ޑިޕްލޮމާއިން މެޖިސްޓްރޭޓަކަށް ވެވޭގޮތް މިޒަމާނަކަށް ނުފެތޭ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް --- ފޮޓޯ/ މަޖިލިސް

ޑިޕްލޮމާ ހާސިލުކޮޮށްގެން މެޖިސްޓްރޭޓަކަށް ވެވުމަކީ މިޒަމާނަށް ފެތޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރަކީ ޑިޕްލޮމާ ކަމަށް ގާނޫނުގައި ލިޔެފައި ވަނީ މީގެ 12 އަހަރު ކުރިން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ދަށު ކޯޓުތަކުގެ ތެރެއިން ރަށު ކޯޓުތަކުގެ ފަނޑިޔާރެއްގެ ފެންވަރަކީ ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމެވެ. އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތަކީ ވެސް ދަށްވެގެން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުމެވެ.

އެކަމަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ޑިޕްލޮމާއަކީ ކޮން ފެންވަރެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ޑިގްރީއެއް ތިން އަހަރުން ހާސިލު ކުރެވޭއިރު ސިސްޓަމެޓިކް ކޮށް ބަލާނަމަ ޑިޕްލޮމާއަކީ އެ ޑިގްރީގެ ފުރަތަމަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު ޑިޕްލޮމާއަކުން ހާސިލު ކުރެވޭނީ ޑިގްރީއަކުން މީހަކު ހާސިލު ކުރާނެ މިންވަރުގެ ތިންބައިކުޅަ އެއްބައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ކޯޓުތައް ކުއްލިއަކަށް އުފެއްދި އިރުގައި މީހުން މާލެ ގެނެސް، 10 މަސް ދުވަހުގެ ޓްރެއިނިންއެއް ދީ، ކޯޓުގައި ތަމްރީނުވުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ގާޒީން ތަމްރީނު ކުރިޔަސް މިއަދު ދުނިޔެ ބަދަލުވެއްޖެ،" މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެެ.

އޭނާ ވިދާޅުވީ މިއަދު ކޯޓުތަކަށް ހުށަހެޅެނީ ވަރަށް ބޮޑެތި، ޙައްސާސް މައްސަލަތައް ކަމަށެވެ. އަދި ބޮޑެތި ގާނޫނުތަކާއި ބައިނަލްއަގްވާމީ ގޮތުން ހުރި ބައެއް ކަންތައްތައް އެކުވެ، ލާމެހިގެން ކޯޓުތަކުގައި މަސައްކަތް ކުރަންޖެހޭއިރު ކޯޓެއްގެ މެޖިސްޓްރޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރަކީ ޑިޕްލޮމާތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.

މެންބަރު ވިދާޅުވީ ކޯޓުތަކުގައި ތިއްބަވަން ޖެހޭނީ އެންމެ ދަށްވެގެން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭނީ އެންމެ ދަށްވެގެން، މާސްޓާސް ހާސިލުކުރައްވާފައި ތިއްބަވާ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ލޯ ފެކަލްޓީގައި މިހާރުވެސް 240 ކުދިންނަށް ޖާގަ ދީގެން ކިޔަވައިދެމުން ދާ ކަމަށެވެ. އަދި މަތީ ތައުލީމަށް ފުރުސަތުތައް ފަހިވެގެން އެކަން ރަނގަޅަށް ގޮސްފައިވަނީ ފާއިތު ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވިލާ ކޮލެޖުގައި ވެސް ލޯ ކިޔަވައިދެމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަ އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެމަނިކުފާނަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން ނަންގަވާއިރު އެ ޕެނަލްގައި އިންނަވާ ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޑިގްރީއެއް ނެތް ފަނޑިޔާރެއް މިހާތަނަށް ނަގާފައިނުވާ ކަމަށެވެ.

comment ކޮމެންޓް