އިންޑޮނޭޝިއާގެ ސްޓޭޑިއަމްގައި މީހުން މަރުވީ ގޭޓުތައް ބަންދުކޮށްފައި ހުރުމުން

ސްޓޭޑިއަމްގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ -- ފޮޓޯ/ އޭއެފްޕީ

މިދިޔަ ހޮނިހިރު ދުވަހު އިންޑޮނޭޝިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި ގިނަ މީހުން މަރުވީ ސްޓޭޑިއަމްގެ ގޭޓުތައް ތަޅުލާފައި ހުރުމުން، ގޭޓުތައް ކައިރީގައި ތޮއްޖެހި ފިތިގެން ކަމަށް އިންޑޮނޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ ހާދިސާ ހިނގީ އިންޑޮނޭޝިއާގެ އެންމެ ވާދަވެރި ފުޓްބޯޅަ ޓީމުތައް ކަމަށްވާ އަރީމާ އެފްސީ އާއި ޕަރްސެބަޔާ ސުރަބަޔާ، އީސްޓް ޖާވާގައި އޮންނަ އަރީމާގެ ދަނޑުގައި ކުޅުނު މެޗެއްގެ ތެރެއިން ބައެއް ސަޕޯޓަރުން ހަމަނުޖެހުން އުފެއްދުމުންނެވެ.

އެ ހަމަނުޖެހުން ފެށުނީ އެ މެޗުން އަރީމާ 3-2ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެއާއެކު އެ ޓީމަށް ތާއިދު ކުރާ މީހުން ދަނޑަށް އަރައިގަތެވެ. ގާތްގަނޑަކަށް 42،000 މީހުން ތިބި އެ ސްޓޭޑިއަމުން ބަޔަކު ދަނޑަށް އެރުމުން އެ މީހުން މައިތިރި ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ކަރުނަ ގޭސް ވެސް ޖެހިއެވެ.

ސްޓޭޑިއަމްއަށް އެރި މީހުން މައިތިރި ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރި -- ފޮޓޯ/ އޭޕީ

އެ ހާދިސާގައި ޖުމުލަ 131 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 33 ކުޑަކުދިން ހިމެނެއެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ.

އިންޑޮނޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މެޗު ނިމުމުގެ 10 މިނިޓު ކުރިން ސްޓޭޑިއަމްގެ ގޭޓުތައް ހުޅުވަން ޖެހޭކަމަށާއި، ނަމަވެސް އެރޭ ގޭޓުތައް މެޗު ނިމުނުއިރުވެސް ހުޅުވާފައި ނުވާ ކަމަށެވެ.

އެ ސްޓޭޑިއަމްގައި ޖުމުލަ 14 ގޭޓް ހުރި އިރު، އެއާ އެއްވަރަށް މަސައްކަތު މީހުން ނެތްކަން އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އެ ހާދިސާއާ ގުޅިގެން، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ އަމުރަށް އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ހުރިހާ މެޗެއް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަރީމާ އެފްސީއަށް ތާއިދު ކުރާ މީހަކު ސްޓޭޑިއަމް ކައިރީގައި އިށީނދެގެން ހުރެ ރޮނީ: އެ ހާދިސާގައި 33 ކުޑަކުދިން މަރުވި -- ފޮޓޯ/ ގެޓީ

މީގެއިތުރުން ވިޑޯޑޯ ވަނީ، އިންޑޮނޭޝިއާގެ ހުރިހާ ސްޓޭޑިއަމެއްގެ ފުރިހަމަ އޮޑިޓެއް ކުރުމަށް އަންގަވާފައެވެ. މިއާއެކު، އޮތް މުސްތަގުބަލުގައި އެފަދަ ހާދިސާއެއް ދިމާނުވާނެކަމުގެ އުންމީދު އައުވެފައިވާ ކަމަށް އެ ގައުމުގެ އިސްވެރިން ބުނެއެވެ.

އެރޭގެ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ތިބީ އަރީމާ އެފްސީގެ ސަޕޯޓަރުން ކަމުން އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގެ އެއްވެސް މެޗެއްގައި ނުކުޅެވޭ ގޮތަށް، ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ.

އެ ހާދިސާއަކީ ފުޓްބޯޅައިގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

comment ކޮމެންޓް