އެކުވެރިން ގުޅިގެން އުފެއްދި ކަނޑުފަތި، ކަނޑަށް ހެޔޮވަރު!

އެކުވެރިންނާއި ރަހުމަތްތެރިން އެކީގައި ތަފާތު އެކި ކަންތައް ކުރެއެވެ. އެއްބަޔަކު އެކީގައި ޓީމް ހަދައިގެން ކުޅިވަރު ކުޅެއެވެ. އަނެއްބަޔަކު އެކީގައި ކައްކައިގެން ވިޔަފާރި ފަށައެވެ. ނަމަވެސް ށ. ކަނޑިތީމަށް ނިސްބަތްވާ އެކުވެރިންތަކެއް މި ފެށީ ތަފާތު ކަމެކެވެ. ކަނޑަށް އޮތް ލޯތްބާއެކު ކަނޑާ ގުޅުންހުރި ސަޅި ބްރޭންޑެއް މި އެކުވެރިން އުފެއްދީއެވެ.

ކަނޑިތީމަށް ނިސްބަތްވާ މި އެކުވެރިންގެ ޓީމުން ގުޅިގެން "ކަނޑުފަތި" ނަމުގައި ކަނޑުމައްޗަށް ބޭނުންވާނެ ތަކެތި ހިމެނޭ ބްރޭންޑެއް އުފައްދައި ކަނޑަށް މިއޮތީ ހެޔޮވަރު ކޮށްލާފައެވެ.

ތިން ޒުވާނުން ހިމެނޭ މި ޓީމަކީ ވަރުގަދަ އެކުވެރިކަމެއް އޮތް ޓީމެކެވެ. ބްރޭންޑެއްގެ ހިޔާލު ވުޖޫދަށް އައުމުގެ އެތައް އަހަރެއް ކުރީން މި ތިން މީހުންނަކީ ގާތް އެކުވެރިންނެވެ. ރަށުގައި އުޅެ ބޮޑުވުމުގެ ސަބަބުން ތިން މީހުން ވެސް ވަރަށް ކުޑައިރުން ފެށިގެން އެކަކު އަނެކަކަށް އެނގެއެވެ. އަދި ސީދާ އެއް އުމުރެއްގެ ތިން މީހުންނަށް ނުވި ނަމަވެސް މިޒާޖުގެ ގޮތުން ދިމާވާތީ ތިން މީހުން ވެސް ވަރަށް ފަސޭހައިން ގާތް އެކުވެރިންނަށް ވެއްޖެއެވެ.

ކަނޑުފަތި ބްރޭންޑުގެ ދަށުން ކަނޑަށް ކަމުދާނެ އެކި ކަހަލަ ޓީޝާޓު އަދި ޝޯޓު އަދި ކަނޑަށް ބޭނުންވާނެ ތަކެތި ވިއްކާނެ —- ފޮޓޯ : ކަނޑުފަތި

އެކީގައި އެންމެފަހުން ބޮޑުވިއިރު ވެސް ތިން މީހުންގެ މެދުގައި އޮތް ގުޅުން ހަމަ ވަރުގަދައެވެ. ތަފާތު އެކި ކަންތައްތަކުގައި ތިން މީހުންގެ އަމިއްލަ ހަޔާތެއް އޮތް ނަމަވެސް އަބަދުވެސް ތިން މީހުން އެކުގައި ކަންތައްތައް ކުރުމަށް ވަގުތު ހޯދައެވެ.

"ބޮޑެތިވި ފަހުން އަސްލު އުފެދުނު އެކުވެރި ކަމެއްގެ ސަބަބުން ކަނޑުފަތި އުފެދިގެން އައީ،" ކަނޑުފަތީގެ ކޯފައުންޑާ އަދި ޓީމުގެ މެމްބަރު އިބްރާހީމް ޝަރީފް ބުންޏެވެ.

ތިން މީހުން އެންމެ ގިނައިން އެކުގައި ކުރާ އެއް ކަމަކީ މަހަށް ދިޔުމެވެ. ޝަރީފް ބުނާގޮތުގައި ތިން މީހުންނަކީ ވެސް އައުޓްޑޯ އެކްޓިވިޓީތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ ތިން މީހުންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނަ ފަހަރަކު އެއްވެ ވަގުތު ހޭދަކުރަނީ މަހަށް ގޮސްގެނެވެ. ޝަރީފް ބުނާގޮތުގައި ތިން މީހުން މަސްވެރިކަން ކުރަނީ "ރިކްރިއޭޝަނަލް" ހަރަކާތެއްގެ ގޮތުގައެވެ.

