ނޭކުރެންދޫ ޖަލުގެ ވަށާފާރު ރޭނުމަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ނޭކުރެންދޫ ޖަލުގެ ވަށާފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުން ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ވަށާފާރު ރޭނުމަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. އަދި ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީއެވެ.

ނޭކުރެންދޫ ޖަލުގެ ވަށާފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 250 ދުވަހުގެ ތެރޭގައި ޖަލުގެ އުތުރު ފަރާތުގައި 614 މީޓަރު ދިގު 6.096 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިރުމަތި ފަރާތުގައި 462 މީޓަރު ދިގު 6.096 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ނޭކުރެންދޫގައި ކުރުމަށް މިއަދު އެއްބަސްވެވުނު މަސައްކަތަކީ ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ގިނަ ޒުވާނުންތަކެއް މިހާރު ވަމުންދާއިރު އެކަމުގެ ހިތި ވަރަށް ގިނަ އާއިލާތަކަކުން ތަހައްމަަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ޒުވާނުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު އެ ޒުވާނުންނަށް އަނބުރާ މުޖުތަމައަށް ނިކުމެ މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

"އަންނަ އަހަރަކީ ޖަލުގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް. މިހާރު ވާނީ މުޅިތަނުގެ ޑިޒައިންއާ އެއްޗެހި ވެސް ނިންމާފަ. މިހާރު ރާވައިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ނޭކުރެންދޫ ޖަލުގެ ވަށާފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރުން ނޭކުރެންދޫގައި އެ މަސައްކަތްކުރަން މިހާރު ނިންމައިފައިވާއިރު އެކަމަކީ މިދިޔަ ސަރުކާރުން ވެސް ކުރަން އުޅުނު މަސައްކަތެކެވެ.

ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެންމެ ފުރަތަމަ ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ނަމަވެސް އެ މަސައްކަތް ނުކުރެވި މިދިޔަ ދައުރުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެސް ވަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެކަންވެސް ނުވެ ވަކި ހިސާބަކުން އެ މަަސައްކަތް ވަނީ ހުއްޓާލައިފައެެވެ.

comment ކޮމެންޓް