ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފި

ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ ޗެއާމަން އެމްޔޫ ހަސަން މަނިކު އާއި ޗައިނާގެ ސަފީރު ވާން ލިޝިން ވީއައިއޭގެ ސީޕްލޭން ޓާމިނަލް ހުޅުވައި ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހުޅުވި ސީޕްލޭން ޓާމިނަލަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު އެމްއާރުއޯ ފެސިލިޓީގައި 8،836 އަކަމީޓަރު ހުރެއެވެ. އަދި ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.

ޓާމިނަލްގައި 42 ލައުންޖު ހުންނައިރު ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ވަނީ ރިސޯޓުތަކަށް ކުއްޔަށް ދީފައެވެ. އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ސީޓު ހުންނައިރު އެމްއޭސީއެލް "ނީރު" ލައުންޖުގައި 315 ސީޓު ހުރެއެވެ.

އެ ސީޕްލޭން ޓާމިނަލްގެ އިތުރުން ވީއައިއޭގެ އާ ރަންވޭ ވެސް މިއަދު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ވަނީ ފަށައިފައެވެ.

އެ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޖައްސާފައި ވަނީ އެމިރޭޓްސްގެ ބޯޓެކެވެ. އެ ބޯޓު އައިސްފައިވަނީ ދުބާއީންނެވެ.

އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފައިވަނީ މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ބަންދު ކުރުމަށްފަހުއެވެ.

އެ ދެ މަޝްރޫއަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެއްޓެވި އެއާޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގި ދެ މަޝްރޫއެވެ. އަށްސަތޭކަ މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ އެ މަޝްރޫއުގެ ދަށުން އާ ވީއައިޕީ ޓާމިނަލެއް ގާއިމުކޮށްފައިވާއިރު، އާ ފަސިންޖާ ޓާމިނަލަކާއި ފިއުލް ފާމެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް