޓް" ގައި މަކިޓާ ބްރޭންޑްގެ މުޅިން އާ އުފެއްދުންތަކެއް ދައްކާލައިފިއެވެ.

އެސްޓިއޯއިން އެކުންފުނީގެ ސަޕްލަޔަރުންނަށާއި ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ރޭ މަންހަޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި "މަކިޓާ ނައިޓު" ގައި ވަނީ މަކިޓާއިން ދުނިޔޭގެ ބާޒާރަށް އަލަށް ނެރުނު ބައެއް އުފެއްދުންތައް ދައްކާލާފައެވެ. މީގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ޓޫލްސްތަކުގެ އިތުރުން ގޭތެރެއާއި އާއްމުދިރިއުޅުމުގައި ބޭނުންކުރާ އުފެއްދުންތައް ހިމެނެއެވެ.

މީގެ ތެރޭގައި ސީދާ ކަރަންޓުން ބޭނުންކުރުމުގެ ބަދަލުގައި ބެޓަރީން ބޭނުންކޮށްލެވޭ ފެން ހޫނުކުރާ ޖަގާއި، ވަޔަލެސް ސްޕީކަރާއި، ކޫލާ ބޮކްސް، ގަސްކޮށާ ކަތުރު ފަދަ އުފެއްދުންތައް ހިމެނެއެވެ.

މަކިޓާ ނައިޓުގައި އެސްޓީއޯއިން ވަނީ މަކިޓާގެ އުފެއްދުންތަކުގެ ތެރެއިން ބާޒާރަށް އަލަށް ތައާރަފްކުރި ކޯޑްލެސް ޕަވާޓޫލްސް ތަކާ ބެހޭ މައުލޫމާތު ސަޕްލަޔަރުންނަށާއި ކަސްޓަމަރުންނަށް ދީފައެވެ. މި މައުލޫމާތުތައް ދެއްވީ މަކީޓާ ސިންގަޕޫރުގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު ޗަންދްރަންއެވެ.

މަކީޓާ ސިންގަޕޯގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު ޗަންދްރަން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މި ހަފުލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މާކެޓިން ކޮމިޔުނިކޭޝަންސް ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރްވީން ވިދާޅުވީ، އެސްޓީއޯއިން ވިއްކާ މަކިޓާގެ އުފެއްދުންތަކަށް ކަސްޓަމަރުންގެ ވަރަށްބޮޑު މަގްބޫލުކަމެއް ލިބިފައިވާކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަކިޓާއަށް ޚާއްސަ ޝޯރޫމެއް ހުޅުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަކިޓާ ނައިޓުގައި މަކިޓާ ޕަވާ ޓޫލްސްތައް މަސައްކަތްކުރާ ގޮތާއި، ޓޫލްސްތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ދީފައެވެ.

އެސްޓީއޯ މަކިޓާ ނައިޓުގައި ޕަވާ ޓޫލްސްތަކެއް ދައްކާލަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެސްޓީއޯއިން ވިއްކާ މަކިޓާގެ އުފެއްދުންތަކަކީ އެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ އިތުބާރު ވަރަށްބޮޑަށް ލިބިފައިވާ އުފެއްދުންތަކެކެވެ. އެސްޓިއޯއިން މިހާރު ވަނީ ރާއްޖޭގެ ބާޒާރަށް މަކިޓާގެ ކޯޑްލެސް ފަހުގެ އުފެއްދުންތައްވެސް ތައާރަފްކޮށް ވިއްކަން ފަށާފައެވެ. މީގެ ތެރޭގައި އެކި ރޭންޖުތަކުގެ ބެޓްރީ ބުރުމާ، ބެޓްރީ ކީސް، ބެޓްރީ ކަޓަރާއި، ބެޓްރީ ހެމާ ފަދަ ޓޫލްސްތައް ހިމެނެއެވެ.

އެސްޓީއޯ މަކިޓާ ނައިޓުގައި މަކިޓާ ޓޫލްސްތަކެއް ދައްކާލަނީ-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ މަކިޓާގެ އުފެއްދުންތައް ދުނިޔެއަށް ތައާރަފްވީ 1915 ވަނަ އަހަރެވެ. މަކިޓާގެ އުފެއްދުންތައް އެސްޓީއޯއިން ވިއްކަން ފަށާފައިވަނީ 1998 ވަނަ އަހަރެވެ. އެސްޓީއޯއަކީ މަކިޓާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރެވެ.

comment ކޮމެންޓް