މެޑްލޭ ރިލޭގެ ގައުމީ ޔޫތު ރެކޯޑް މުގުރާލައިފި

އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި މެޑްލީ ރިލޭ ޓީމު --- ފޮޓޯ/ ރައުހަތު ގުދުރަތުﷲ

ކުވައިތުގައި މިހާރު ކުރިއަށްދާ ހަތަރުވަނަ އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން މެޑްލީ ރިލޭގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

އެ ރެކޯޑު މުގުރާލައިފައިވަނީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި ހުސައިން ޒީކް ސައުދު އާއި އިބްރާހީމް ނާހިލް ނިޒާރު، ޔޫސުފް އައިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިންއެވެ.

އެ ރެކޯޑަކީ 2015 ވަނަ އަހަރުގެ އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި ޓީމުން ހަދައިފައިވާ ރެކޯޑެކެވެ. އެފަހަރު ރާއްޖޭގެ ޓީމުން ރެކޯޑް ހެދީ ދެ މިނެޓު 08.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހަތަރުވަނަ އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބައިވެރިވި ޓީމް --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

ނަމަވެސް މިފަހަރު ރާއްޖޭގެ ޓީމުން އެ ރެކޯޑު ހެދީ ދެ މިނެޓް 04.92 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަހަރުގެ އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ގައުމީ ރެކޯޑު ވެސް ވަނީ މުގުރާލައިފައެވެ. މަރިޔަމް ރޫޔާ މުގުރާލި އެ ރެކޯޑަކީ މީގެކުރިން ވެސް އޭނާގެ އަތުގައި އޮންނަ ރެކޯޑެކެވެ. ނަމަވެސް ރޫޔާ އެ ރެކޯޑު އާކުރީ 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.

comment ކޮމެންޓް