މަސް ދުވަސް ތެރޭގައި ޕީޕީއެމްއަށް 10،000 މެމްބަރުން ވަދެއްޖެ

ޕީޕީއެމްއިން އަލަށް ހުށަހެޅި ފޯމްތައް، ޕީއެންސީގެ ރައީސް އަދުރޭ، އީސީގެ ރައީސް ފުއާދުއާ ހަވާލު ކުރައްވަނީ: ފޮޓޯ: އަޙްމަދު ޝިޔާމް ޓްވިޓާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މަސް ދުވަސް ތެރޭގައި ވަދެފައިވާ ކަމަށް ބުނާ 10،000 މީހުންގެ ފޯމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގުއާ އެ ފޯމްތައް ހަވާލު ކުރެއްވީ، އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އެކުގައި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބެވިއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން، ހީނާ ވަލީދު މިއަދު "ސަން" އަށް ވިދާޅުވީ އެއީ މުޅިން އަލަށް އެ ޕާޓީއާ ގުޅުނު 10،000 މީހުންގެ ފޯމް ކަމަށެވެ. ކުއްލިއަކަށް މެމްބަރުން އިތުރުވި ސަބަބުތަކުގެ ތެރޭގައި ދާއިރާތަކުގެ އިންތިހާބު ކުރިއަށް އޮތުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދާއިރާތަކުގެ އިންތިހާބުތަކުގެ މަގާމުތަކަށް ކުރިމަތިލަށްވާ ބޭފުޅުން ވަކި ވަރަކަށް ފޯމް ހުށަހަޅުއްވަން ޖެހޭ. އެއާއެކު ގިނަ އަދަދެއްގެ ފޯމް ވަނީ ޕާޓީއަށް ލިބިފައި،" ހީނާ ވިދާޅުވިއެވެ.

އެ އިންތިހާބު އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ހީނާ ވިދާޅުވީ އީސީއަށް ހުށަނޭޅި އަދިވެސް 2،000 އެއްހާ ފޯމް އެބަހުރި ކަމަށެވެ. އެ ފޯމްތައް ވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 33،264 މެމްބަރުންނެވެ. އެ ޕާޓީއަކީ ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއެވެ. އެންމެ ގިނައިން މެމްބަރުން ތިބީ ވެރިކަން ކުރާ އެމްޑީޕީގައެވެ. އެއީ 58،840 މެމްބަރުންނެވެ.

comment ކޮމެންޓް