ބައި އިލެކްޝަންތައް ބާއްވާނީ އަހަރަކު އެއް ފަހަރު ކަމަށް ބުނާ ބިލު ކޮމިޓީއަށް

ވޯޓުލުމަށް ފަހު ވޯޓުގުނަން ފަށަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ބާއްވަން ވާނީ އަހަރަކު އެއް ފަހަރު ކަމަށް ބުނެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤް އެވެ. އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައިވަނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ބޭއްވުމުގައި މިހާރު ކަނޑައަޅާފައިވާ 60 ދުވަސް ބަދަލު ކުރުން ކަމަށެވެ.

އެގޮތުން 60 ދުވަހުގެ ބަދަލުގައި އެ ބައި އިލެކްޝަންތައް ދެން ބާއްވާނީ އެއިން ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ ތެރޭގައި ކަން ބިލުގައި ފާހަގަ ކޮށްފައިވެއެވެ. ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން ދެ ބައި އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެއެވެ.

އެ ބިލުގެ އިތުރުން މެންބަރު ޢަބްދުالله ޝަފީޤް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލުވެސް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

އެ ބިލު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހެއެވެ.

ބިލުގައި ބުނީ ކައުންސިލެއްގެ މެންބަރެއްގެ ގޮނޑި ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމް ނުވާނެ ކަމަށެވެ.

ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވެ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާނަމަ އެލްޖީއޭއިން އިލެކްޝަނަށް އެކަން އަންގާތާ 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އެ ދެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ބައި އިލެކްޝަންތައް އިންތިހާއަށް ބޭއްވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދޭކަމަށެވެ. އެ ހުސްވާ މަގާމުތަކަށް މީހުން އިންތިޚާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބެނީ 1.5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިދިޔަ މެއި މަސް ޖެހުނު އިރު ބައި އިލެކްޝަންތަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް