މިގޮތަށް މުއްސަނދިވާނަންތަ؟

ފޮޓޯ: ޓިމްއެންޑްޖޫލީހެރިސް.ކޮމް

ދުނިޔޭގެ ތަނަވަސްކަން ދޫކޮށްލައި ފަގީރެއްގެ ގޮތުގައި އުމުރު ހޭދަކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއްނޫނެވެ. އާޚިރަތުގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމާއެކު، ދުނިޔެވީ މަންފާއަށްޓަކައިވެސް މަސައްކަތް ކުރުމަށް އަންގަވާފައިވެއެވެ.(ޤަޞަޞް: 77) އަދި ﷲ ގެ ރަޙުމަތުން ތަނަވަސްކަމެއް ލިބިއްޖެމީހާ އޭގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށްވެސް އަންގަވާފައިވެއެވެ.(ޙާކިމް: 7846 ، އިބްނު އަބިއްދުންޔާ: 111)

ދުނިޔޭގެ މުއްސަނދިކަން ހޯދުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާއިރު، އެކަން ލިބިގަތުގައި ކޮންމެހެން ބަލަންޖެހޭ މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވެއެވެ. މުދާ ލިބިގަތުން ހުއްދަ މަގުތަކާއި ހުއްދަނޫން މަގުތައް ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ބަލާއިރު ތަނަވަސްކަން ހޯދުމަށްޓަކައި އެއްގޮތަކަށްވެސް ކައިރިވެގެންނުވާނެ އެއް ކަމަކީ ޖުވާ ކުޅުމެވެ.

ޖުވާއަކީ الله ޙަރާމް ކުރައްވާފައިވާ، ޝައިތާނީ އަމަލެއް ކަމާމެދު އަހަރެމެން ދެބަހެއް ނުވަމެވެ. އަދި މިކަން ޙަރާމް ކުރައްވާފައިވުމުން، މިކަމާ ދުރުވެގެން ތިބުމަށް އަހަރެމެން މުސްލިމުން ދެކޮޅެއްވެސް ނުހަދަމެވެ. الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައިހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެތެރެއިންވާ މުޑުދާރު ކަންކަމާއި ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."(މާއިދާ: 90)

ޖުވާގެ މާނަ

ޖުވާ އެވެ ކިޔަނީ އަރަބި ބަހުގައި ބޭނުންކުރާ މައިސިރު (المَيْسِر) ނުވަތަ ޤިމާރު (القمار) އަށެވެ. މައިސިރުއަކީ ކަމަކުން މަންފާ ހޯދުމަށްޓަކައި އާއްމުކޮށް މީހުން އުފުލާފަދަ ބުރައެއް އުފުލުމަކާނުލައި ފައިދާ ހޯދުމެވެ. ނުވަތަ މަސައްކަތަކަށްވާ ކަހަލަ ކަމެއް ނުކޮށް، ފަސޭހަ މަގުން އެއްޗެއް ލިބިގަތުމެވެ. އަލްޖުރުޖާނީ ބަޔާން ކުރައްވާ ގޮތުގައި ޖުވާ (القمار) އަކީ ދެފަރާތެއްގެ ދެމެދުގައި ކުޅެވޭ ކުޅިވަރެއްގައި ބަލިވާ މީހާގެ ފަރާތުން މޮޅުވާ މީހާއަށް އެއްޗެއް ލިބޭގޮތަށް ޝަރުތުކޮށްގެން ކުޅޭ ކުޅިވަރެވެ.

ޖުވާއަށް އިނގިރޭސި ބަހުން ކިޔަނީ ގޭމްބްލިންގ އެވެ. އިހުގައި "ގޭމްބްލިންގ" މާނަކޮށްފައިވަނީ؛ އެ ކުޅުމުގައި ނަހަމަ ގޮތްތަކާއި މަކަރު ހެދުން އެކުލެވޭ ކުޅިވަރެއްގެ ގޮތުގައެވެ. މިޒަމާނުގައި "ގޭމްބްލިންގ" މާނަކުރާ ގޮތަށް ބަލާއިރު؛ އެއީ ޔަގީންކަމެއްނެތް ނަތީޖާތަކެއް (ޗާންސް) ގެ މައްޗަށް އެކުލެވޭ ހަރަކާތްތަކުގައި ފައިސާ ނުވަތަ އެނޫންވެސް އަގުހުރި ތަކެތި ބޭނުންކުރުމުގެ ހިރާސް (ރިސްކު) ނެގުމެވެ. (ޑެވަރެކްސް، 1979). މި މާނައިގައި ގޭމްބްލިންގ އަކީ އެ ކުޅޭމީހާ އޭނާގެ ހުނަރުތައް ބޭނުން ނުކޮށް ފައިސާގެ ފައިދާއެއް ހޯދުމަށް ކުރާ އަމަލެކެވެ. (ބްރެނަރ އަދި ބްރެނަރ، 1990). ގޭމްސް އޮފް ޗާންސް އާއި، ބެޓިން އަދި ލޮޓަރީ އަކީ ގޭމްބްލިންގ ގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ކަންކަމެވެ.

