އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ބީލަމަށް ހުޅުވާލައިފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރެއިން ހަތް ކުންފުންޏެއްގެ ޝަރުތު ހަމަވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގެ ދަށުންނެވެ. މިގޮތުން މިކަމަށް 261 މިލިއަން ރުފިޔާ އެކަށައެޅިގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގަން އިންޓަނޭޝަނަލް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމްކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިން ސަރަޙައްދެއްވެސް ތަރައްގީ ކުރާނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ ތަރައްގީގެ މައި ދޮރޯށިކަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް ވަނީ ވިދާޅުވެފައެވެ.