ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމުކުރުން މުހިންމު: ގެސްޓްހައުސް އެސޯސިއޭޝަން

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭ) ރައީސް އަބްދުﷲ ނަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގުވާމީ ފެންވަރުގެ ޓުއަރިޒަމް އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމުކުރުން މުހިންމު ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭ)އިން ބުނެފިއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންއެޗްޖީއޭގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހީން އެ ދާއިރާއިން ތަރައްގީކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ޓުއަރިޒަމް އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމުކުރުން މުހިންމު ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 1972 ވަނަ އަހަރު ބޮލަކަށް ޖެހުނީ 447 ޑޮލަރު ކަމަށާއި އެކަމަކު 2019 ނިމުނުއިރު, އެ އަދަދު ވަނީ 10،480 ޑޮލަރަށް މަތިވެފައި ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ މެދުވެރިއަކަށްވީ ޓޫރިޒަމްގެ ތިން ބާނީން ކަމަށްވާ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އިތުރުން ޗަންޕާ ހުސެއިން އަފީފް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދެވޭނީ އެ ސިނާއަތަކީ ހުރިހާ ގިންތިއަކަށާއި ފަންތިއަކަށް މާލީ ނަފާވެރިކަން ހޯދޭނެ ސިނާއަތަކަށް ހަދައިގެންކަން އަބްދުﷲގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ސީނިއާ ޕާލިމެންޓް މެންބަރަކަށް ހުންނަވައިގެން ރާއްޖޭގެ ރަށްރަށުގައި ޓޫރިސްޓް ގެސްޓް ހައުސް އެޅޭނެ ގާނޫނެއް ގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ޓޫރިޒަމަށް 50 އަހަރު ފުރޭއިރު ރިސޯޓްތަކުގައި ހުރި 40،053 އެނދު 50 އަހަރަށް ބަހާލައިފި ނަމަ އަހަރަކަށް މި ޖެހެނީ 800 އެނދުގެ އިތުރުވުމެއް. ނަމަވެސް ގެސްޓްހައުސް އިންޑަސްޓްރީއަށް 12 އަހަރު ފުރުނުއިރު 15،562 އެނދާއެކު އަހަރަކު އިތުރުވި ރޭޓް މިވަނީ 1،300އަށް އަރާފައި،" އަބްދުﷲ ވިދާޅުވިއެވެ.

"މިކަމުން ދައްކައިދެނީ އާންމު ފަރުދުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބިގެންދާކަމުގެ އަލިގަދަ ހެއްކެއް. ޚާއްސަކޮށް ހަނިމާދޫ އެއާޕޯޓް ބައިނަލްއަޤުވާނީ އެއާޕޯޓަކަށް ވުމުން އުތުރުގެ އަތޮޅުތަކަށް ގެސްޓްހައުސް ޓޫރިޒަމް ފުޅާވެގެން ދާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް."

އަބްދުﷲ ވިދާޅުވީ ގެސްޓްހައުސް އިންޑްސްޓްރީ އެންމެ ފުޅާވެފައިވާ ކ. މާފުށީ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރު ވަންނަ ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް އެކަމަށް އެދޭނެކަން ޔަގީންވާ ކަމަށެވެ. އަދި ވިދާޅުވީ މާދުރުނޫން މުސްތަގުބަލެއްގައި ޓޫރިޒަމްގެ ހަގީގީ ފައިދާ އެ މީހުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.

އެންމެ ބޮޑު އުއްމީދެއް ކުރައްވާ ދުވަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވޭނެ ދުވަސްކަން ފާހަގަ ކުރައްވައި އަބްދުﷲ ވިދާޅުވީ އެދުވަހަކުން ބަޖެޓް އެއާލައިންތަކަށް ރާއްޖެއަށް އައުމުގެ ފުރުސަތު ލިބި، ގެސްޓްހައުސްތައް ފުރިގެންދާ މަންޒަރު މިހާރުވެސް ފެންނަ ކަހަލަ ކަމަށެވެ.

comment ކޮމެންޓް