މިދަނީ ނިއުކްލިޔާ ތަޖުރިބާއަކަށް ތައްޔާރުވަމުން، އެމެރިކާއަށް އެކަން ނުހުޓުވޭނެ: އުތުުރު ކޮރެއާ

ޕިޔޮންގް ޔަންގް (12 އޮކްޓޯބަރު 2022): އުތުރުކޮރެއާ ދަނީ އަނެއްކާވެސް ނިއުކްލިޔާ ހަތިޔާރެއް ތަޖުރިބާކުރަން ތައްޔާރުވަމުން ކަމަށާއި އެެމެރިކާއަށް އެކަން ނުހުއްޓުވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

އުތުރު ކޮރެއާގެ ރަސްމީ ޓީވީން ހާމަކުރިގޮތުގައި ފާއިތުވި ދުވަސްތަކުގައި އެގައުމުން ކުރި ބަލިސްޓިކް މިސައިލް ތަޖުރިބާތަކަކީ ނިއުކްލިޔާ ހަތިޔާރެއް ތަޖުރިބާކުރުމަށް އެގައުމުން ވަމުން ގެންދާ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އުތުރު ކޮރެއާގައި 40 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.

އުތުރުކޮރެއާއިން އެންމެ ފުރަތަމަ ނިއުކްލިޔާ ހަތިޔާރެއް ތަޖުރިބާކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށް އެގައުމުން ނިއުކްލިޔާ ހަތިޔާރުގެ ހަ ތަޖުރިބާއެއް އެކިފަހަރުމަތިން ކޮށްފައި ވެއެވެ.

އުތުރުކޮރެއާއިން ފާއިތުވި ބާރަވަރަކަށް ދުވަހުގެ ތެރޭގައިވަނީ އެކި ރޭންޖްތަކުގެ ހަ މިސައިލް ތަޖުރިބާކޮށްފައެވެ. މީގެތެރެއިން އެއް މިސައިލަކީ 3،000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލެކެވެ. ނިއުކްލިޔާ ހަތިޔާރުގެ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ބަލިސްޓިކް މިސައިލެކެވެ. އެއީ ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސަރަހައްދެއްކަމަށްވާ ގުއާމް އަށް ފަސޭހައިން ހަމަލާދެވޭވަރުގެ މިސައިލެކެވެ.

އުތުުރކޮރެއާގެ ސްޓްރެޓީޖިކް ބަލިސްޓިކް މިސައިލެެއް

އުތުރު ކޮރެއާގެ ރަސްމީ ޓީވީ ބުނިގޮތުގައި ފާއިތުވި ދެހަފުތާ ތެރޭގައި ތަޖުރިބާކުރި މިސައިލްތަކަކީ ޑަމީ ވޯހެޑްތަކެއް ބޭނުންކޮށްގެން ކުރި ތަޖުރިބާ ތަކެކެވެ. އެތަޖުރިބާ ތަކުގެ ބޭނުމަކީ ނިއުކްލިޔާ ކުދި ހަތިޔާރު (ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރުގެ ވޯހެޑްތައް) އުފުލުމާއި އެތަކެތި ދުރަށް ފޮނުވާލުމުގެ ގާބިލްކަން މިސައިލްތަކުގައި ހުރިކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމެވެ.

ތަޖުރިބާކުރި މިސައިލްތަކަކީ އުތުރުކޮރެއާ ބޭނުންވާ ތަންތަނަށް ހަމަލާދިނުމުގެ ގާބިލްކަން ހުރި މިސައިލްތަކެއްކަން ދެނެގަނެވި އެކަން ޔަގީން ކުރެވިފައިވާ ކަމަށް އެގައުމުގެ ޓީވީން ބުނެފައިވެއެވެ. އުތުރު ކޮރެއާގެ ސެންޓްރަލް ނޫސް އެޖެންސީން ހާމަކުރި ފޮޓޯތަކެއްގައި މިސައިލްތައް ތަޖުރިބާކުރިއިރު އެގައުމުގެ ޒައީމު ކިމް ޖޮންގް އުން އެ މަންޒަރު ބައްލަވަން ހުންނަވާތަން ފެނިފައިވެއެވެ.