"މަސްވެރިކަން ކުރަނީ ރިކްރިއޭޝަނަލް އެކްޓިވިޓީއެއްގެ ގޮތުގައި. އެހެންވެ އެންމެނަށް އާންމުކޮށް އެއްޗެހި ގަންނަނީ ރާއްޖެއިން ބޭރުން،" ޝަރީފް ފާހަގަކުރިއެވެ.

ނަމަވެސް އަބަދު ރާއްޖެއިން ބޭރުން އެ ތަކެތި ގެނެސް ބޭނުންކުރުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ކަނޑުފަތި އުފެދެން އުޅުނީ މިހާ ހިސާބުންނެވެ. ޝަރީފާއި އޭނާގެ އެކުވެރިން ފަދައިން މަސްވެރިކަން ވިޔަފާރިއެއްގެ ގޮތުގައި ނޫން ގޮތަކަށް ކުރާ މީހުން އުޅޭނެ ކަމަށް ފެނި މަސްވެރިންނަށް ހާއްސަ ބްރޭންޑެއް ތައްޔާރު ކުރުމަށް ވިސްނަން ފެށީ ދެނެވެ.

"އަހަރެމެން އުޅެ ބޮޑުވަނީ ކަނޑު ފަޅުގެ ތެރެއިން. އެހެންވީމާ ހުރިހާ ދިވެހިންގެ މެދުގައި ވެސް ޒަމާންވީ މަސްވެރިކަން އިތުރަށް އަށަގަންނުވައި ދިވެހިންނަށް ދިވެހިން އުފައްދާ ޕްރޮޑަކްޓެއް ހޯދަން ރަނގަޅުވާނެ ކަމަށް އަމިއްލަ ބްރޭންޑެއް އުފައްދަން އެންމެން ވިސްނަން ފެށީ،" ކަނޑުފަތި އުފެދެން ދިމާވި ގޮތް ޝަރީފް ކިޔައިދިނެވެ.

ކަނޑުފަތި ބްރޭންޑުގެ ދަށުން ކަނޑަށް ކަމުދާނެ އެކި ކަހަލަ ޓީޝާޓު އަދި ޝޯޓު އަދި ކަނޑަށް ބޭނުންވާނެ ތަކެތި ވިއްކާނެ —- ފޮޓޯ : ކަނޑުފަތި

އެކުވެރިންގެ ގްރޫޕުގައި ޑިޒައިނަރެއް އުޅުމަކީ އެ ބްރޭންޑު އިތުރަށް ހަގީގަތަކަށް ހަދައި މުޅި ބްރޭންޑުގެ ހިޔާލުތަކާއި ގޯލުތައް ހުރި މިސްރާބު، ގްރޫޕުގެ ތެރެއިން ފަރުމާ ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މި ޑިޒައިންތަކާއި ހިޔާލުތައް ހިފައިގެން ބޭރުގެ ބައެއްގެ ގާތަށް ދާން ނުޖެހުމަކީ ކަނޑުފަތި ޕްރޮޖެކްޓު ފަށައިގަންނަން ލިބުނު ބާރެކެވެ.

ކަނޑުފަތި މިހާރު ޑިޒައިންތަކާއި ހިޔާލުތަކުން ބޭރަށް ނިކުމެ ހަގީގަތަކަށް ވެއްޖެ އެވެ. މި ބްރޭންޑުގެ ދަށުން ކަނޑުމަތީގައި އުޅޭ ދިވެހިންނަށް، ދިވެހިންގެ އުފެއްދުންތައް ބޭނުންކޮށްލެވޭނެއެވެ.

މި ބްރޭޑްގެ އެންމެ ހާއްސަ ކަމަކީ ދިވެހި ކަނޑުތަކާއި ފަރުތަކުންގެ ދިރުމުން އިންސްޕަޔާވެ ދިވެހިން ޑިޒަންކޮށް މާކެޓުކޮށްފައިވާ އުފެއްދުންތަކެއް ހިމެނުން ކަމުގައި ކަނޑުފަތި އިން ބުނެއެވެ.

ކަނޑު އަދި ކަނދުފަތި މި ދެ ބަސް އެއްކޮށްގެން އުފެދިގެން އައި ކަނޑުފަތި ކިކް އޮފް ވެފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. އެއާއެކު މިހާރު މި ބްރޭންޑުގެ ދަށުން ތަފާތު އެއްޗެހި ލިބޭނެއެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކަކީ ޕާފޮމެންސް ޓީޝާޓްތަކާއި ހުޑީތަކުގެ އިތުރުން ބޯޑް ޝޯޓްތަކެވެ.

މި ހުރިހާ އުފެއްދުންތަކަކީ ވެސް ބޭރުން އެމީހުން ކުރިން ގެނެސް އުޅުނު ޕްރޮޑަކްޓަތަކާ އެއް ފެންވަރެއްގައި ހުރި ޕްރޮޑަކްޓްތަކެވެ. އެހެންނަމަވެސް އެއާއެކު ވެސް ކަނޑުފަތި ޕްރޮޑަކްޓްތަކުގެ އަގު ހެޔޮވާނެ ކަމަށް ޝަރީފް ބުނެއެވެ.

ކަނޑުފަތީގެ މަލަމަތި އުޖާލާ ނަމަވެސް މަސައްކަތް ފަށައިގަނެވުނީ ގަދަ ކަނޑެއްގެ ތެރެއިން ބޯ ވިލާތަކާއެކުގައެވެ. ކަނޑުފަތީގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށީ ކޮވިޑްގެ ތެރެއިން 2020 ވަނަ އަހަރުގައެވެ. ލޮޖިސްޓިކްގެ މަސައްކަތްތަކަށް މިއާއެކު އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ޝަރީފް ފާހަގަކުރިއެވެ.

"ދެން ދަތުރުފަތު އޮތް ގޮތުން ބޭރުން ތަކެތި ގެންނަން ވަރަށް އުނދަގޫވި. ތަކެތި ލިބިއްޖެ ނަމަ އެ ލިބެން އެހާ ދުވަސް ނަގާ. އަދި ދުވަސްވަރުގެ ގޮތުން ފައިސާ އަށް ވެސް ވަރަށް ދަތިވި،" ޝަރީފް ކިޔައިދިނެވެ.

އެންމެންގެ އުއްމީދުތަކަށް އެތައް ގޮންޖެހުންތަކެއް ހުއްޓެވެ. ނަމަވެސް އެންމެންވެސް އެކަން ދެކުނީ މަސައްކަތުގެ ނިމުމުގެ ބަދަލުގައި ރޯޑްބްލޮކެއްގެ ގޮތުގައެވެ. އަދި އެ ބްލޮކް ހުރަސްކޮށްލެވުމުން ކާމިޔާބުވާނެ ކަމުގެ އުއްމީދުގައި އެންމެން ވެސް ބޭނުންވީ ހިތްވަރު އެލުވައި ނުލައި މަސައްކަތް ކުރުމަށެވެ. އޭގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ.

އާންމުން ވެސް އަންނަނީ ކަނޑުފަތި މަޑުމަޑުން ބަލައިގަންނަމުންނެވެ. ކްރޮސްރޯޑްސް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަދަ ތަންތަނުން މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެން ހުރިއިރު ކުރިއަށް އޮތް ތަނުގައި އާ ޕްރޮޑަކްޓުތަކާއެކު އެ ބްރޭންޑު އިތުރަށް ފުޅާ ކުރުމަށް މިހާރު ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ތިން މީހުންގެ އެކުވެރިކަމުގައި ކަނޑުމައްޗަށް ވަރުގަދަ ކަނދުފައްޗެއް މިއޮތީ ބަނދެފައެވެ. ކަނޑުފަތީގެ އަމާޒު ވަރުގަދައެވެ. މިސްރާބު ދުރެވެ. ނަމަވެސް ތިން މީހުން ދަތުރު އެކީގައި ކުރުމަށް ތިބީ އަޒުމު ކަނޑައަޅައިގެންނެވެ.

comment ކޮމެންޓް