ޕީޖީއާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއް

ޕީޖީ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރު ޖެނެރަލް އަލްއުސްތާޒް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލް--- ފޮޓޯ/ ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

ޕީޖީ އޮފީހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ގާނޫނު އަސާސީއާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނޭ ކަމަށް ޕީޖީން ބުނެއެވެ.

އެގޮތުން އޭސީސީން ތަހުގީގުކުރާ މައްސަލަތައް އެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ހިއްސާ ކުރަމުން ދިޔުން ހިމެނޭ ކަން ޕީޖީ އޮފީހުން ފާހަގަކުރެއެެވެ.

ޕީޖީން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، ދައުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ ދެ މުއައްސަސާ ގުޅިގެން ކަމަށެވެ. އެގޮތުން ތަހުގީގު ކުރިއަށްދާ މައްސަލަތަކުގައި އެ އޮފީހުގައި ގާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް ތަހުގީގަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުންދާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

ޕީޖީ އޮފީހުން ބުނީ ސޮއި ކުރެވުނު އެއްބަސްވުމުގެ މަގްސަދަކީ އެކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށެވެ.

comment ކޮމެންޓް