ވިމެންސް ޓީ20 އޭޝިއާކަޕް ކުރިކެޓް މުބާރާތުގެ ފައިނަލަށް އިންޑިއާ އާއި ސްރީލަންކާ ދަތުރުކޮށްފި

އިންޑިއާގެ ޝެފާލީ ވަރުމާ ތައިލެންޑާ ދެކޮޅަށް ކުޅެނީ-- ފޮޓޯ/އޭޝިއާކަޕް

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ވިމެންސް ޓީ20 އޭޝިއާކަޕް ކުރިކެޓް މުބާރާތުގެ ފައިނަލަށް އިންޑިއާ އާއި ސްރީލަންކާ ދަތުރުކޮށްފިއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ސްރީލަންކާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް އިންޑިއާ ހޯދާފައިވަނީ ތައިލެންޑާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ޓޮސް ދިމާވުމުން އިންޑިއާ ޓީމުން ގަސްތުކުރީ ކުޅުމަށެވެ. އިންޑިއާ ކުޅެންއަރާ ހަ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 148 ލަނޑެވެ.

މި އިނިންގްސްގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 42 ލަނޑު ހެދި ޝެފާލީ ވަރުމާއެވެ. ދެވަނައަށް އެންމެ ގިނަ ލަނޑު ހެދީ 36 ލަނޑު ހެދި ހަރމަންޕްރީތް ކޯއެވެ.

ޖަވާބުގައި ތައިލެންޑްގެ ޓީމު ކުޅެން އަރާ އެންމެން ނުބައިވެގެން ހެދުނީ 74 ލަނޑެވެ. ތައިލެންޑް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި ނަރެމޯލް އާއި ނަޓާޔާއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އިންޑިއާ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޝެފާލީ ބުނީ މިއީ ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅުމުގެ ނަތީޖާކަމަށާއި، ތައިލެންޑް އަތުން މޮޅުވުމުން ފައިނަލް މެޗުން މޮޅުވުމުގެ ރޫހް އިތުރަށް ވަރުގަދަވެއްޖެ ކަމަށެވެ.

އިންޑިއާއަކީ ވިމެންސް ޓީ20 އޭޝިއާކަޕްގެ އެންމެ ކާމިޔާބު ޓީމެވެ.

ވިމެންސް ޓީ20 އޭޝިއާކަޕް ސެމީފައިނަލުގައި މިއަދު ސްރީލަންކާ އާއި ޕާކިސްތާނު ބައްދަލުކުރިމެޗުގެ ތެރެއިން-- ފޮޓޯ/އޭޝިއާކަޕް

ވިމެންސް ޓީ20 އޭޝިއާކަޕް ފައިނަލަށް ސްރީލަންކާ ދަތުރުކޮށްފައިވަނީ، ސެމީފައިނަލުގައި ވާދަވެރި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗް އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ. ޓޮސް ދިމާވެގެން ސްރީލަންކާ ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. ސްރީލަންކާ ޓީމަށް އެންމެ މޮޅަށް ކުޅުނީ 35 ލަނޑު ހަދައިދިން ހަރްޝިތާ ސަމަރަވިކްރަމަ އެވެ.

ޖަވާބުގައި ޕާކިސްތާނު ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 121 ލަނޑެވެ.

ވިމެންސް ޓީ20 އޭޝިއާކަޕް ކުރިކެޓް މުބާރާތުގައި އިންޑިއާ އާއި ސްރީލަންކާ ކުޅޭ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

comment ކޮމެންޓް