ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވާ ފޯމަށް ބަދަލުގެންނަނީ

އޭޕްރީލް 19، 2021: އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ނޮވެމްބަރު މަހުން ފެށިގެން, ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވާން ފުރާ ފޯމަށް ބަދަލުގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ "ސަން"އަށް ވިދާޅުވީ މި ބަދަލުގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ސިޔާސީ ފާޓީތަކަށް މީހުން ވަގަށް ވައްދާ މިންވަރު މަދުކުރުމަށް ކަމަށެވެ.

"ދެން މިހާރު މާނައެއް ނެތް ކަމަށް ބެލެވޭ ބައެއް ބައިތައް އުނިކޮށްފަ، މިދިޔަ ދުވަސްތަކުގެ ތަޖުރިބާއަށް ބަލާފަ މަސައްކަތް ވެސް އަވަސް ވާނެހެން ހެޔޮ ބަދަލެއް ގެނައުން ބޭނުމަކީ،" އޭނާ ވިދާޅުވިއެވެ.

ޕާޓީތަކަށް ރަޖިސްޓްރީވުމަށް ބޭނުންކުރާ ފޯމަށް ގެންނަ މައިގަނޑު ބަދަލަކީ ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާ މީހާގެ މަންމަގެ މައުލޫމާތު ފޯމުގައި ހިމެނުންކަމަށް ފުއާދު ވިދާޅުވިއެވެ.

"އޭރުން ވަގުފޯމު ފުރާ މީހުންނަށް ވެސް ވާނީ އުނދަގޫ ކަމަކަށް. އެއީ އައިޑީ ކާޑުގައި ވެސް އިންނަ މައުލޫމާތެއް ނޫން،" އޭނާ ވިިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި ހެކިންގެ ފިންގާ ޕްރިންޓި ވެސް އާ ފޯމުުގައި ހިމަނަންޖެހެއެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މިންވަރު މަދުކުރުމަށް ޕާޓީއަށް ރަޖިސްޓްރީވާން ބޭނުންކުރެވޭނެ ޕޯޓަލްއެއް އެކުލަވާލުމުގެ މަސައްކަތް ވެސް އީސީން ކުރަމުން އަންނަކަމަށެވެ. އަދި ބެލެވޭގޮތުގައި ޕޯޓަލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަދިވެސް ހުރިހާ އެއްޗެއް ފައިނަލައިޒްކޮށެއް ނުއެއް ނިމޭ. އަޅުގަނޑުމެން މީތި ޓެސްޓު ކުރުމަށް ވެސް ވަގުތު ބޭނުންވާނެ. އެ ސޮފްޓްވެއާ މިހާރު ވަނީ މައިގަނޑު ގޮތެއްގަ ތައްޔާރުކުރެވިފަ،" ފުއާދު ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ވައްދައިފިނަމަ އީސީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހު ހުޅުވާލައިފައެވެ. އަދި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ފޯމު ހުށަހެޅި ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް