ޕީއެސްއެމްއިން ހިލޭ ވޯލްޑް ކަޕް ފެންނާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ކުޅިވަރުތައް ޓީވީއެމުން ވަގުތުން ދުރަށް ދެއްކުމަށް ދަނޑުގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމް--ފޮޓޯ/ ޕީއެސްއެމް

އަންނަ މަހުގެ 20ގައި ގަތަރުގައި ފަށާ ފޯރިގަދަ ވޯލްޑްކަޕް, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހިލޭ ފެންނާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްއިން އަންނަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕުން ފެށިގެން މެދުކެނޑުމެއް ނެތި ކޮންމެ ފަހަރަކު ވެސް ވޯލްޑް ކަޕް ދައްކަމުންނެވެ. އެއީ އެއްވެސް އަގެއް ދެއްކުމަކާ ނުލައި ވޯލްޑްކަޕް ބެލޭ ގޮތަށެވެ.

ނަމަވެސް މި ފަހަރު އެގޮތަށް ދެއްކޭނެ ކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.

ރާއްޖެއަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް މިފަހަރު ގަނެފައި ވަނީ، ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުންނެވެ. އެ ކުންފުނިން އެއް މިލިއަން ޑޮލަރަށް އެ ރައިޓްސް ގަތުމަށް ފަހު ނިންމީ ތިން ޗެނަލަކަށް އެ ރައިޓްސް ވިއްކުމަށެވެ. އޭގެ ތެރެއިން މީޑިއާނެޓްގެ އަމިއްލަ ޗެނަލް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ވޯލްޑްކަޕް ދައްކާނެކަން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ތިން ވަނަ ޗެނަލަކަށް ރައިޓްސް ގަތުމުގެ މަސައްކަތް ކުރަނީ، ޕީއެސްއެމްއިންނެވެ. ނަމަވެސް އެކަމަށް ދައްކަން ޖެހޭ ފައިސާ އެ ޗެނަލަށް އަދި ހަމަނުޖެހޭކަން "ސަން"އަށް ވަނީ އެނގިފައެވެ.

މީޑިއާނެޓުގެ ރައިޓްސް ގަތުމަށް ޕީއެސްއެމްއިން ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޢަލީ ހާލިދު މިއަދު "ސަން"އަށް ވިދާޅުވީ ވޯލްޑް ކަޕްގެ މެޗްތައް އެ ކުންފުނީގެ ޗެނަލްތަކުން ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް މެޗްތައް ދެއްކޭނެކަން. އެ މަސައްކަތް ކުރަމުން މިދަނީ،" ޢަލީ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ އެކަމަށް ހޭދަވާނެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް އަދި މިހާތަނަށް ޕީއެސްއެމްއަށް މިފަހަރުގެ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ސަރުކާރުތަކުން އައީ ދިވެހީންނަށް ހިލޭ ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ މީޑިއާއަށް ފައިސާ ދެމުންނެވެ. ސަރުކާރުން ފައިސާ ނުލިބޭ ހާލަތްތަކުގައި ސްޕޮންސަރުންގެ އަތުން ފައިސާ ހޯދައިގެން ވެސް ޕީއެސްއެމްއިން ދިޔައީ ވޯލްޑް ކަޕް ދައްކަމުންނެވެ.

comment ކޮމެންޓް