މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިޔަވަރު ބޮޑުވެ، އުދައެރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އިއްޔެއަށް ވުރެ މިއަދު މޫސުން ގޯސްވާނެކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުތެރޭ އާދަޔާ ޚިލާފަށް ކަޑުގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
"11:30 ފެށިގެން 05:30 ވައިޓް އެލާޓް ނެރެފައިވާނީ އުދަ އަރާނެކަމަށް ލަފާކުރެވޭތީ،" އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ މީހުން މިދުވަސްވަރު ޚާއްސަ ސަލާމުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރު ކުރާއިރު އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުޅަނދުގައި ހުންނަން ޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓް ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުން ކުރެވޭ ހާލަތެއްގަ ތޯ ޔަގީންކުރުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެހެންމެ މި ދުވަސްވަރު ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.