މުދައްރިސުން މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑީއޭގެ ރައީސް ގޮވާލައްވައިފި

ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ސިޔާމް ވާހަކަފުޅު ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ މުޙައްމަދު ހައްޔާން

މުދައްރިސުން މަސައްކަތްކުރާ މާހައުލަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އެކަށޭނެ މާހައުލެއްކަން ކަށަވަރު ކުރުމަށް، ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ފޮނުއްވެވި ތަހުނިޔާގެ ޚިތާބުގައި ވިދާޅުވީ މުދައްރިސުންނަކީ މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އާރުކާޓީން ކަމަށެވެ.

އެއީ އެންމެ މަތިވެރި ގައުމީ މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ ބަތަލުންކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، އެފަދަ ބަޔަކު ކުރައްވަމުން ގެންދަވާ މަތިވެރި މަސައްކަތުގެ އަގު އަބަދުވެސް ވަޒަންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މުދައްރިސުންނަކީ އެމީހުންގެ ހަޔާތުގެ ވަރަށްގިނަ ވަގުތުތަކެއް އަޅުގަނޑުމެންގެ ދަރިންގެ ހައްޤުގައި ޤުރުބާން ކުރައްވަމުން ގެންދަވާ ބައެއް ކަމަށެވެ. އެހެންކަމުން މުދައްރިސުން ކުރައްވަވާ މަސައްކަތުގައި އެންމެހައި ފަރާތްތަކުންވެސް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ދެމިތިބެން ޖެހޭކަމަށް ސިޔާމް ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވެވި ތަހުނިޔާގެ ޚިތާބުގައި ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހައި މުދައްރިސުންނަށް ފޮނުއްވާފައެވެ. އަދި ހަމަ އެއާއެކު މުދައްރިސުން ބިނާކުރެއްވުމުގެ މުހިއްމު ޤައުމީ މަސައްކަތް ކުރެއްވި، އަދި ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށްވެސް ސިޔާމް ވަނީ މިދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

comment ކޮމެންޓް