ޖުވާ ޙަރާމްވަނީ ކީއްވެ؟

ޖުވާއާ ބެހޭގޮތުން އިސްވެދިޔަ މާނަތަކަށް އެކަނި ބަލައިލިނަމަވެސް، ޖުވާ ކުޅުމަކީ ރަނގަޅު ކަމެއްނޫންކަން ސާފުކޮށް އެނގެއެވެ. އެކަމުގައި އޮތީ މަކަރު ހެދުމާއި ޖާއިޒުނޫން މަންފާ ލިބިގަތުމެވެ. އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް މީހުން ކުރާފަދަ މަސައްކަތަކާނުލައި ފަސޭހަ މަގަކުން މަންފާ ލިބިގަތުމެވެ. ކަމަކާމެދު ދެމީހަކު ހަރާދަ ކިޔައި ނުވަތަ ބެޓު ކުރުމަށްފަހު ދެރަވާމީހާގެ ފައިސާ ނުވަތަ މުދާ، މޮޅުވާ މީހާ ނެގުމެވެ. މިއީ އާމްދަނީ ހޯދުމަށް އިސްލާމްދީން ހުއްދަކުރާ ގޮތެއްނޫނެވެ. ހަމަ މިއާއެކު، ޖުވާ ކުޅެގެން މިނެޓުކޮޅެއްގެތެރޭގައި ބޮޑު ފައިދާއެއް ލިބުމުގެ ފުރުސަތު އޮންނަފަދައިން، ސިކުންތުކޮޅެއްގެ ތެރޭގައި ހަމަ އެހައިމެ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތުވެސް އޮވެއެވެ. ޖުވާ ކުޅުން ޙަރާމްކުރައްވައި އެއީ ޝައިތާނީ އަމަލެއްކަމުގައި އަންގަވާފައިވަނީ އެހެންވެގެންނެވެ.

ކެސީނޯ އާއި ޖުވާއާ ގުޅުމެއްވޭތަ؟

ކެސީނޯ އަކީ ކޮބައިހެއްޔެވެ؟ ބްރިޓޭނިކާ ޑިކްޝަނަރީގައިވާގޮތުން، ކެސީނޯއަކީ ޖުވާ ކުޅުމަށްޓަކައި ހަދާފައި ހުންނަ އިމާރާތް ނުވަތަ ކޮޓަރިއެވެ. ހަމަމިއާއެކު، ކެސީނޯއަކީ އެތަނުގައި ޖުވާ ހިމެނޭ ކުޅިވަރުތައް ކުޅޭ އިމާރާތް ނުވަތަ ކޮޓަރި ކަމުގައި ކޮލިންސް ޑިކްޝަނަރީގައިވެއެވެ. އަދި ކޭމްބްރިޖް ޑިކްޝަނަރީގައިވާގޮތުން، ކެސީނޯއަކީ ފައިސާ ހޯދުމަށްޓަކައި ތަފާތު ކުޅިވަރުތައް، ޚާއްޞަކޮށް ރޫލެޓް (ޖުވާ) އަދި ކާޑު ގޭމުތައް ކުޅޭ އިމާރާތެވެ. އަދި މިނޫންވެސް މަޝްހޫރު ބަސްފޮތްތަކުގައި، ކެސީނޯއަކީ ތަފާތު ކުޅިވަރުތައް، ޚާއްޞަ ގޮތެއްގައި ޖުވާގެ ކުޅިވަރުތައް ކުޅޭ ތަނެއްގެ ގޮތުގައި މާނަކޮށްފައިވެއެވެ.

ވީމާ، ކެސިނޯ އަކީ ވަކި ބާވަތެއްގެ ޖުވާގެ ހަރަކާތްތައް ހިންގާ ފެސިލިޓީއެކެވެ. އާއްމުގޮތެއްގައި ކެސީނޯތައް ބިނާކުރަނީ ހޮޓާތަކާއި ރެސްޓޯރެންޓުތަކާއި ޝޮޕިން މޯލުތަކާއި ކްރޫޒް ޝިޕްތަކާއި ރިޒޯޓުތަކާއި އަދި އެނޫންވެސް ފަތުރުވެރިންގެ މަންޒިލުތަކުގައި ނުވަތަ އެތަންތަނާ ކައިރީގައެވެ.

ޖުވާއާމެދު ޣައިރު މުސްލިމުން ދެކެނީ ކިހިނެއް؟

ޖުވާގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ އަދި އިޖުތިމާއީ މައްސަލަތަކާމެދު ވަރަށް ބޮޑަށް ބަހުސް ކުރެވެއެވެ. މިސާލަކަށް ބަލާއިރު އެމެރިކާއަކީ ފުޅާދާއިރާއެއްގައި ޖުވާކުޅުން މަގުބޫލުވެފައިވާ ގައުމެކެވެ. ނަމަވެސް، ޖުވާއަކީ އެގައުމުގައި އަދިވެސް ޚިޔާލު ތަފާތުވުން އުފެދޭ ހަރަކާތެކެވެ. އާއްމުކޮށް މީހުން ދެކެނީ އެއީ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމެއްގެ ގޮތުގައެވެ. އަދި ކެސީނޯ ގޭމްބްލިންގ އަކީ ޤާނޫނީގޮތުން ހުއްދަ އަދި މީހުންގެ މެދުގައި މަގުބޫލު ކަމެއްނަމަވެސް، ފައިސާ ބޭކާރުކުރުމާއި، (އެކަމުގެ ސަބަބުން) އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް ގެއްލުން ދިނުމަކީ ކުށްވެރި ކުރެވޭ އަދި "ހުތުރު ހަރަކާތެއް" ކަމަށް ބެލެވެއެވެ.(ވައިންސް އަދި ލިންޑަރސް، 2016). ހަމަ މިގޮތަށް، ޖުވާ ކުޅުން އާއްމުވެފައިވާ ފިންލޭންޑުގައިވެސް، އިޖުތިމާއީ އަދި ދީނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ޖުވާ ކުޅުމާމެދު ބަހުސްކުރެވެއެވެ. އަދި މިއީ ފިންލޭންޑްގައި ރަނގަޅު ނިޔަތެއްގައި ކުރަމުންދާ ކަމެއްނަމަވެސް، މިކަމުން މީހުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ދޫކޮށްނުލެވޭނެކަމަށް ލިޔުންތަކުގައި ވެއެވެ.(ހޭޔަރ އާއި ގްރިފިތްސް، 2009).

ބަޔާންވެދިޔަ ވާހަކަތަކުން އެނގޭގޮތުގައި، ޖުވާއަކީ ދީނީގޮތުންނާއި ދުނިޔެވީގޮތުން ބަލާއިރުވެސް މުސްލިމުން އެއާ ކައިރިވުން ހެޔޮވެގެންވާ ކަމެއްނޫނެވެ. ކަމަކާމެދު ﷲ އާ އެކަލާނގެ ރަސޫލާ - ޞައްލަﷲ ޢަލައިހި ވަސައްލަމަ - ވަކި ގޮތަކަށް އަންގަވައިފިނަމަ އެގޮތަކަށް ރުހި ގަބޫލުވުން މުސްލިމުންނަށް ވާޖިބުވާނެއެވެ. އެފަދަ ކަންކަމާމެދު ބަހުސްކޮށް، އެހެން ގޮތްތަކެއް ހޯދަން އުޅުން ހުއްދައެއްނުވާނެއެވެ.(އަޙުޒާބު: 36) ވީމާ ޖުވާއާ ގާތްނުވާށެވެ! ތަފާތު ނަމެއްގައިވިޔަސް ... އެފަދަ ޝައިތާނީ އަމަލުތައް ހިންގާ ތަންތަން ހަދަން މަސައްކަތް ނުކުރާށެވެ! ހަލާލު މަގުތައް ހުއްޓައި، ޙަރާމް މަގުތަކުން މުއްސަނދިވާން ހިތަށް ނާރުވާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް