ޓީޗަރުންގެ އަމިއްލަ އެދުމެއް ނެތް ހިދުމަތަށް އެންމެން ވަނީ ދަރާފައި: ރައީސް

ރައީސް ޞާލިހް އަދި ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ: --- ފޮޓޯ: ރައީސް އޮފީސް

ދަރިންނަށް ތައުލީމު ދިނުމަށްޓަކައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަށް އެންމެން ވެސް އެ ބޭފުޅުންނަށް ދަރާފައިވާ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ޓީޗަރުން އަޅުގަނޑުމެންގެ މައްޗަށް ދޫކޮށްލާ ހެޔޮ ތަސައްވުރަކީ ދާއިމީ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް ތައުލީމު ދިނުމަށް ޓީޗަރުން ކުރައްވަމުން ގެންދަވާ، އަމިއްލަ އެދުމެއް ނެތް ބުރަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން ވަނީ ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ދަރާފައި،" ރައީސް ވިދާޅުވިއެވެ.

"ޓީޗަރުންގެ އަގުވަޒަންކޮށް، އަޅުގަނޑު ޝުކުރުވެރިވަން."

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ޓީޗަރުންނަށް ހަދިޔާ ދިނުމާއި ހަފުލާތައް ބޭއްވުން ހިމެނެއެވެ.

ޓީޗަރުން ޒަމާނުއްސުރެ ކުރަމުން އައި އެއް ޝަކުވާއަކީ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބުމެވެ. އެހެންކަމުން އެ ކަމަށް ހައްލު ހޯދައި ދެއްވުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާން މި ވަނީ އެ ވައުދު ފުއްދަވައިދެއްވައިފައެވެ.

މި ސަރުކާރުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އޭގެ ސަބަބުން ގިނަ ޓީޗަރުންގެ މުސާރަ ވަރަށް ބޮޑަށް އިތުރުވިއެވެ.

comment ކޮމެންޓް