ގޫގުލް މީޓްއިން ވީޑިއޯ އޮޓޮމެޓިކްކޮށް ފްރޭމް ކުރެވޭ ފީޗާއެއް ތައާރަފްކޮށްފި

ގޫގުލްގެ ވީޑިއޯ ކޯލް ޚިދުމަތް ކަމަށްވާ ގޫގުލް މީޓް ބޭނުންކުރާ މީހުންނަށް އޮޓޮމެޓިކުން ވީޑިއޯ ފްރޭމްކޮށް, އެ ބައްދަލުވުމުގައި ބައިވެރިވާ އެންމެން ވެސް ރަނގަޅަށް ފެންނާނެ ގޮތް ހެދޭނެ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

ގޫގުލްއިން ނެރުނު ބްލޮގްޕޯސްޓެއްގައިވާ ގޮތުން، މީޓިންއަކަށް ޔޫޒަރަކު ވަނުމުގެ ކުރިން ގޫގުލް މީޓުން އޮޓޮމެޓިކުން ވީޑިއޯ ފްރޭމްކޮށް އެންމެން ހަމަހަމަ ގޮތެއްގައި ފެންނާނެކަން އެ ފީޗާއިން ކަށަވަރުކޮށްދޭވެެ.

ގޫގުލްއިން މީޓަށް އިތުރުކުރި މި އާ ފީޗާގެ ސަބަބުން ގޫގުލްމީޓްގައި ކުރިއަށްގެންދާ ކޮންފަރެންސްތަކާއި ބައްދަލުވުންތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ. އެގޮތުން އޮޓޮމެޓިކް ފްރޭމިންއަކުން އެއް ފަހަރުން ސްކްރީން އެޖަސްޓް ކޮށްލުމުން ލިބޭ އެއް ފަސޭހައަކީ އެންމެން ވީޑިއޯއަށް ރަނގަޅަށް އަރާކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ހޭދަވާ ވަގުތު ސަލާމަތްވުމެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް އިތުރުކަމަކަށް ޔޫޒަރުންގެ ފޯކަސް ނުގެއްލި ސީދާ މައުޟޫއަށް ސަމާލުކަން ދެވޭނެއެވެ. މިފީޗާ އޮޓޮމެޓިކުން އެޖަސްޓް ކޮށްދިނަސް ޔޫޒަރުން ބޭނުންވެއްޖެ ހިނދެގައި ކޮންމެ ވަގުތަކު ވެސް މެނުއަލްކޮށް ވީޑިއޯ ރީފްރޭމް ކުރެވޭނެއެވެ.

ފުރަތަމަ މީޓިން ފަށާއިރު މި ފީޗާ 'އޮން'ވެފައެއް ނުހުންނާނެއެވެ. ނަމަވެސް ބައްދަލުވުމުގެ ބައިވެރިއަކު ބޭނުން ނަމަ ކޮންމެ ވަގުތަކުވެސް އެ ފީޗާ އޮން ކުރެވޭނެއެވެ.

މި އާ ފީޗާ ތައާރަފު ކުރިކަން ގޫގަލްއިން އިއުލާން ކުރިނަމަވެސް އާންމުކޮށް މީހުންނަށް ބޭނުން ކުރެވޭ ގޮތް ހަދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ. މި ފީޗާ އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ ގޫގުލްގެ މާހިރުން ބައިވެރިވެގެން ބާއްވާ ކްލައުޑް ނެކްސްޓް 2022ގެ ތެރޭގައެވެ.

ދާދި ފަހުން ގޫގުލްއިން ވަނީ މީޓްއަށް އިތުރު ފީޗާއެއް ވެސް އިއުލާންކޮށްފައެވެ. އެއީ ކީ ބޯޑްގެ ސްޕޭސް ބާއަށް ފިތާލައިގެން ހިފަހައްޓާލުމުން އަންމިއުޓް ނުވަތަ މައިކް އޮން ކުރެވޭ ފީޗާއެކެވެ. ސްޕޭސްބާއިން ދޫކޮށްލުމުން އަނެއްކާ ވެސް މިޔުޓް ވާނެއެވެ.

އެ ކުންފުނިން ބުނީ ސްޕޭސްބާ ފީޗާ އަކީ ކުއްލިއަކަށް އެއްޗެއް ބުނަން ޖެހިއްޖެނަމަ އަންމިއުޓް ކޮށްގެން މީޓިންތަކުގައި ބައިވެރިވެ ވާހަކަ ދައްކަން ފަސޭހަކޮށްދޭނެ ފީޗާއެއް ކަމަށެވެ.

މި ފީޗާއަކީ އަމިއްލައަށް އަންމިއުޓް ކުރުމަށްފަހު އަނެއްކާވެސް މިއުޓް ކުރަން ހަނދާން ނެތޭ ހާލަތްތަކުގައިވެސް އެހީތެރިވެދޭ ފީޗާއެކެވެ. މި ފީޗާ ޑިފޯލްޓްކޮށް އޮފް ކޮށްފައި ހުންނައިރު ގޫގުލް މީޓް ސެޓިންގްސްގައި އެނެބަލް ކުރެވޭނެގޮތް ހަމަޖެހިފައިވާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ ގޫގުލް މީޓް ހާޑްވެއާ ޑިވައިސްތަކުގައި "ހޭ ގޫގުލް" ވޮއިސް ކޮންޓްރޯލް މަސައްކަތްކުރާ ގޮތް ވެސް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ގެންނަ އަޕްޑޭޓާއެކު ގޫގުލް އެސިސްޓެންޓް އެކްޓިވްވާނީ އެ ޑިވައިސްއަކުން މީޓިންއަކަށް ވަދެފައި ނެތް ނަމައެވެ.

އޭގެ އިތުރުން ގޫގުލް މީޓުން ވަނީ 'އޮޓޮމެޓިކް ޓްރާންސްކްރިޕްޝަން' ނުވަތަ ދައްކާ ވާހަކަ ވަގުތުން ލިޔެވޭ ފީޗާއެއް ވެސް ތައާރަފްކޮށްފައެވެ. އެ ފީޗާ މިވަގުތު ބޭނުން ކުރެވޭނީ ހަމައެކަނި އިނގިރޭސިން ވާހަކަ ދައްކާނަމައެވެ. ނަމަވެސް ފްރެންޗް، ޖަރުމަން، ސްޕެނިޝް އަދި ޕޯޗުގީޒް ބަހުން ބާއްވާ ބައްދަލުވުންތަކަށްވެސް އަންނަ އަހަރު އެ ފީޗާ ލިބޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.

comment ކޮމެންޓް