އުތުރުކޮރެއާ އިން ބަލިސްޓިކް މިސައިލާއި ނިއުކްލިޔާ ތަޖުރިބާތައް ކުރުމާ ގުޅިގެން އެމެރިކާ އިސްވެ އޮވެގެން އދ. ގެ ސަލާމަތީ މަޖިލީހުންވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އެކިފަހަރު މަތިން އަޅާފައެވެ. ނަމަވެސް އުތުރުކޮރެއާއިން އިތުރަށް މިސައިލް ޓެކްނޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އޮއްވައި އެއަށް ގޮންޖެހުމަށްފަހުގައެވެ.

އުތުރުކޮރެއާ ދެކޭގޮތުގައި އެމެރިކާއަށް ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް އުފެއްދުން ހުއްދަވެފައި އެގައުމަށް މިތަކެތި ހުއްދަނުވާ އެއްވެސް ބައިނަލްއަގްވާމީ ގާނޫނެއް ނުވަތަ އުސޫލެއް ނޯވެއެވެ. އޮތްނަމަ އޮތީ އެމެރިކާގެ އަމިއްލަ އެދުމާއި ބޮޑާކަމާއި އެމެރިކާއާ އިދިކޮޅު ގައުމަކަށް ބާރެއް ލިބުން އެމެރިކާ ނޭދޭ މައްސަލައެވެ.

އެމެރިކާއަކީ ގައުމުތަކަށް އިސްވެ ހަމަލާދީ އަރައިގަނެ އުދުވާން ހިންގައި ލައްކައިން މީހުންމަރައި ޖަރީމާތައް ހިންގާ ގައުމަކަށް ވިޔަސް އުތުރުކޮރެއާއަކީ ގައުމުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގާ ގައުމެއް ނޫންކަން އދ. ގެ ކަމާބެހޭ ޖަލްސާތަކުގައި އެގައުމު އަބަދުވެސް ބުނެ އެމެިރކާ ބޭޒާރު ކުރަމުން ގެންދެއެވެ.

ދުނިޔޭގެ ޖިއޮޕޮލިޓިކަލް ހާލަތު ބަދަލުވެ ރަޝިއާއާއި ޗައިނާ ފަދަ ބޮޑެތި ބާރުތައް ފާޅުގައި އެމެރިކާއަށް ގޮންޖަހަން ފެށުމުން އުތުރުކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަލިކަށިވާން ފަށާފައެވެ. އަދި އުތުުރކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ އިތުުރު ފިޔަވަޅުތައް އެޅުމަށްޓަކައި ޗައިނާއާއި ރަޝިއާގެ ތާއީދެއްވެސް މިހާރު އެމެެރިކާއަކަށް ނުލިބެއެވެ.

މިގޮތުން އެމެރިކާއަށް ގޮންޖެހުމަށްފަހު ރަޝިއާއާއި ޗައިނާ މިހާރު ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އުތުރުކޮރެއާ އާ އިގްތިސާދީ ގޮތުން މުއާމަލާތްތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.

އުތުރުކޮރެއާ އިން ބަލިސްޓިކް މިސައިލްތައް ތަޖުރިބާކުރާ މައްސަލާގައި އެމެރިކާ އިސް ނަގައިގެން ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ޗައިނާވަނީ މިހާތަނަށް އެގައުމުން އެމެރިކާއާ މުޚާތަބު ނުކުރާ ވަރުގެ ހަރުކަށި އިބާރާތްތަކުން އެމެރިކާއަށް ފާޑުކިޔައި އެމެރިކާއަކީ ދެކޮރެއާ ޖައްސައި މުޅި ސަރަހައްދަށް ޒަހަރު ލައިގެން އެއިން ނާޖާއިޒު ފައިދާ ނަގަމުން ގެންދާ އިސްތިއުމާރީ ވިސްނުމުގެ ގައުމެއްކަމަށް ސިފަކޮށްފައެވެ.

ޗައިނާއާއި ރަޝިއާގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އުތުރުކޮރެއާ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމުގައިވެސް އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް