ފާޙިޝް އަމަލުތައް ރިކޯޑްކޮށް އާންމުކުރާ މީހުނަށް ޚުތުބާގައި އިންޒާރެއް!

އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ: މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައި ފާހިޝް އަމަލުތައް ނުފެތެރުމުގެ މުހިންމު ކަމުގެ މައްޗަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެހެން މީހުންގެ ސިއްރުތަކާއި ފާޙިޝް އަމަލުތައް ރިކޯޑްކޮށް އާންމުކޮށް އަދި ފަތުރާ މީހުންނަށް ބޮޑުވެގެންވާ އަޛާބު ލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތިމާގެ އަޚާ ފަޟީހަތް ކުރުމުން ދުރިހެލިވުމުގެ މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ ރިވެތި ސިފަތަކާއި މާތް އަޚްލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާކުރުން ހިމެނޭ ކަމަށެވެ.

"މާތް الله އަކީ އެކަލާންގެ އަޅުތަކުންނަށް ކުރެވޭ ނުވައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާންގެ. މިހެނެވެ އިސްލާމް ދީން މުސްލިމުންނަށް އެމީހުންގެ އައުރު ނިވާކުރުމަށާއި އެހެން މީހުންގެ ސިއްރުތައް ރައްކައުތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވައިލައެވެ," ޚުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ އަހަރުމެންނަށް އަމުރު ކުރައްވާފައިވަނީ ކުރެވޭ ކުށްފާފަތައް ވަންހަނާ ކުރަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަމިއްލައަށް އެކަންކަން އާއްމުކޮށް ފާޅު ނުކުރާހައި ހިނދަކު މާތް الله އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި ވަންހަނާ ކޮށްދެއްވާނެ ކަމަށެވެ.

"ތިމަން ކަލޭގެފާނުގެ އުއްމަތުގެ އެންމެންނަކީ އެމީހުން ކުރާ ހަޑި ހުތުރު އަމަލުތައް ފާޅުނުކުރާހައި ހިނދަކު މައާފުވެވިގެންވާ ބައެއް. މީހަކު ރާގަނޑު ހަޑިހުތުރު އަމަލެއްކޮށް އެކަން الله ތައާލާ ފޮރުއްވައިދެއްވާފައި ވަނިކޮށް ހެނދުނު ތެދެވު މީސްތަކުންގެ ގާތަށް ގޮސް އަހަރެން ރޭ އެވަނި މިވެނި ކަމެއް ކުރީމޭ ބުނެ އެވާހަކަ ދެއްކުމަކީ الله ވަންހަނާ ކޮށްދެއްވާފައިވާ ސިއްރެއް ފާޅުކުރުމުގެ ތެރޭގައިވާ ކަމެއް," ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.

ކުރެވޭ ކުށްފާފަތަކާއި ހަޑި ހުތުރު އަމުލުތައް ވަންހަނާކުރުމަކީ ގިޔާމަތް ދުވަހުން މާތްاللهގެ ފުއްސެވުމާއި މަޣްފިރަތު ލިބޭނެ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުނަށް ކީރިތި ރަސޫލާ ވަނީ އިންޒާރުގެ ބަސްފުޅެއް ހަދީޘް ކުރައްވާފައި ކަމަށެވެ.

"ދުލުކުރިން އީމާންވ އެ އީމާންކަން ހިތުގެ ތެރެއަށް އަދި ނުވަންނަ މީހުންނޭވެ. ތިޔަބައިމީހުން މުސްލިމުންގެ އީބަ ނުބުނާށެވެ. އަދި ތިޔަބައިމީހުން އެބައިމީހުންގެ އުނި ސިފަތަކާއި ސިއްރުތައް ހާމަނުކުރާށެވެ. ފަހަ ހަމަކަށަވަރުން އެމީހުންގެ ސިއްރުތަކާއި އުނި ސިފަަތައް ހާމަކޮށްދި މީހާ އޭނާގެ ގޭތެރޭގައި ފިލައި އޮތަސް މާތް الله އޭނާ ފަޟީހަތް ކުރައްވާނެތެވެ," ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.

މާތް اللهގެ އަޅުތަކުން ފަޟީހަތްނުކޮށް އެމީހުންގެ ނުވައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ الله ދެކެ ބިރުގަންނަ އާޚިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"އަތުގައި އޮންނަ މޯބައިލް ފޯނުގެ ޒަރިއްޔާއިން މީހުންނަށް ނޭންގޭ ގޮތަށް ތަންތަނާއި މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް އެ ސިއްރުތައް އާއްމުކޮށްލާ ހިނދު އެފަދަ ކަންކަން ކުރާ ކޮންމެ މީހަކު ވެސް ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނައިލަން ޖެހޭނެ," ޚުތުބާގައި ވަނީ ބުނެފައެވެ.

މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގައި މާނާގައިވެއެވެ. ހުތުރުކަންބޮޑު ފާފައިގެ ވާހަކަ އާއި އަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ހުންނާނެއެވެ.

އެ މީހުނަށް އިންޒާރުގެ ބަސްފުޅު ވަހީ ކުރައްވާފައިވަނީ އެފަދަ އަމުލުތައް ފެތުރިގެން ދިއުމަށް ލޯބިކުރާތީކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ފަދަ ފާޙިޝް އަމަލުތައް ބޭޒާރުކޮށް ފަތުރާ މީހުނަށް ހުރި އަޒާބު އަދި މާބޮޑުވާނެ ކަމަށެވެ.

"މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ," ޚުތުބާގައި ވަނީ ބުނެފައެވެ.

ރިވެތި އަޚްލާޤުގެ ސިޑިން އިންސާނާއަށް ވާސިލުވެވޭނެ މަންޒިލް ވަރަށް އުސްވާނެ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިންސާނަކު ކުރާ އަމަލުތަކުން އޭނާއަށް ވާސިލް ނުވެވޭ ފަދަ މަގާމުތަކަށް, އޭނާގެ ރިވެތި އަހްލާގުގެ ސަބަބުން ވާސިލް ވެވޭނެ ކަމަށް ކީރިތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ.

comment ކޮމެންޓް