އަންނަ ޖެނުއަރީ މަހު ޖަނަވާރުންނަށް ހާއްސަ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި، ބުޅާ ގެންގުޅޭ މަރުކަޒަކާއި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުން ނިންމާފައި ވަނީ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގައެވެ.
އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން 12 މެންބަރުންގެ ވޯޓުންނެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޖަނަވާރުންނަށް ހާއްސަ މަރުކަޒުގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތްތައް ކުރުން ކަމަށެވެ.
ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ވިހާވެސް ކުޑަ ޖާގައެއް ބޭނުން ކޮށްގެން އެންމެ ރަނގަޅަށް އަދި އެންމެ ކުޑަ ޚަރަދެއްގައި ބުޅަލުގެ މައްސަލައަށް ހައްްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެޓް ޝެލްޓާއޭ އަދި އަނިމަލް ފެސިލިޓީއޭ ބުނި ނަމަވެސް އަޅުގަނޑުމެން އެތަން އަޅާނީ ޖަނަވާރުންނަށް ޓްރީޓްމެންޓް ދެވޭ ގޮތަށް ވެޓް ސާވިސްވެސް ދެވޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ އަމިއްލަ ޚަރަދުގައި ބުޅާ ޝެލްޓާ ގާއިމްކޮށްދޭނެ ބައެއް ހޯދަން އިއުލާނުކޮށްފައިވެއެވެ.
ނަމަވެސް އެކަމަށް އެކަށޭނެ ތަރުހީބެއް ނުލިބުނު ކަމަށް އޭރު ކައުންސިލުން ބުންޏެވެ.
ވިލިމާލޭގައި ކުރިން ވެޓް ކްލިނިކެއް ހިންގަމުން އައި ނަމަވެސް މިދިޔަ އަހަރު ނިމުމާއެކު އެތަން ވަނީ ބަންދުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ބުޅާ ގެންގުޅެން ފެސިލިޓީއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ފެސިލިޓީ ހަދާފައެއް ނުވެއެވެ.