"ބޭރުގެ ހިއްސާވާ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތް ހެދީ އެ ވިޔަފާރި ދިވެހީންގެ އަތްމަތިން ގޮސްދާނެތީ"

ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުން --- ފޮޓޯ/ މަޖިލިސް

ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭގޮތަށް ގަވާއިދު ބަދަލުކުރީ ބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގައި ރާއްޖޭގެ ބާރު ކުޑަވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ އެ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިއަދު ވަނީ ބްރޯޑްކޮމްގެ މެންބަރުންނާ ބައްދަލުކޮށްފައެވެ.

އެކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެ ގަވާއިދުގެ އަށް ވަނަ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރުގައި ބަޔާން ކުރާގޮތުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ދަށުން އެ ފުރުސަތު ލިބެނީ 100 ޕަސެންޓް ދިވެހީންގެ ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.

ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުން --- ފޮޓޯ/ މަޖިލިސް

އާޒިމް ވަނީ އޭގެ މަގްސަދަކީ ކޮބައިތޯއާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ލޮޅުމެއް ނުވަތަ ނުރައްކަލެއް އެބައޮތްތޯ ސުވާލުކުރައްވާފައެވެ. އަދި ގިނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި ނަމަ ރައްޔިތުންނަށް ވެސް މަންފާތަކެއް ކުރާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންނަށް ފަސޭހަކޮށް، އަގުހެޔޮކޮށް ފަންސާހަށް ވުރެ ގިނަ ރަށްރަށުގައި އެ ޚިދުމަތް ދިރާގުން ދަނީ ދެމުން. ގަވާއިދުގެ ސަބަބުން އެކަން ހުއްޓުމަކަށް އެބައާދޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް ވިދާޅުވީ ގަވާއިދު އިސްލާހުކުރުމުގައި ދާއިރާގެ ކަމާގުޅުންހުރި ގިނަ ބައެއްގެ ޚިޔާލު ހޯދާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިކޮނޮމިކް މިނިސްޓްރީން ވެސް އެކަމާ ގުޅޭގޮތުން ރަސްމީކޮށް ބައްދަލުވުމަކަށް ވެސް ކި. އެގޮތުން އެ މިނިސްޓްރީން ލިބުނު މައުލޫމާތާއި ދާއިރާގައި މިހާރުވެސް ޚިދުމަތް ދެމުންދާ ފަރާތްތަކުގެ ލަފާ އަޅުގަނޑުމެންނަށް ލިބުނު،"

ގައިސް ވިދާޅުވީ ކަމާގުޅުންހުރި ބޭފުޅުންގެ ޚިޔާލުތަކާއެކު އެ ގޮތަށް އެގަވާއިދު ބަދަލުކުރަން ނިންމީ ކަމަށެވެ. ބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރިއަކީ މެދުމިނުގެ ވިޔަފާރިއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓަރުން މައިގަނޑު ގޮތެއްގައި ގެންގުޅޭ ކޮންޓެންޓަކީ ރާއްޖެއިން ބޭރުން ގަނެގެން ގެންނަ ކޮންޓެންޓް ކަމަށެވެ.

ރާއްޖޭގައި އުފައްދާ ކޮންޓެންޓަކީ ރައްޖޭގެ ލޯކަލް ޗެނަލްތަކުން އުފައްދާ ކޮންޓެންޓްތައް އެކަނި ކަން ފާހަގަކުރައްވައި ގައިސް ވިދާޅުވީ އޭގެ އިތުރުން ދައްކާ ހުރިހާ ކޮންޓެންޓަކީ ރާއްޖެއިން ބޭރަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކައިގެން، ގަނެގެން ދައްކާ އެއްޗެހި ކަމަށެވެ.

"މިހާރުވެސް ރާއްޖެއިން ބޭރަށް މި ވިޔަފާރީގެ ސަބަބުން ބައިވަރު ފައިސާތަކެއް އެބަދޭ. އެހެން ވީމަ އިތުރަށް ބޭރުބަޔަކަށް އެ ހުއްދަ ލިބޭ ގޮތަށް އޮތީމަ ވިޔަފާރީގަ ދިވެހީންގެ ބާރު ކެނޑިގެން ހިނގައިދާނެ ތީ އަޅުގަނޑުމެން އެގޮތަށް ގަވާއިދު ގައި ބަޔާންކުރީ،" ގައިސް ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި އެންމެ ކުރީއްސުރެ ވެސް އޮންނަ ގޮތުން ބްރޯޑްކާސްޓް ކުރެވޭނީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ކަމަށެވެ.

ގައިސްގެ ވާހަކަތަކަށް ރައްދުދެއްވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތޯރިގް ވިދާޅުވީ އެ ގަވާއިދުގެ ސަބަބުން ގާނޫނުން ހަނި ނުކުރާ ހައްގެއް ހަނިވެފައިވާ ކަމަށެވެ.

ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުން --- ފޮޓޯ/ މަޖިލިސް

"ތިބޭފުޅުން ގަބޫލު ކުރައްވަންތޯ ގަވާއިދަކުން ވިޔަފާރިތަކުގެ ހައްގު ހަނިކުރެވިދާނެ ކަން. ހަމަޖެހޭ ވާހަކައެއް ނޫން ރާއްޖެއިން ބޭރަށް ފައިސާ ދާތީއޭ ބުނީމަ،" މެންބަރު ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ގައިސް ވިދާޅުވީ އެ ކޮމިޝަންގެ މެންބަރުންނަކީ ގާނޫނަށްވުރެ މަތީ ބައެއް ކަމަށް ނުދެކޭ ކަމަށެވެ.

"ގާނޫނު އަސާސީއަށް ވުރެ މަތީ ބައެއް ކަމަކަށް ނުދެކެން. ވިޔަފާރީގެ ހަމަހަމަ ކަން އެބައޮތް. ގާނޫނަކާ ޚިލާފުވާހެން މީހެއްގެ ހައްގެއް ނުގެއްލޭ އެ ގަވާއިދުގެ ސަބަބުންނެއް،" ގައިސް ވިދާޅުވިއެވެ.

އެ ކޮމިޝަނުގެ ލީގަލް ޑިރެކްޓަރު ޝާން ޞާލިޙް ވެސް ވިދާޅުވީ އެ ގަވާއިދުން އެއްވެސް ބައެއްގެ ހައްގުތައް ހަނި ނުވާ ކަމަށެވެ.

އެކަމަށް ރައްދުދެއްވާ މެންބަރު ތޯރިގު ވަނީ އެ ގަވާއިދުގެ ސަބަބުން ވިޔަފާރިވެރިންގެ ހައްގުތައް ހަނިވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ރާއްޖޭގައި ގެއްލިފައިވާ ކަމަށް ބުނެ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ. ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށް މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

https://sun.mv/169064

އެ ގަރާރުގައި ވަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި ހުއްޓުވައި ވަކިބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ކުރުމަތި ކުރަމުންދާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޕާލިމަންޓަރީ އިންކުއަރީއެއް މެދުވެރިކޮށް އެ ކަންތައްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށް އެ ގަރާރުގައި އޭނާ ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓަރުން މެދުވެރިކޮށް، އިންސާފުވެރި ވާދަވެރި މާހައުލެއްގައި ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ބްރޯޑްކާސްޓްކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތް މައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ސާފުކޮށް ބްރޯޑްކާސްޓިންގެ ގާނޫނުގައި އޮންނަ ކަމަށެވެ.

ނަމަވެސް އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި އެ ކޮމިޝަނުގެ މެންބަރުން ޖެހި އެ ގާނޫނުގެ މަގްސަދު ގެއްލޭގޮތަށް ވަކި ފަރާތްތަކަކަށް ކަނޑައެޅިގެން ނުހައްގު ނާޖާއިޒް މަންފާތައް ލިބޭނޭ ގޮތައް އަމަލުކުރާ ކަމަށް ވެސް އެގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

އެ ގަރާރުގައި ވަނީ ގާނޫނުން އެ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހަދާފައިވާ "ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު"އަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ކަނޑައެޅިގެން ޚިލާފު ގަވާއިދެއް ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ކޭބަލް ޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާ މެދު ނާއިންސާފުން އަމަލުކޮށް އެ މީހުންގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޝިޔާމް ހުށަހެޅުއްވި ގަރާރުގައިވެއެވެ.

އޭގެ ސަބަބުން ކުޑަ އަގެއްގައި ރަށްރަށަށް ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުދި ރިީބްރޯޑްކާސްޓަރުންގެ ވިޔަފާރި ހުއްޓިފައިވާތީ އިގްތިސާދީގޮތުން ވަރަށް ދަތި ހާލަތެއްގައި އޮތް މިދަނޑިވަޅުގައި ރައްޔިތުން ބޮޑު މާލީ ބުރައެއް އުފުލަންޖެހިފައިވާތީއާއި، އަތްފޯރާފަދަ އަގެއްގައި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޚިދުމަތް ހޯދޭނެ ފުރުސަތު ގެއްލެމުންދާތީ ކުދި ރިީބްރޯޑްކާސްޓަރުންނަށް ދޭން ޖެހޭ ހިމާޔަތާއި ގާއިމުކުރަން ޖެހޭ އިންސާފު ގާއިމުކުރުމަށް ގަރާރުގައި ގޮވައިލާފައިވެއެވެ.

އެ ގަރާރުގައި ދިރާގުން ކޭބަލް ޓީވީގެ ހިދުމަތްދޭން ފެށުމުން "ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު" އެއް އެކުލަވާލައި، އެގަވާއިދުގެ "ރީބްރޯޑްކާސްޓްކުރަން އެދޭ ފަރާތަކީ ސައްތަ އިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާންވާނެ" ކަމަށް ބަޔާންކޮށް، އެކުންފުންޏަށް މިހާރު ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ 28ވަނަ ދުވަހުގެ ފަހުން ހަމަވުމުން އަލުން ލައިސަންސް ނުލިބޭނެގޮތަށް އެކުންފުނީގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރީގެ ކުރިމަގު އެއްކޮށް ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި އަހަރުގެ ވޯލްޑްކަޕް ދައުލަތުގެ ޓީވީން ބެލޭނެކަން ރައްޔިތުންނަށް ކަށަވަރުކުރަން ބޭނުންވާ ކަމަށާއި އެކަން އެހެން ނުވާނަމަ ރައްޔިތުންގެ އަތުން ދާނީ އިތުރު ޚަރަދެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

ހުރިހާ ރައްޔިތުންނަށް މައުލޫމާތާއި ޚަބަރާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ މުހިއްމު ޚިދުމަތް އެންމެ އެދެވޭގޮތުގައި އަތްފޯރާފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރީގެ ހަމަހަމަ ފުރުސަތުތައް ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ތެރޭގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވިޔަފާރީގެ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ދެނެގަނެ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމްއަށް ނުފޫޒު ފޯރުވާ މިންވަރު ދެނެގަނެ އެބޭފުޅުން ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމަންޓަރީ އިންކުއަރީއެއް ހެދުމަށް އެ ގަރާރުގައިވަނީ ގޮވައިލައިފައެވެ.

ހަމައެއާއެކު ރީބްރޯޑްކާސްޓިން ޚިދުމަތް މިނިވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް އެ ގަރާރުގައި ވަނީ ގޮވައިލާފައެވެ.

comment ކޮމެންޓް