ނާސާގެ ކުރީގެ އެސްޓްރޮނޯޓަކާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހިންނަށް

ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝީން— ފޮޓޯ

ނާސާގެ ކުރީގެ އެސްޓްރޮނޯޓެއް ކަމަށްވާ ހެއިޑީމެރީ ސްޓެފަނީޝީން ޕައިޕާ ރާއްޖެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެމެރިކަން ސެންޓާ މޯލްޑިވްސްއިން ބުނެފިއެވެ.

މިއީ ސްޓެފަނީޝީން ޕައިޕާ ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި އޭނާއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ ކުރިން އެކަމަށް އެދި ގޫގުލް ފޯމެއް ފުރަން ޖެހޭނެއެވެ.

އޭނާއާ ބައްދަލުކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:40އިން މެންދުރު 12:00އަށް ދާރުލްއާސާރުގައެވެ.

ސްޓެފަނީޝީން ޕައިޕާ ނާސާގެ އެސްޓްރޮނޯޓް ކެނޑިޑޭޓެއްގެ ގޮތުގައި ހޮވުނީ 1996 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާ ވަނީ ނާސާގައި ދެ އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފައެވެ.

އޭނާއަށް ލިބިފައިވާ ޝަރަފުތަކާއި އެވޯޑްތަކުގެ ތެރޭގައި މެރިޓޯރިއަސް ސާވިސް މެޑަލް، ދެ ނޭވީ ކޮމެންޑޭޝަން މެޑަލް އަދި ދެ ނޭވީ އެޗީވްމަންޓް މެޑަލް ހިމެނެއެވެ.

މީގެ އިތުރުން އޭނާ ވަނީ ދެ ސްޕޭސް ޝަޓްލް މިޝަންއެއްގައި ޖައްވަށް ދަތުރުކޮށް، ޖުމްލަ 33 ގަޑިއިރާއި 42 މިނެޓު ޖައްވުގައި ހިނގާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް