ދިގުރަށަށް އެރި އުދައިގައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން

އދ. ދިގުރަށަށް އުދައަރާފައި ---

އދ. ދިގުރަށަށް މިދިޔަ ބުދަ ދުވަހުގެ ރޭ އެރި އުދައިގައި އެ ރަށުގައި މީހުން ދިރިއުޅޭ ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ އެ ރަށުގެ މީހުން ދިރިއުޅޭ ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ނުޖެހޭ ކަމަށެވެ.

އެގޮތުން ގެއްލުން ލިބިފައިވަނީ އާއްމުންގެ ހިފައި ގެންގުޅޭ ތަކެއްޗަށް ކަމަށާއި އެންމެ ބޮޑު ގެއްލުމެއް ލިބުނުކަމަށް ރިޕޯޓު ކޮށްފައިވަނީ އެ ރަށު ބަނދަރުމައްޗަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަދިވެސް ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

ދިގުރަށަކީ އާއްމުކޮށް އުދަ އަރާ ރަށްރަށުގެ ގޮތުގައި ނުހިމެނޭ ރަށެކެވެ. އެގޮތުން މިއީ މިދިޔަ 10އަހަރު ތެރޭގައި އެ ރަށަށް އުދަ އެރި ފުރަތަމަ ފަހަރެވެ.

މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސް ވަރެއްގެ ގޮތުގައި މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި މި ދުވަސްވަރަކީ އެކި ފަހަރު މަތިން ރާއްޖޭގެ އިކި ހިސާބުތަކަށް ރީނދޫ ސަމާލާއި ހުދު ސަމާލުވެސް ނެރޭ ދުވަސްކޮޅެކެވެ.

މޫސުމާ ބެހޭ އިދާރާއިންނާއި އެމްއެމްޑީއެފްއިން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން ވެސް މޫސުން ގޯސްވެ ރާއްޖޭގެ 20އަށް ވުރެ ގިނަ ރަށަށް އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.

އެ ގެއްލުންތަކުގެ ސަބަބުން ބައެއް މީހުން ދިރިއުޅޭ އަމިއްލަ ގެއިން އެހެން ގޭގެއަށް ބަދަލުވާން ޖެހުނެވެ.

comment ކޮމެންޓް