ދައުލަތަށް ޓެކްސް ފައިސާ ދައްކާފައިނުވާ 140 ފަރާތަކާއި ޓެކްސް ބަޔާން ހުށަހަޅާފައިނުވާ 256 ފަރާތެއްގެ ނަން ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމު ކޮށްފިއެވެ.
މީރާއިން އާންމު ކޮށްފައި ވަނީ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަމެވެ.
މީރާއިން އާންމު ކޮށްފައިވާ ޓެކްސް ފައިސާ ނުއްދަކާ ފަރާތްތަކުގެ ލިސްޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާހަމައަށް މުއަދަތު ދީގެންވެސް ޓެކްސް ފައިސާ ދައްކާފައި ނުވާ ފަރާތްކުގެ މައުލޫމާތެވެ.
"ސަން"އާ ވާހަކަދައްކަވަމުން މީރާގެ ސްޕޯކްޕާސަން އަޙްމަދު ޝަރީފް ވިދާޅުވީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައިވަނީ މީރާއަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން ކަމަށެވެ.
ޓެކްސް ފައިސާ ނުއްދަކާ ފަރާތްތަކަށް މީރާގެ އާންމު އުސޫލުގެ ދަށުން ޖޫރިމާނާވަމުން ދާނެކަން ވެސް ޝަރީފް ވިދާޅުވިއެވެ. ޖޫރިމަނާ ކުރަނީ ކޮންމެ ދުވަހަކަށް 0.05 ލާރީގެ އަދަދުންނެވެ.
ޝަރީފް ވިދާޅުވީ ޓެކްސް ނުދައްކާ ފަރާތްތަކުން އެ ފައިސާ ދެއްކުމުން އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރެވޭނެ ކަމަށެވެ. ދައްކަންޖެހޭ ފައިސާގެ އަދަދު އެއްފަހަރާ ދައްކައި ޚަލާސްނުކުރެވިއްޖެނަމަ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ބަހަލައިގެން ދެއްކޭގޮތް ހަމަޖެއްސިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް އަޅަން މިހާރު ފަށައިފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީރާއަށް މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޓެކްސް ފައިސާ ދެއްކުމާ ގުޅޭ މައުލޫމާތުގެ އިތުރުން މީރާގެ ޕޮލިސީއާ ގުޅޭ ހުރިހާ މައުލޫމާތެއް މީރާގެ ވެބްސައިޓުން ލިބޭނެއެވެ.