މެޓް ގާލާގެ ތީމް އިއުލާނުކޮށްފި، ކަމަކު ނުދިޔަ!

ފެޝަންގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ "މެޓް ގާލާ"ގެ އަންނަ އަހަރުގެ ތީމް އިއުލާނުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މެޓް ގާލާ އަކީ ފެޝަންގެ އެންމެ ނުފޫޒު ގަދަ ސްޓައިލްތަކާއި ޝަހުސިއްޔަތުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.

ވޯގްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މެޓް ގާލާގެ އަންނަ އަހަރުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވަރަށް ފަހަކަށް ޖެހެންދެން ފެޝަން އިންޑަސްޓްރީއަށް ނުފޫޒު އޮތް ކާލް ލެގަފެލްޑްގެ ޑިޒައިންތަކެވެ. އަންނަ އަހަރުގެ މެޓް ގާލާގައި ދައްކާލާނީ ލެގަފެލްޑްގެ ޑިޒައިންތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހެދުންތަކެވެ.

އަމިއްލަ ނަމުގައި ފެޝަން ބްރޭންޑެއް ހިންގުމުގެ އިތުރުން ލެގަފެލްޑް އަކީ ބޮޑެތި ފެޝަން ބްރޭންޑް ކަމަށްވާ ޝެނޭލް އާއި ފެންޑީ ފަދަ ބްރޭންޑުތަކުގެ އިސް މަގާމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.

ނަމަވެސް ލެގަފެލްޑްގެ ޑިޒައިންތައް އަންނަ އަހަރުގެ ތީމް ކަމަށް ކަނޑައެޅުމުން އެތައް ބައެއްގެ ނުރުހުން އަންނަނީ މެޓް ގާލާ އަށް އަމާޒުވަމުންނެވެ. އަދި އޭނާގެ ޑިޒައިންތަކާ މެދު އެއްވެސް ވަރަކަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ލެގަފެލްޑް 2019 ވަނަ އަހަރު މަރުވިއިރު އޭނާ އާ ގުޅޭގޮތުން އެތައް ތުހުމަތުތަކާއި ވާހަކަތަކެއް ވަނީ އޭނާގެ ހަޔާތުގައި ފެންމަތިވެފައެވެ. އިންޑަސްޓްރީގައި އުޅޭ މޮޑެލުންތަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ރޭޕިސްޓުންނާއެކު އުޅުން އަދި ފަލަ އަންހެނުންނާ ގުޅޭ ގޮތުން ހުތުރު ވާހަކަތައް ދައްކައި މުއާމަލާތް ކޮށްފައިވާ ކަމުގެ އެތައް މައްސަލަތަކެއް ވަނީ އޭނާ އާ ދެކޮޅަށް ފެންމަތިވެފައެވެ.


comment ކޮމެންޓް