ގަވާއިދާ ޚިލާފަށް ނަންބަރު ބޯޑު ހުރުމުގެ ސަބަބުން 1410 މީހަކަށް ފުލުހުން ނަސޭހަތް ދީފި

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން 1410 މީހަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނަންބަރު ބޯޑް ހުންނަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާ އުސޫލަށް އަމަލު ކުރަން ފަށައި އުސޫލާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާ މެދު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖުމުލަ 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ގަވާއިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާމެދު ފިޔަވަޅު އަޅައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައި ނުވެއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ނަމްބަރު ބޯޑު ގަވާއިދާ އެއްގޮތަށް ބަދަލުނުކުރާ ފަރާތްތަކަށް ނަސޭހަތް ދިނުން ފިޔަވައި ޖޫރިމަނާ ކުރުން ފަދަ އިތުރު އެހެން ފިޔަވަޅެއް އަދި އަޅާފައިނުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް