މެލޭޝިއާގައި ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ނިންމައިފި

މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއީލު ސަބްރީ ބިން ޔައުގޫބު

ކުއާލަލަންޕޫރު (12 އޮކްޓޯބަރު 2022): މެލޭޝިއާގެ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް އެގައުމުގެ ބޮޑުވަޒީރު އިސްމާއީލު ސަބްރީ ނިންމަވައި އެކަން އިއުލާނު ކުރައްވައިފިއެވެ.

ސަބްރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މެލޭޝިއާގެ ޕާލަމެންޓް އުވާލައި 60 ދުވަހުގެ ތެރޭގައި އަލުން އާންމު އިންތިޚާބެއް ބާއްވަން ނިންމަވައިފި ކަމުގައެވެ. ބޮޑުވަޒީރު މިގޮތަށް ނިންމެވި ނަމަވެސް މެލޭޝިއާގެ ހެޑް އޮފް ސްޓޭޓްގެ ހައިސިއްޔަތުން ޕާލަމެންޓް އުވާލައްވާފައިވަނީ މެލޭޝިއާގެ ރަސްގެފާނެވެ.

ރަސްގެފާނު ޕާލަމެންޓް އުވާލާނީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު ރަސްމީ ސިފައެއްގައި އެކަމަށް އެދިވަޑައިގަތުމުންނެވެ. މިކަމަށް އެދުމުގައި ކަނޑައެޅިފައިވާ ޚާއްސަ އުސޫލުތަކަކާއި ގޮތްތަކެއް މެލޭޝިއާގައި އޮވެއެވެ. މިގޮތްތަކާ އެއްގޮތަށް ބޮޑުވަޒީރު ރަސްމީކޮށް އެދިވަޑައިގަތުމުން ރަސްގެފާނު މިހާރުވަނީ ޕާލަމެންޓް އުވާލައްވާފައެވެ.

ރަސްގެފާނު ރަސްމީކޮށް ޕާލަމެންޓް އުވާލެއްވުމުން މެލޭޝިއާގެ އިންތިޚާބުތަކާބެހޭ އިދާރާއިންވަނީ އާއްމު އިންތިޚާބު ބާއްވާނެ ތާރީޚު މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އިއުލާނު ކުރާނެކަން ހާމަކޮށްފައެވެ.

މެލޭޝިއާގެ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ބޮޑުވަޒީރު އިސްމާއީލު ސަބްރީ ނިންމެވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީކަމަށްވާ "ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން" (އަމްނޯ) ގެ ފިއްތުންތަކާ ގުޅިގެންކަމަށްވަނީ ބެލެވިފައެވެ.

"އަމްނޯ" އަކީ މެލޭޝިއާގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ގިނަ މެންބަރުން ތިބި އަދި ޒަމާނުއްސުރެ އެގައުމުގައި ވެރިކަން ކުރަމުންގެންދާ ޕާޓީއެވެ. މެލޭޝިއާގެ ވެރިކަން 1957 ވަނަ އަހަރަށްފަހު އަމްނޯއަށް ގެއްލިގެން ދިޔައީ އެންމެ ފަހަރަކުއެވެ. އެއީ 2018 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި އާންމު އިންތިޚާބުގައި އޭރު އެޕާޓީގެ ރައީސަކަށް ހުންނެވި އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެންނެވެ.

ނަޖީބުއާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތައް ކަމަށްވާ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދާއި އޭނާގެ ވާދަވެރިޔާ އަންވަރު އިބްރާހީމް ގުޅިވަޑައިގެން ކުރެއްވި ވަރުގަދަ ކެމްޕޭންގެ ސަބަބުންނެވެ. މަހާތީރަކީ ކުރިން "އަމްނޯ" ގެ ޒައީމެވެ. އޭނާ އެޕާޓީން ވަކިވަޑައިގެން "ބެރުސާތު" ޕާޓީ ގެ ނަމުގައި ޕާޓީއެއް އުފެއްދެވީ 2016 ވަނައަހަރުއެވެ. އެއަށްފަހު 2020 ވަނަ އަހަރު މަހާތީރުވަނީ އޭނާގެ "ބެރުސާތު" ޕާޓީގެ ބައެއް މެންބަރުން އޭނާއަށް ހިޔާނާތްތެރިވުމާ ގުޅިގެން އެޕާޓީ ދޫކޮށްލެއްވުމަށްފަހު "ޕީޖުއަންގް ޕާޓީ" ގެ ނަމުގައި އަލުން ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

މަހާތީރު 22 އަހަރުގެ ދިގުމުއްދަތަކަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު މަގާމުން ދުރުވެވަޑައިގަތީ 2003 ވަނަ އަހަރުއެވެ. ނަމަވެސް ނަޖީބު ރައްޒާގު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އޭނާ ބަލިކުރެއްވުމަށް އަންވަރާ ގުޅިގެން ކުރެއްވި ވަރުގަދަ މަސައްކަތުގެ ދަށުން 2018 ވަނައަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ދެވަނަ ފަހަރަށް 2018 ވަނައަހަރު މަހާތީރު ސިޔާސީ މައިދާނަށް އެނބުރި ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދެވިއެވެ. އެއަށްފަހު އަނެއްކާ 2020 ވަނަ އަހަރު އިސްތިއުފާދެއްވަން މަޖްބޫރުވެ މަހާތީރަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގަތެވެ.

މެލޭޝިއާގައި ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ބޮޑުވަޒީރު ނިންމަވާފައި މިވަނީ އެގައުމުގެ ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީންގެ ވިސްނުންފުޅާވެސް ދެކޮޅަށެވެ. ރަސްގެފާނު ރިއާޔަތުއްދީން ވަނީ މެލޭޝިއާގައި އަވަސް އަވަހަށް ސަރުކާރުތައް ބަދަލުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޕާލަމެންޓް އުވާލުމަށް ނިންމެވީ އެހެން ގޮތެއް ނެތިގެންކަމަށްވެސް ރަސްގެފާނު ވިދާޅުވިއެވެ.

ރަސްގެފާނު ރިއާޔަތުއްދީން ވިދާޅުވިގޮތުގައި ޕާލަމެންޓް އުވާލުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫނެވެ. މިގޮތުން ޕާލަމެންޓް އުވާލުމަކީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެންދާ ކަމެއްގެ ގޮތުގައި ރަސްގެފާނު ވަނީ ސިފަކުރައްވާފައެވެ. ރިއާޔަތުއްދީން ވިދާޅުވިގޮތުގައި ޕާލަމެންޓް އުވާލިއިރު އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް އޮތީ ނުނިމިއެވެ.

ކުރިޔަށް އޮތް ދެމަސްތެރޭގައި އަލުން އާންމު އިންތިޚާބު ބާއްވާއިރު އެދުވަސްވަރު ދިމާވާނީ މެލޭޝިއާއަށް މޫސުމީ ވާރޭ އެންމެ ގިނައިން ވެހޭ ދުވަސްވަރު ކަމަށްވުމަކީވެސް މައްސަލައެކެވެ. މޫސުމީ ވާރޭ ވެހޭ ދުވަސްވަރަކީ ފެންބޮޑުވުމުގެ މައްސަލަ މެލޭޝިއާގެ އެކި ސްޓޭޓްތަކަށް ވަރަށް ގިނައިން ކުރިމަތިވާ ދުވަސްވަރެކެވެ.

އިސްމާއީލް ސަބްރީ މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. ސަބްރީ އަށް ބޮޑުވަޒީރުކަން ލިބުނީ އޭނާގެ ކުރިން ބޮޑުވަޒީރަކަށް ހުންނެވި މުހްޔިއްދީން ޔާސީން އަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް