ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހުންނަށް އިންޒާރުދިން މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި އަޛުހާން--

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި ހޯދަން އިއުލާން ކުރި މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

މިއަދު ހެނދުނު ހައްޔަރު ކުރީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) އެވެ.

އެ މައްސަލާގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ބުނެ މިނިވަން ކޮށްފައެވެ.

އެ ފަހަރު އޭނާ މިނިވަން ކުރި ފަހުން ވީތަނެއް ނޭނގިގެން ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ މިދިޔަ އާދިއްތަ ދުވަހުގައެވެ. މިއަދު އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ހައްޔަރު ކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ކުރިން ވިދާޅުވީ އޭނާ ހައްޔަރު ކުރީ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން، އޭނާ މާފަންނު ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިނުމުން ކަމަށެވެ.

މި ފަހުން ވަނީ ފުލުހުންތަކަކަށް ހަމަލާ ވެސް ދީފައެވެ. އެ މައްސަލާގެ ތުހުމަތަށް ވެސް މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް