ހުސައިން ސައީދު: ކުޑައިރުއްސުރެ ދުށް ހުވަފެނުގައި ކުލަޖައްސަނީ ދަރިވަރުންގެ ލޯތްބާއެކު

ހުސައިން ސައީދު އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގަތްތާ މިހާރު 12 އަހަރުވެއްޖެއެވެ. ހުސައިން އެންމެ ފުރަތަމަ ތައުލީމު ހާސިލް ކުރެއްވީ ޕާކިސްތާނުންނެވެ. އެއަށްފަހު، އޭނާ ވަނީ މިސްރަށް ވަޑައިގެން، މިސްރުން ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމު ފުރިހަމަ ކުރައްވާ، ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައެވެ.

ހުސައިން ތައުލީމު ހާސިލްކުރައްވަން ރާއްޖެއިން ބޭރަށް ވަޑައިގަތީ، މިހާރު އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ހުސައިންގެ ބޭބެ ޢަބްދުﷲ ސައީދު އެގޮތަށް ނިންމެވުމުންނެވެ. ޢަބްދުﷲ އެގޮތަށް ނިންމެވީ ހުސައިންގެ ބައްޕަ، އޭނާގެ ކުޑައިރު ނިޔާވުމާ ގުޅިގެންނެވެ.

"އޭރު ބޭބެ އަކީވެސް ވަރަށް ކުޑަ ކުއްޖެއް. އެހެން ނަމަވެސް ބޭބެ އެ ޒިންމާ ނަންގަވައިގެން އަޅުގަނޑުމެންގެ ހަތަރު ބެއިން ރާއްޖޭން ބޭރަށް ގެންދިޔައީ. އަޅުގަނޑުގެ ކޮއްކޮ ހަސަން ސައީދަކީ ވެސް މިހާރު ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މީހެއް. އަދި ބޭބެ އިބްރާހީމް ސައީދު ޕާކިސްތާނުގައި ޑީގްރީ ހާސިލުކޮށްގެން ހުރީ. އަޅުގަނޑުގެ ދައްތަ މިވަގުތު ދިރިއުޅެމުންދަނީ ރަށުގައި،"

ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ކުޑަދުވަސްކޮޅަކު މަޑުކުރެއްވުމަށްފަހު ހުސައިން ވަނީ ޔުނިވާސިޓީ އޮފް މައިސޫރަށް ވަޑައިގެން އެތަނުން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް ޝައުގު އުފެދުން

ހުސައިން ވިދާޅުވާ ގޮތުގައި އޭނާ މިސްރުގައި ތައުލީމު ހާސިލު ކުރެއްވިއިރުވެސް، އަބަދުވެސް ޓީޗަރަކަށް ވާން ބޭނުންފުޅުވެއެވެ. އެހެން ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް ޓީޗަރަކަށް ވުމުގެ ޝައުގު އޭރުވެސް ވަރަށް ބޮޑަށް ހުރުމާއެކު ތައުލީމީ ދާއިރާ އިޚުތިޔާރުކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސްރުގައި އުޅުނު އިރު އަޅުގަނޑު ވަރަށް ހިތަށްއަރާ އޭރު ރާއްޖޭގައި ހުރި ޓީޗަރުން ތަމްރީނު ކުރާ މަރުކަޒުގައޭ އަޅުގަނޑު ކިޔަވައިދޭނީ،" އޭނާ ކިޔައިދެއްވިއެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު ޕްރިންސިޕަލަކަށް

ހުސައިން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަރަބިއްޔާ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައެވެ. އެ ސްކޫލުގައި އެއް އަހަރު ދުވަހު ކިޔަވައި ދެއްވުމަށްފަހު އޭނާ ވަނީ މ. މަޑުއްވަރީ ސްކޫލުގައި އެއް އަހަރު ދުވަހު އިނގިރޭސީ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ފަހުން އއ. ބޮޑުފޮޅުދޫ ސްކޫލުގައި އެއް އަހަރު ދުވަހު އިނގިރޭސި މުދައްރިސަކަށް އުޅުއްވުމަށްފަހު ހުސައިން ނިންމެވީ ސްކޫލްތައް ހިންގުމާ ހަވާލުވެވަޑައިގަތުމަށެވެ.

ހިންގުމުގެ ދާއިރާއިން އޭނާ އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ ރ. އިނގުރައިދޫ ސްކޫލަށެވެ. އަދި އެއަށް ފަހު އުފަން ރަށް، ފޭދޫ ސްކޫލްގައި އޭނާ ވަނީ ތިން އަހަރު މަސައްކަތް ކުރައްވާފައެވެ. އޭގެފަހުން ދޮޅުއަހަރު އއ. ރަސްދޫ މަދަރުސާގެ ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު މާސްޓާސްއަށް ކިޔެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތެވެ.

ތައުލީމީ ދާއިރާގެ އިތުރުން ރާއްޖޭގެ ތިން އަތޮޅެއްގެ އަތޮޅުވެރިކަން ވެސް އޭނާ ކުރެއްވިއެވެ. އެގޮތުން އޭނާ ވަނީ އއ. އަތޮޅާއި، ސ. އަތޮޅު އަދި ކ. އަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައެވެ. ނަމަވެސް، ތައުލީމީ ދާއިރާއަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން އަނެއްކާވެސް އެނބުރި އެ ދާއިރާއަށް ވަޑައިގެން ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.

އެގޮތުން ދެން އޭނާ ގުޅިވަޑައިގަތީ ހުޅުމާލޭ ޣާޒީ ސްކޫލާއެވެ. އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ތިން އަހަރު ވަންދެން އަދާކުރެއްވިއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އިސްކަންދަރު ސްކޫލާ ގުޅިވަޑައިންނެވިއެވެ.

އެންމެ އިސްކަން ދެއްވަނީ ދަރިވަރުންނަކީ ބަސް އަހާ ބަޔަކަށް ހެދުމަށް

އެ ދާއިރާގައި އޭނާ މަސައްކަތް ކުރައްވަމުންދާއިރު ގޮންޖެހުންތައް ވެސް ކުރިމަތިވެއެވެ. ނަމަވެސް އެއީ ދާއިރާއަށް ޚިދުމަތް ކުރުމަށް އޮތް ހުރަހެއް ކަމުގައި ހުސައިން ނުދެކެއެވެ. އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ސްކޫލް ނިންމާ ދަރިވަރުންނަކީ އަޚްލާގު ރަނގަޅު ބަޔަކަށް ހެދުމަށެވެ.

އިނާމު ދިނުމުގެ ޖަލްސާއެއްގައި ހުސައިން ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ

"އެއީ އަޅުގަނޑުމެންގެ ވަޒީފާގެ މާހައުލުގައި ކުރަންޖެހޭ މުހިންމު ކަމެއް. ކިޔަވާ ދޭ މަރުކަޒެއްގައި އެއްވަނައަށް ވެސް ދެވަނައަށް ވެސް އަދި ތިންވަނައަށް ވެސް އޮންނަންވާނީ ޑިސިޕްލިން،" ހުސައިން ވިދާޅުވިއެވެ.

ދަރިވަރުންގެ ލޯބި ލިބިފައިވާ ހުސައިން އަބަދުވެސް ދެކެން ބޭނުންވަނީ ސްކޫލް ނިންމާ ކުދިންނަކީ ހީވާގި، މުރާލި، ކެރޭ، އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރާ ބަޔަކަށްވުމެވެ. އޭނާ ވިދާޅުވާގޮތުގައި މިޒަމާނުގައި ހަމައެކަނި ސެޓްފިކެޓަކުން ވާނެ ކާމިޔާބެއް ނެތެވެ. ސެޓްފިކެޓާ އެކީގައި ހީވާގި މީހަކަށް ވާންޖެހެއެވެ. އެހެންނޫނީ ކާމިޔާބެއް ނެތް ކަމަށް ހުސައިން ދެކެއެވެ.

އިސްކަންދަރު ސްކޫލްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތް

އޯލެވެލްގައި ބައިވެރިވާން ފެށީއްސުރެ އިސްކަންދަރު ސްކޫލް މިއަދާހަމައަށް ވެސް ފާހަގަވެފައި ވަނީ ރާއްޖޭގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ އެއް ސްކޫލުގެ ގޮތުގައެވެ. އެ ސްކޫލު ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި އަދަބީ މުބާރާތްތަކުގައި ވެސް އިސްކަންދަރު ސްކޫލަކީ ވަރަށް ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާ ސްކޫލެކެވެ. އެންމެ ފަހުން އޯލެވެލް އިމްތިހާނުން ލިބުނު ނަތީޖާއަށް ބަލާއިރު އިސްކަންދަރު ސްކޫލްގެ ފެންވަރު އެނގެއެވެ. މުޅި ރާއްޖެއިން 600 އެއްހާ ކުދިން ގަދަ ދިހައެއްގައި ހިމެނުނު އިރު އޭގެ ތެރެއިން 49 ކުދިންނަކީ އިސްކަންދަރު ސްކޫލުގެ ދަރިވަރުންނެވެ.

ހުސައިން ވިދާޅުވާގޮތުގައި އެ ކާމިޔާބީގެ ފަހަތުގައި ވަނީ އެންމެން ގުޅިގެން ކުރާ ބުރަ މަސައްކަތެވެ. ސަޕޯޓް ސްޓާފުން ފެށިގެން، އިދާރީ މުވައްޒަފުންނާއި ޓީޗަރުންގެ އިތުރުން ލީޑީން ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ބެލެނިވެރިންނާއި ދަރިވަރުން ގުޅިގެން ކުރާ މަސައްކަތްތަކަކީ އެ ކާމިޔާބީގެ އަސްލު ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އަޅުގަނޑަކީ ވެސް އެ މަސައްކަތްތަކުގެ ބައިވެރިއެއް،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވާ ގޮތުގައި ތައުލީމީ ދާއިރާއިން ކުރިއަށް ދެވޭނީ އެ ދާއިރާދެކެ ލޯބިވެގެންނެވެ. އެ ދާއިރާ އަކީ ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ދާއިރާއެކެވެ. ވަޒީފާއެއްގެ ގޮތުގައި ދެކޭނަމަ ތައުލީމީ ދާއިރާގައި މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް