ޕީއެސްއެމް އިން ވައްކަންކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ޕީއެސްއެމްގެ އައްޑޫ ބްރާންޗް ފަޅާލާ އެތަނުން ވަގަށް ނެގި އެއްޗިހި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކުރިކަމުގެ ތުހުމަތުކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ހައްޔަރުކުރި މީހާއަކީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

އައްޑޫގައި ހުންނަ ޕީއެސްއެމްގެ ބްރާންޗް ފަޅާލައި އެތަނުން ބައެއް ސާމާނު ވަގަށް ނެގީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ އޮފީހުން ވަގަށް ނަގާފައިވަނީ ލެޕްޓޮޕަކާއި ޕްރިންޓަރެއްގެ އިތުރުން އޮފީހުގައި ހަރުކުރަން ބާއްވާފައި އޮތް އޭސީއެކެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި އެ އޮފީހުގައި މަސައްކަތްކުރަނީ އެންމެ މީހެކެވެ. އަދި އެ އޮފީހުގައި ސެކުއުރިޓީ ބަލަހައްޓަނީ ސީސީޓީވީ ކެމެރާއިންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް