60 އަހަރު ފަހުން އަލްވަދާއުކީ ރަންވޭއަށް އަވަސް ކަޅިއެއް!

60 ހަކަށް އަހަރުވީ ރަންވޭއިން އެންމެ ފަހުން އުދުއްސާލި ބޯޓު ---- ފޮޓޯ: އެމްއޭސީއެލް

މިދިޔަ ބުދަ ދުވަހުގެ ރޭ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެވަގުތު ޑިއުޓީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ރަންވޭ މައްޗަށް ނިކުމެ ލިބިގަތީ ވަރަށް ވެސް ތާރީޚީ ޝަރަފެކެވެ. މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ރާއްޖޭގައި ބޭނުންކުރި ރަންވޭއިން އުދުއްސާލާ އެންމެ ފަހުގެ ފްލައިޓަށް އަލްވަދާއުކިއުމެވެ.

ދިވެހިންގެ ގައިން ދާއޮހޮރުވައި ދިވެހިންގެ ޖޯރު، ފެނިގެން ދިޔަ ހަރަކާތަކުން މީގެ 60 އަހަރު ކުރިން އުފަންކުރި ރަންވޭއިން ފަހު ފްލައިޓްގެ ގޮތުގައި ޓާކިސް އެއާލައިން ފުރީ އެރޭ 23:07 ގައެވެ.

ދުވަސްވީ އެ ރަންވޭ ބޭނުން ކުރުން މި ހުއްޓާލީ އެންމެ ބޮޑެތި ބޯޓްތައް ޖެއްސޭ ފެންވަރުގެ އާ ރަންވޭއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރުމަށް ފަހުގައެވެ.

ހުޅުލޭގެ ތާރީހް,

ރާއްޖޭގެ އެހެން ރަށްތަކާ އެއްގޮތަށް ހުޅުލެ އަކީ ކުރީގައި މީހުން ދިރިއުޅެމުން ދިޔަ ރަށެކެވެ. މާލެ އަތޮޅުގެ ވެރިކަން ކުރި ރަށް ވެސް މެއެވެ. ދަނޑުވެރި، މަސްވެރި އަދި ގުދުރަތީ ގޮތުން ވެސް ރީތި ރަށެކެވެ.

ހުޅުލޭގައި އެންމެ ފުރަތަމަ ރަންވޭއަށް ގާއިމްކޮށް ފްލައިޓް ޖެއްސޭނެ އިންތިޒާމްތައް ގާއިމްކޮށްފައިވަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރުގައެވެ. އެއީ އިނގިރޭސިންގެ މައި ބޭސް ހުރި އައްޑު އަތޮޅު ގަމާއި ވެރިރަށް މާލެ ގުޅާލުމަށެވެ.

ހުޅުލޭގައި ދަގަނޑު ފިލާ ބޭނުންކޮށްގެން އިނގިރޭސިން ހެދި ރަންވޭ ----

ދަގަނޑު ފިލައިން ހެދި ކުޑަކުޑަ އެ ރަންވޭއަށް އެންމެ ފުރަތަމަ ބޯޓެއް ޖައްސާފައިވަނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސި އަސްކަރިއްޔާގެ ބޯޓެކެވެ. އިނގިރޭސިންގެ ހުއްދައާ އެކު ދިވެހި ސަރުކާރުން ވެސް އެ ރަންވޭ ބޭނުންކުރިއެވެ. ޒަރޫރީ ބޭނުންތަކުގައި ދިވެހި ސަރުކާރުގެ ވެރިން އަވަށްޓެރި ކޮޅުބަށް ދަތުރުކުރުމަށެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިންނާ އެންމެ ފުރަތަމަ މައްސަލަ ޖެހެން މެދުވެރިވި އެއް ސަބަބަކީ ވެސް އެއާޕޯޓެވެ. އެއީ އިނގިރޭސީން ހުޅުލޭގައި ހެދި ރަންވޭ އާއި އެ މީހުންގެ ބޯޓުން ދަތުރު ކުރުމަށް ދިވެހިނަށް ދަތިތަކާ ކުރިމަތިވުމުންނެވެ. ވެރިން ބޭނުންވި ދަތުރުތައް ކޮށްދިނުމަށް އިނގިރޭސިން ދެކޮޅު ހެދުމެވެ.

ރަންވޭގެ ތާރީޚަށް އަވަސް ކަޅިއެއް!

ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އައިސް ދިވެހިން އެ ރަންވޭގެ މަސައްކަތް ފަށާފައިވަނީ 1960 ހިސާބުގައެވެ. ދަގަނޑު ފިލައިން އިނގިރޭސީން އޭރު ހަދާފައި އޮތް ރަންވޭއަށް އޭރުވެސް ކޮންމެވެސް ވަރަކަށް ފްލައިޓް ޖައްސައެވެ.

އެންމެ ފުރަތަމަ ކޮމާޝިއަލް ފްލައިޓް އެއާޕޯޓްގައި ޖެއްސީ 1962 ވަނަ އަހަރުގައެވެ. އެއީ އެއާ ސިލޯންގެ ފްލައިޓެކެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އެ ރަންވޭ ބޭނުން ކުރާތާ 60 އަހަރުވީއެވެ.

ދިވެހިންގެ ގައިން ދާ އޮހުރުވައިގެން އާ ރަންވޭއެއް ހަދައި ހުޅުލޭ އެއާޕޯޓުގެ ނަމުގައި ރަސްމީކޮށް، ހުޅުވާފައިވަނީ 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

އަދި ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރަންވޭ އިތުރަށް ތަރައްގީކޮށް 1981 ވަނަ އަހަރު ހުޅުވިއެވެ.

އެ ރަންވޭއާ މިއަދު ދިވެހިން އަލްވަދާއު ކިޔާފައިވާއިރު އެ ރަންވޭ އަކީ ދިވެހިންގެ ލެއާ ގުޅިފައިވާ ތާރީޚީ ރަންވޭއެކެވެ.

ކުރީގެ ހުޅުލެ އެއާޕޯޓް:

އިނގިރޭސިންގެ ތައްޕާހުގައި ވައިގެ މަގުން ދަތުރު ކުރުމަށް ދިވެހިން އުފަލަން ޖެހިފައި އޮތް ތަކުލީފް ނިމުމަކަށް ގެނައުމަށް ނިކުތީ ވެސް ދިވެހިންނެވެ. ފްލައިޓް ޖެއްސުމަށް އިނގިރޭސީން އަޅާފައިހުރި ދަނގަޑު ފިލާތައް ނަގައި އުކާލައި ދިވެހިންގެ އެއާޕޯޓުގައި ދިވެހި ރަންވޭއެއް އެޅުމުގެ މަސައްކަތް ފެށީ އޭރު ވެރިކަމުގައި ހުންނެވި އިބްރާހިމް ނާސިރުގެ މޭސްތިރި ކަމުގައެވެ.

ހުޅުލޭގައި ދިވެހިން ފުރަތަމަ ހެދި ރަންވޭއަށް ފްލައިޓް ޖެއްސި ދުވަހު އިބްރާހިމް ނާސިރު އެއާޕޯޓުގައި ---

މިހާރު އެންމެ ޒަމާނީ ރަންވޭއެއް

އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށްފަހު ކުރީގެ ރަންވޭއަށް ފްލައިޓް ޖެއްސުން ހުއްޓާލައި އެ ރަންވޭ ދެން ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

އިއްޔެ ރަސްމީކޮށް ހުޅުވި ރަންވޭ ހެދުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ އެ މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރުގައެވެ. އެއީ ހަތަރު ސަތޭކަ ފަންސާސް ދެ މިލިއަން ޑޮލަރަށެވެ. އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ. މުޅި އެ މަސައްކަތް ކޮށްފައިވަނީ ތަޖުރިބާކާރު ކޮންސަލްޓަންޓުންގެ ބެލުމުގެ ދަށުންނެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ސުރުބަނާ ކުންފުންޏާއި ޖަރުމަނުގެ ހަންސާ ކުންފުނި ވެސް ހިމެނެއެވެ.

މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.

މީގެކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ފްލައިޓް ނުޖެއްސި މަތީގައި ގިނައިރުވަންދެން އުދުހެން ޖެހުމަކީ ރާއްޖެ އަންނަ އެއާލައިންތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މަތިންދާ ބޯޓަށް އަޅާ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އެއާޕޯޓް ބިޒީ ދުވަހެއްނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓް ވަރަށް ގިނަ ފަހަރަށް ކޮލަމްބޯއަށް ޑައިވާޓްކުރަން ޖެހެއެވެ. އެކަންކަމަށް ދެން ނިމުމެއް އަންނާނެއެވެ.

އިއްޔެ އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ފްލައިޓް ޖެއްސުމުގައި ކުރިން ހޭދަވާ ވަގުތު ހަތް މިނެޓުން ތިން މިނެޓަށް ކުރުވެގެންދާނެއެވެ. ކުރިން ގަޑިއަކު 16 ފްލައިޓު ޖެއްސޭއިރު، އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ގަޑިއަކު 32 ފްލައިޓް ޖެއްސުމުގެ ގާބިލުކަން ލިބޭނެއެވެ.

ކުރީގެ ރަންވޭއާ ގުޅިފައިވަނީ އެއްކަމެއް ދެ ކަމެއް ނޫނެވެ. އެއީ ރާއްޖެއަށް އެތައް މިލިއަން ޓޫރިސްޓުންނެއް ގެނައުމަށް އެންމެ ބޮޑު އެހީއަކަށްވި އެއް ވަސީލަތެވެ. ވޭތުވެދިޔަ 60 އެއްހާ އަހަރުގެ ތެރޭގައި އެ ރަންވޭއިން އެތައް ފައިދާއެއް މި ގައުމަށްވިއެވެ.

comment ކޮމެންޓް