ރަޝިއާގެ ނިއުކްލިޔާ ހަތިޔާރާބެހޭ ސިއްރު ޓީމު، ޔުކްރެއިންއާ ދިމާއަށް މިސްރާބު ޖަހައިފި: ރިޕޯޓް

މަތިން ނިއުކްލިޔާ ބޮން އެޅުމަށް ރަޝިއާއިން ތައްޔާރުކޮށްފައިވާ ސްޓްރެޓީޖިކް ޖެޓެއް

ލަންޑަން (5 އޮކްޓޯބަރު 2022) : ރަޝިއާގެ ނިއުކްލިޔާ ހަތިޔާރުގެ ކަންކަމާބެހޭ ސިއްރު ޓީމު ނުވަތަ "ރަޝިއަން ސިކްރެޓް ނިއުކްލިޔާ ސްކްއާޑް" ޔުކްރެއިންއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ މަސްދަރަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ޓައިމްސް" އިން ބުނެފިއެވެ.

އެ ނޫސް ބުނާގޮތުން އެމެރިކާއާއި ނޭޓޯގެ ގައުމުތަކަށް ލިބިފައިވާ ޖާސޫސީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން (ސެޓަލައިޓްތައްވެސް ހިމެނޭގޮތަށް) ހުޅަނގުން މިހާރު ގެންދަނީ "ރަޝިއަން ސިކްރެޓް ނިއުކްލިޔާ ސްކްއާޑް" ގެ ހަރަކާތްތައް ބަލަމުންނެވެ.

އެމެރިކާއާއި ނޭޓޯއިން މިކަން ބަލަމުން ގެންދަނީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ދޭ ހަތިޔާރާއި އަސްކަރީ އެހީއާއެކު ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ބަލިވާގޮތް ވެއްޖެނަމަ ނިއުކްލިޔާ ހަތިޔާރު ބޭނުންކުރާނެކަމުގެ އިންޒާރު ރަޝިއާގެ އިސް މަސްއޫލުވެރިން އެއްފަހަރަށް ވުރެ ގިނަ ފަހަރު ދެއްވާފައިވާތީއެވެ.

އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ވަނީ ރަޝިއާ ޔުކްރެއިންގައި ބަލިކުރުމަކީ އެގައުމުތަކުގެ ލަނޑުދަނޑިއެއްކަމަށް ނިންމާފައެވެ. މިއާއެކު ޔުކްރެއިން އަކީ ރަޝިއާ ދެކޮޅަށް ބޭނުންކުރާ ހަނގުރާމައިގެ އާލާތެއްކަމަށް ހަދައި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ގެންދަނީ ޔުކްރެއިންއަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާ އަދި ފައިސާ އޮއްސަމުންނެވެ.

އެމެރިކާގެ ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ މަރުކަޒެއް ކަމަށްވާ "ލެގްޒިންޓަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ޕޮލިސީ ރީސާޗް" ބުނާގޮތުން ރަޝިއާއިން ޔުކްރެއިން ބަލިކޮށްލުމަށްޓަކައި ނިއުކްލިޔާ ޓެކްޓިކް ހަތިޔާރެއް ބޭނުންކުރުން ވަރަށް ގާތެވެ.

ރަޝިއާގައި 2000 އަށްވުރެ ގިނަ ނިއުކްލިޔާ ޓެކްޓިކް ހަތިޔާރު އެބަހުއްޓެވެ. އަދި 3000 އަށް ވުރެން ގިނަ ނިއުކްލިޔާ ސްޓްރެޓީޖިކް ހަތިޔާރު ވެސް އެބަހުއްޓެވެ. ރަޝިއާގައި ހުރި ނިއުކްލިޔާ ޓެކްޓިކް ހަތިޔާރުތަކަކީ ވެސް ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާން ބަލިކުރަން އެމެރިކާ ޖަޕާނަށް އެޅި އެޓޮމިކް ބޮމުގެ ދެ ބޮމަށް ވުރެވެސް ބާރުގަދަ ހަތިޔާރުތަކެކެވެ.

ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ނިއުކްލިޔާ ޓެކްޓިކް ހަތިޔާރެއް ބޭނުންކުރި ނަމަވެސް ރަޝިއާ އާ ދެކޮޅަށް އެމެރިކާ ވެސް އަދި ނޭޓޯގެ ނިއުކްލިޔަ ބާރަކުން ވެސް ނިއުކްލިޔާ ރައްދެއް ނުދޭނެ ކަމަށާއި އެއީ ޔުކްރެއިން އަކީ ނޭޓޯގެ މެންބަރަކަށް ނުވާތީ ކަމަށް އެމެރިކާގެ "ލެގްޒިންޓަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ޕޮލިސީ ރީސާޗް" ގެ އިސް ރީސާޗާ ޕްރޮފެސާ ޑރ. ޑޭން ގޯރޭ ވިދާޅުވެފައިވެއެވެ.

ރަޝިއާގެ ނިއުކްލިޔާ މިސައިލެއް

ޑރ. ގޯރޭ ވިދާޅުވެފައިވާ ގޮތުގައި ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރެއް ބޭނުންކުރުން ވަރަށް ގާތެވެ. މިފަދަ ހަތިޔާރެއް ބޭނުންކޮށްފިނަމަ ޔުކްރެއިންގެ އިތުރުން ދެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޔުކްރެއިން އާ އަވަށްޓެރި ޔޫރަޕްގެ ގައުމުތަކަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ނޭޓޯ ރޫޅި، އެމެރިކާއާއި ޔޫރަޕާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހިގެންދާނެކަމަށް ޑރ. ގޯރޭ ލަފާކުރައްވައެވެ.

ހުޅަނގުގެ ޖާސޫސީ މަސްދަރަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ޓައިމްސް" ބުނާގޮތުން ރަޝިއާގެ ނިއުކްލިޔާ ހަތިޔާރުގެ ކަންކަމާބެހޭ ސިއްރު ޓީމު "ރަޝިއަން ސިކްރެޓް ނިއުކްލިޔާ ސްކްއާޑް" ޔުކްރެއިން އާ ދިމާއަށް ދަތުރު ކުރަމުންދަނީ ނިއުކްލިޔާ ބޮން އުފުލުމަށާއި ނިއުކްލިޔާ ރޭޑިއޭޝަންތައް ނުވަންނާނެ ގޮތަށް ރަޝިއާއިން ތައްޔާރުކޮށްފައިވާ ޚާއްސަ ރޭލުގައެވެ.

ނަމަވެސް އެރޭލު ޔުކްރެއިންގެ ތެރެއަށް ވަންނާނެކަން ނުވަތަ ނޫންކަން ޔަގީނެއް ނޫނެވެ. މިރޭލަކީ ނިއުކްލިޔާ ހަމަލާ ދޭތަނެއްގައިވެސް އޮވެގެން ނިއުކްލިޔާ ހަމަލާތަކާބެހޭ އިދާރީ އަދި އަސްކަރީ ކަންކަން ރާވައި މެނޭޖް ކުރެވޭގޮތަށް ކަމާބެހޭ މުވާސަލާތުގެ ހުރިހާ ވަސީލަތްތަކާއެކު ރޭޑިއޭޝަން ވެސް ނުވަންނަ ގޮތަށް ތައްޔާރުކޮށްފައިވާ ރޭލެކެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި އެހެން ގައުމުތަކަށް ނިއުކްލިޔާ ހަމަލާތައް ދިނުމުގެ ވަސީލަތްތައް އެންމެ ގިނައިން ހުރި ގައުމުވެސް މެއެވެ. ނިއުކްލިޔާ ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ ވަރަށް ގިނަ ވަސީލަތްތައް ރަޝިއާގައި އެބަހުއްޓެވެ.

އޭގެތެރޭގައި މަތިން ނިއުކްލިޔާ ބޮން އެޅުމުގެ ގާބިލްކަން ލިބިފައިވާ ސްޓްރެޓީޖިކް ޖެޓްތަކާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ އިސްކަންދަރު މިސައިލް އާއި ކެލީބާ މިސައިލްތައް ހިމެނެއެވެ. މި މިސައިލްތަކަކީ ކަނޑުގެ އަޑީގައި ދަތުރުކުރާ ރަޝިއާގެ ނިއުކްލިޔާ ސަބްމެރިންތަކުން ވެސް ބޭނުންތަނަކަށް ފޮނުވާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ނުރައްކާތެރި މިސައިލްތަކެކެވެ.

ނިއުކްލިޔާ ޓެކްޓިން ހަތިޔާރެއް ބޭނުންކޮށްފި ނަމަވެސް ވަގުތުން ފަސް މިލިޔަން މީހުން މަރުވާނެކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރައްވައެވެ.

comment ކޮމެންޓް