އެމްޑީއޭގެ އައު އޮފީހާއެކު އިދާރީ އޮނިގަނޑު ހަރުދަނާ ކުރުން އިތުރު ހަރުފަތަކަށް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ޕާޓީގެ އޮފީސް، މިއަދު މާލޭގައި ހުޅުވައިފިއެވެ.

މިއަދު އެ އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގައި ރާއްޖޭގެ ގައުމީ ދިދައިގެ އިތުރުން އެ ޕާޓީގެ ދިދަ ވެސް ވަނީ ނަގައިފައެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ އެމްޑީއޭގެ ނައިބު ރައީސް ޑރ. ޢާއިޝަތު ރަފިއްޔާއެވެ. އެ ޕާޓީގެ ދިދަ ނަންގަވައިދެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

އޮފީސް ހުޅުވުމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވުން ޑރ. ރަފިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށެވެ.

އެގޮތުން ޕާޓީގެ އިދާރީ ކަންކަން ވަރުގަދަކޮށް، ޕާޓީގެ އޮނިގަނޑު ހަރުދަނާ ކުރުމަށް، މިއަދު ހުޅުވި އޮފީހުގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށް ޑރ. ރަފިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެ އޮފީހުގައި މީގެ 10 އަހަރު ކުރިން ކުރަމުން އައި އިދާރީ މަސައްކަތް ފުޅާކޮށް، ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

އެމްޑީއޭގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"މި އޮފީހުގައި އިދާރީ މަސައްކަތް ވަރުގަދަކޮށް، އިދާރީ އޮނިގަނޑު ވަރުގަދަ ކުރެވޭނެ. އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްކޮށް، ބޭނުންވާ ގަވާއިދުތަކާއި އެސްއޯޕީތައް ތައްޔާރު ކުރެވޭނެ. މީގެ އިތުރުން އިތުރު މުވައްޒަފުން ގެނެސް، އިތުރު މަސައްކަތް ކުރެވޭނެ. އޮފީހުގައި އިދާރީ މަސައްކަތް ކުރިނަމަވެސް ސްޓްރެޓެޖިކް މަސައްކަތް ވެސް ކުރެވޭނެ،" ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

ޑރ. ރަފިއްޔާ ވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދަށް ޝުކުރުދަންނަވާފައެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ސިޔާމް ބައިވެރިވުމަކީ ދިވެހި ޒުވާނުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖެ މިއަދު ގޮވާލަނީ އެފަދަ ވެރިއަކަށް ކަމަށާއި ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރުގެ ފައިސާ ލިބޭ މައި ނާރު ކަމަށް ވީހިނދު މި ގައުމަށް މިއަދު ބޭނުންވަނީ އެދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވެސް ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

އެ އޮފީސް ހުޅުވުމާ ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް މައުރޫފް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ސިޔާމް ވާދަކުރައްވާއިރު މިހާރު ކުރަމުންދަނީ މެމްބާޝިޕް އިތުރު ކުރުމާއި އިދާރީ އޮނިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި އޮފީހުން ހުރިހާ އިދާރީ މަސައްކަތް ކުރެވޭނެ. އަދި ރަށްރަށުގައި ހުންނަ އޮފީސްތަކާ ގުޅިގެން މި އޮފީހުން މަސައްކަތް ކުރަމުންދާނީ. މި އޮފީސް ވެގެންދާނީ އެންމެ ވަރުގަދަ އިދާރީ އޮފީހަށް،" މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގެ ނައިބު ރައީސް ޑރ. ޢާއިޝަތު ރަފިއްޔާ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ އަލަށް ހުޅުވުނު އޮފީހާއެކު އިދާރީ މަސައްކަތް އަވަސްވާނެ ކަމަށެވެ. އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވެސް ނިންމޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ޕާޓީގެ ރައީސް، އަޙްމަދު ސިޔާމް މުޙައްމަދު އިންތިޚާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީއިން އަންނަނީ މެންބަރުން އިތުރުކުރުމަށް ބޮޑެތި ހަރަކާތްތަކެއް ބާއްވަމުންނެވެ.

comment ކޮމެންޓް