ފަތުރުވެރިކަން އިޝްތިހާރުކުރަން ދިވެހިން ޒަމާނީ ބަދަލުތައް ގެނެސްފައިވޭ: ތޮއްޔިބު

ދިވެހި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ދިވެހިންގެ ހުންނަ، ޒަމާނާ އެއްގޮތަށް ބަދަލުވުމުގެ ސިފަ ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ގާލާ ނައިޓުގައި ތޮއްޔިބު ވިދާޅުވީ މިއަދު ރާއްޖެ ތަޖުރިބާ ކުރަނީ މީގެ 50 އަހަރު ކުރިން ޒުވާނުންތަކެއް ހިތްވަރާއެކު ކަމެއް ހާސިލުކުރުމުގެ މަގުސަދުގައި ބިނާ ކުރި ބިންގަލުގެ އިގްތިސޯދީ ފައިދާ ކަމަށެވެ.

"ވަރަށް މަދު މީހަކަށް ނޫނީ ރާއްޖެއަކީ އޮންނަ ގައުމެއް ކަމެއްވެސް އޭރު ނޭނގޭ. އޭރު ރާއްޖޭގެ ފަތުރުވެރިކަން މާކެޓްވެ އެނގޭ ބަޔަކަށް ވެސް އެނގެން ފެށީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ތުންތުން މަތިން ރާއްޖެއަށް ދަތުރުކުރާ މީހުން ކިޔާތީ،" ތޮއްޔިބު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް 50އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި "ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވްނިންގ"ގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ތޮއްޔިބު ވިދާޅުވީ މިހާރުވެސް އެކަމަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމެއް ކަމަށާއި ހަމައެކަނި ތަފާތަކީ ކުރިއަށްވުރެ ބޮޑަށް ތުންތުން މަތިން ދެކެވޭ ވާހަކަތަށް ވެސް މިހާރު މީހުންނަށް ފޯރުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު "ދުނިޔޭގެ އެންމެ ފުރަތަމަ" ކަމަށް ބުނެވޭ ބައިވަރު ސިފަތަކެއް ރާއްޖޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ފުރަތަމަ އަންޑާ ވޯޓާ ސްޕާއިން ފެށިގެން ދުނިޔޭގެ އެންމެ ފުރަތަމަ އަންޑާ ވޯޓާ ރެސްޓޯރެންޓް އަދި އެނޫން ވެސް އެހެން އިތުރު ތަންތަން ވެސް ހުރީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފުލީޓުވެސް ވަނީ ރާއްޖޭގައި،" އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް އާ ކަންތައްތައް ހޯދައި ޒަމާނާ އެއްގޮތަށް ބަދަލުވާ ބައެއް ކަމަށެވެ.

ފަތުރުވެރިކަމަށް 50އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި "ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވްނިންގ"ގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިންގެ އެ ސިފަ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ވެސް ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަދު "މޯލްޑިވްސް" ބްރޭންޑަކީ ދިވެހިން އުފައްދައިފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ތޮއްޔިބު ވިދާޅުވީ ހުރިހާ ވެސް އަމާޒަކީ އެ ބްރޭންޑް ބޭނުންކޮށް އަދި ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ 1972 ވަނަ އަހަރު ކަމަށްވާއިރު މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ސަރުކަރާއި ޓޫރިޒަމް މިނިސްޓްރީން ދަނީ މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް