ދުވާފަރު ކައުންސިލްގެ ބޮޑު ޚިޔާނާތް: ތަހުގީގު ނިންމައި މަޝްވަރާއަށް ޕީޖީއަށް

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފެށި މައްސަލައިގެ ތަހުގީގު ނިންމައި، ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބަލައިގަނެ އެ މައްސަލަ ބަލަން ނިންމައިފައިވާ ކަމަށް އޭސީސީން ބުނީ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ.

އޭރު އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަަމަށެވެ.

https://sun.mv/167938

އެގޮތުން މިއަހަރުގެ އޮގަސްޓު މަހުގެ 25ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ އަށްވަނަ ވަނަ ދުވަހާ ހަމައަށް އޭސީސީގެ ޚާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފައެވެ.

އެކަމާ ގުޅިގެން އެއޭސީސީން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕީޖީއަށް ފޮނުވައިފައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ ކޮރަޕްޝަންގެ އެ މުއާމަލާތްތަކާ ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިމިފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ކަމަށް އޭސީސީން ބުންޏެވެ.

ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާއިރު، އޭސީސީން ބުނީ އެ މައްސަލައިގައި ދައުވާކުރެވޭނެ މީހުންގެ މައުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު އެ ކޮމިޝަނުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

https://sun.mv/166715

އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާ ކަމަށެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަން ޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލު ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

comment ކޮމެންޓް