ތައިލެންޑުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ބަޑި ޖަހައި 22 ކުދިން މަރާލައިފި

ތައިލެންޑުގެ ޑޭ ކެއާ ސެންޓަރަކަށް ހަމަލާ ދިން މީހާ -- ފޮޓޯ/ ސީޕީއައި

ތައިލެންޑުގައި ކުޑަކުދިން ބަލަހައްޓާ ޑޭކެއާ ސެންޓަރެއްގައި ބަޑި އާއި ވަޅިން ދިން ހަމަލާއެއްގައި 34 މީހަކު މަރާލައިފިއެވެ.

ތައިލެންޑުގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ހަމަލާ ދީފައި ވަނީ އެގައުމުގެ ނޮން ބުއަ ލަމްޕޫ ޕްރޮވިންސުގައި ހުންނަ ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރަށެވެ. އެ ހަމަލާ ދިނީ ގިނަ ކުދިން ނިދާފައި ތިއްބާ ކަމަށާއި ހަމަލާގައި މަރުވި ކުދިންގެ އަދަދު 22އަށް އަރާ ކަމަށް އޮފިޝަލުން ބުނެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ތައިލެންޑުގެ ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯ (ސީއައިބީ)އިން ބުނި ގޮތުގައި އެ ހަމަލާ ދިނީ ފުލުހެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ 34 އަހަރުގެ ފިރިހެނެކެވެ.

އެ ހަމަލާ ދިނުމާއެކު ސަލާމަތީ ހިދުމަތުން އޭނާ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އޭނާ ފެނުނީ އަމިއްލައަށް މަރުވެފައި އޮއްވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އޭނާ ވަނީ އޭނާގެ އަނބިމީހާ އާއި ދަރިފުޅު ވެސް މަރާލާފައި ކަމަށް ތައިލެންޑުގެ ނޫސްތަކުގައިވެއެވެ.

ސީއައިބީން ބުނި ގޮތުގައި ހަމަލާ ދިން މީހާއަކީ މިދިޔަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކޮށް، މަސްތުވާތަކެތި ވިއްކުމުގެ ދައުވާ ކޮށްފައިވާ މީހެކެވެ. މިއަދު ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ އެ މައްސަލައިގެ އަޑުއެހުމަކަށް ކޯޓަށް ދިޔަ ކަމަށް ވެސް ސީއައިބީން ބުންޏެވެ.

ތައިލެންޑަކީ ބަޑި ޖަހައި ގިނަ އަދަދެއްގެ މީހުން މެރުމުގެ ހާދިސާތައް ނިސްބަތުން މަދު ގައުމެކެވެ. ނަމަވެސް 2020 ވަނަ އަހަރު ސިފައިންގެ މީހަކު ދިން ހަމަލާއެއްގައި 29 މީހަކު މަރާފައިވެއެވެ.

comment ކޮމެންޓް