ޓެކްނޮލޮޖީއަށް ބަރޯސާވުމުން ލަދުގަންނަން ޖެހިއްޖެ

މެލޭޝިޔާގެ ދިފާއީ ވުޒާރާގެ އައު ވެބް ސައިޓް ހެދީ ވަރަށް ފުރިހަމައަށެވެ. މެލޭ ބަހުން ހެދި މި ވެބް ސައިޓްގެ ލިޔުންތައް ދުނިޔޭގެ ބޮޑެތި ބަސްތަކުގެ އަހުލުވެރިންނަށް ކިޔޭނެ ގޮތް ހެދުމަކީ މެލޭޝިޔާގެ ދިފާއީ ވުޒާރާގެ ހައިބަތާއި ބާރު މުޅި ދުނިޔެއަށް ދެއްކުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. އެހެން ކަމުން އެ ލިޔުންތައް ދުނިޔޭގެ ބޮޑެތި ބަސްތަކުން ތަރުޖަމާ ކުރުމުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހުނެވެ.

ހަރަދާއި ވަގުތަށް ބެލި ނަމަވެސް ބަޔަކާ ހަވާލުކޮށްގެން އެހައި ގިނަ ލިޔުން ދުނިޔޭގެ ތަފާތު ބަސްބަހަށް ތަރުޖަމާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މެލޭޝިޔާގެ ދިފާއީ ވުޒާރާގެ އިސް ބޭފުޅުން ދެކެވަޑައިގަތް ގޮތުގައި މިއީ އެ ޒަމާނެއް ނޫނެވެ. ތަރުޖަމާ ކުރުމަކީ ކޮންޕީޓަރުން ކުރެވޭނެ ކަމެކެވެ. އެހެންކަމުން އެ ވެބްސައިޓު ލޯންޗުކުރި އިރު ވަނީ، ބޭނުންވާ ބަހެއް އިހުތިޔާރު ކުރުމުން އެ ބަހަކަށް ވެބްސައިޓުގެ ލިޔުންތައް ވަގުތުން ތަރުޖަމާ ކުރެވޭ ގޮތް ހަދައިފައެވެ.

މިކަމުގެ ނަތީޖާ ނުކުތީ ވަރަށް ހިތި ކޮށެވެ. މެޝިން ޓްރާންސްލޭޝަނަކީ، ރަނގަޅަށް ދެ ބަހެއް ދަންނަ މީހަކު އެއް ބަހުން އަނެއް ބަހަށް ކުރާ ތަރުޖަމާ ފަދަ ފުރިހަމަ ތަރުޖަމާއެއް ނޫނެވެ. މެލޭ ބަހުން ލިޔެފައި އޮތް އިރު ދެވޭ މެސެޖާއި މެޝިން ޓްރާންސްލޭޝަންގެ ނިޒާމުން އެހެން ބަހަކަށް ތަރުޖަމާވެވިފައި އޮންނައިރު ދެވޭ މެސެޖް ތަފާތެވެ. "ދެ ފުށް ފެންނަ ނިޒާމު" ކަހަލަ މުރައްކަބުތައް ބައެއް ބަސްބަހަށް ތަރުޖަމާވެގެން ދިޔައިރު، އެ ބަހުން އޭގެ މާނައަކަށް އަންނަނީ "ލޮލަށް ހެރޭ ނިޒާމު" މިހެންނެވެ.

އެންމެ ފުރަތަމަ މިކަން ޖޯކަކަށް ވެފައި އޮތީ މެލޭ މީހުންގެ ތެރޭގައެވެ. އެހެން ނަމަވެސް ފަހުން މިކަން މުޅި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަން ފެށުމުން ވެބްސައިޓް ބަންދުކުރަން ދިފާއީ ވަޒީރު އެންގެވީއެވެ. އަދި އެ ވެބްސައިޓުގައި ތަރުޖަމާ ކުރުމަށް ބޭނުންކުރީ ގޫގުލް ޓްރާންސްލޭޓަރ ކަމަށް ވެސް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. މިހެން މި ދިމާވީ، ބަހަކީ މެޝިނަކުން އޭގެ ހުރިހައި ހަގީގަތެއް ދެނެގަނެވޭ ވަރަށް ވުރެ ކޮންޕްލެސް އެއްޗަކަށް ވުމުން ކަމަށް ވެސް ދިފާއީ ވުޒާރާގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު