ތަޢުޒިޔާ ... ހަނދާންތަކަކާ އެކު 3

ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޯދަރން އަޔަރލެންޑްގެ އަވަހާރަ ވި ރާނީ އެލިޒަބަތު ދެވަނަ

ފަހު އަހަރުތައް

9 ސެޕްޓެންބަރު 2015 އަކީ އިނގިރޭސި ރަސްކަމުގެ ތާރީޚުގައި ވެސް، އަދި ރާނީ އެލިޒަބަތު ދެވަނަގެ ޙަޔާތްޕުޅުގައި ވެސް މުހިއްމު ދުވަހެކެވެ. އެ ދުވަހަކީ، އިނގިރޭސި ރަސްކަމުގެ ގާތްގަނޑަކަށް އެއްހާސް އަހަރުގެ ތާރީޚުގައި، ތަޚުތުގައި އެންމެ ދިގު މުއްދަތަކަށް ރެދަލި ކުރެއްވި މޮނާކް ކަމުގައި އެކަމަނާ ވެވަޑައިގަތް ދުވަހެވެ. އޭގެ ކުރީން އެ ނަން އޮތީ އެކަމަނާގެ ހޫރުމާމާފުޅު ރާނީ ވިކްޓޯރިޔާއަށެވެ. ވިކްޓޯރިއާ ރަނިކަން ކުރެއްވި މުއްދަތަކީ 63 އަހަރާއި 7 މަހެވެ.

އެލިޒަބަތުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި ވެސް ދަތި ތަޖުރިބާތަކެއް ކުރައްވަވާން ޖެހިވަޑައިގަތެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު އެކަމަނާގެ ފިރިކަލުން ފިލިޕް ޑިޔުކް އޮފް އެޑިންބްރާއަށް ކުރިމަތި ވެވަޑައިގަތް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގެ ހާދިސާ އާއި، އެކަމަނާ އެންމެ ލޯބިފުޅު ވާ ކަމަށް ބުނެވޭ ދަރިކަލުން އަމީރު އެންޑްރޫވ ޑިޔުކް އޮފް ޔޯރކް ޖިންސީ އެތައް ކުށްތަކަކާއި ފާޙިޝް ޢަމަލުތަކުގައި ޝާމިލު ވެވަޑައިގެންނެވިކަމުގެ ވާހަކަތައް ފެތުރުމާއި، އެކަމަނާގެ ދޮށީ ދަރިކަލުން އަދި ވަލީޢަހުދު އަމީރު ޗާރލްސް އާއި ޑަޔާނާގެ ހަނގު ދަރިކަލުން ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން ޝާހީ ޢާއިލާއާ ވަކި ވެވަޑައިގަތުމުން އުފެދުނު ބޮޑު މައްސަލަގަނޑު ހިމެނެއެވެ. ނަމަވެސް މި ހުރިހައި ކަމަކަށް ވުރެ ވެސް ބޮޑު ނުގުސާނެއް އަދި ހިތާމައެއްގެ ގޮތުގައި އައި ކަމަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެކަމަނާގެ ފިރިކަލުން ފިލިޕް އަވަހާރަ ވުމެވެ.

ފިލިޕް އަވަހާރަ ވުމަށް ފަހު ފާއިތު ވި ދުވަސްތަކުގައި ރާނީ އެލިޒަބަތު އުޅުއްވަމުން ގެންދެވީ އާލާސްކަންފުޅާއެވެ. މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އެކަމަނާއަށް ކޯވިޑް-19 ޖެހިވަޑައިގަތެވެ. އޭގެ ފަހުން އެކަމަނާ އަދާ ކުރެއްވި ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާރިޗު މަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާ އެކު ރަސްމީ ބައްދަލުވުމެއް ބޭއްވެވުމާއި، މެއި މަހުގެ ތެރޭގައި ލަންޑަނުގެ ރޭލު ލޭނެއް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމާއި، ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު އިނގިރޭސި ބޮޑުވަޒީރުކަމަށް ލިޒް ޓްރޫސް ޢައްޔަން ކުރެއްވެވުން ހިމެނެއެވެ. ލިޒް ޓްރޫސަކީ، ބޮޑުވަޒީރުކަން ކުރެއްވި ދައުރުތަކުގެ ޢަދަދަށް ނުބަލައި ގުނަންޏާ، އެލިޒަބަތުގެ ރަނިކަމުގެ ދިގު ތާރީޚުގައި އިނގިރޭސި ވިލާތުގެ 14 ވަނަ ބޮޑުވަޒީރެވެ.

މުސްކުޅިފުޅުކަމާއި އާލާސްކަންފުޅާ ހުރެ، ރަސްމީ މުހިއްމު ބައެއް ޒިންމާތަކުން ތަނާޒުލު ވެވަޑައިގަންނަވާން ވެސް ޢުމުރުފުޅުގެ ފަހު އަހަރުތަކުގައި އެލިޒަބަތަށް ޖެހިވަޑައިގަތެވެ. އެގޮތުން، މި އަހަރުގެ މާރިޗު މަހު އޮތް ކޮމަންވެލްތު ޑޭ ސަރވިސްގެ އިޙްތިފާލާއި، އޭޕްރިލް މަހު އޮތް ރޯޔަލް މޯންޑީ ސަރވިސްގެ އިޙުތިފާލާއި، މެއި މަހު އޮތް ސްޓޭޓް އޯޕެނިންގ އޮފް ޕާރލިމެންޓްގެ ރަސްމިއްޔާތަށް އެކަމަނާއަކަށް ވަޑައެއްނުގެންނެވުނެވެ. މިއީ ޢާއްމު ގޮތެއްގައި އެކަމަނާ އެއްގޮތަކަށް ވެސް ޙާޟިރު ވެވަޑައިނުގެން ދޫ ކޮށްލައްވާ ރަސްމިއްޔާތުތަކެއް ނޫނެވެ.

މި ނިމުނު ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ރާނީ އެލިޒަބަތުގެ ޞިއްޙީ ޙާލުކޮޅު މާ ބޮޑަށް ދަށް ވެއްޖެކަމުގެ އިޢުލާން ބަކިންގހަމް ގަނޑުވަރުން ޢާއްމު ކުރި އިރު، އެކަމަނާ އޮންނެވީ ބެލްމޯރަލް ކިއްލާގައެވެ. އެ އިޢުލާނާ ގުޅިގެން އެކަމަނާގެ ހަތަރު ބެއިފުޅުންނާއި ޅީދަރިދަރިކަނބަލުންނާއި މާމަ ވިދާޅުވާ ހުރިހައި ބެއިފުޅުން ބެލްމޯރަލަށް ދަތުރުފުޅު ކުރެއްވިއެވެ. އެކަމަނާ އަވަހާރަ ވިކަން ރަސްމީކޮށް އިޢުލާން ކުރެވުނީ އެ ދުވަހުގެ ހަވީރު، ބްރިޓިޝް ސަމަރ ޓައިމް ގަޑީން 18:30 ގައެވެ.

ތަޢުޒިޔާ ... ހަނދާންތަކަކާ އެކު

އަދިވެސް އެއްފަހަރު، ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވުމާ ގުޅިގެން އެކަމަނާގެ ޢާއިލާއަށާއި ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްންގެ ރައްޔިތުންނަށް ތަޢުޒިޔާއެވެ! ނަމަވެސް އެ ތަޢުޒިޔާ އަކީ ހަނދާން ނެތޭ ބަލި ޖެހިފައި ހުރި ޙާލު، ޣީރަތްތެރިކަން ވިރިފައި ވާ ޙާލު، ސިކުނޑި އަޅުވެތި ވެ ފިކުރީ އިސްތިޢުމާރުގެ ކަސްތޮޅުތަކުން ހިތާއި ބުއްދި ބަނދެވިފައި ވާ ޙާލު ކިޔާ ތަޢުޒިޔާއެއް ނޫނެވެ. ތާރީޚުގައި ކަން ހިނގި ގޮތް ހަނދާނުގައި ހުރި ޙާލު ކިޔާ ތަޢުޒިޔާއެކެވެ. މުސްލިމުންނަކީ ކޮންމެ މީހަކާ މެދު ކޮންމެ ޙާލަތެއްގައި ވެސް އިޙްސާންތެރި ވުމުގެ ވާޖިބު އޮތް ބައެއްކަން އެނގޭތީ، އިޙްސާންތެރިކަމުގެ މަގުން ކިޔާ ތަޢުޒިޔާއެކެވެ. ޤައުމުތަކާއި އެ ޤައުމުތަކުގެ ރައްޔިތުންނާއި އެއުރެން ކުރެ ޤަދަރުވެރި ޢިއްޒަތްތެރީންނަށް ހެޔޮކޮށް ހިތުމަށް މުސްލިމުންގެ ނަބިއްޔާ ދެއްވި އިރުޝާދުގެ މަތީން ކިޔާ ތަޢުޒިޔާއެކެވެ. މުޅި ދުނިޔޭގައި ވެސް އިންސާނީ އުޚުއްވަތާއި ހެޔޮ އިރާދާ އާއި އެކުވެރިކަން އާލާ ކުރުމަކީ އިސްލާމް ދީނުގެ މަގު ކަމުގައި ވާތީ ކިޔާ ތަޢުޒިޔާއެކެވެ.

މި ދެންނެވި ގޮތުގެ މަތީން ތަޢުޒިޔާ ކިޔުމަށް ފަހު، ތާރީޚުގެ ޞަފުޙާތައް ހާވައިގެން ހިތި އަދި ކަޅު ހަނދާންތަކެއްގެ ވާހަކަ ދެން ކޮންމެހެން ދައްކާން ތިޔަ އުޅެނީ ކީއްވެގެން ހެއްޔޭ، މިހައި ހިސާބުން، ބައެއް ބެއިފުޅުން އައްސަވައިފާނޭކަން ނޭނގެއެވެ. އެ ސުވާލަށް ޖަވާބު ވެސް އަރުވާނަމެވެ! އެ ވާހަކަ ދައްކާން މި އުޅެނީ އަދިވެސް، މިއަދު ވެސް، އިނގިރޭސީންނާއި އެމީހުންގެ އެކުވެރީން މުސްލިމް އުއްމަތާ މެދު ގެންގުޅޭ ޢަދާވާތްތެރިކަން ދޫކޮށްނުލާތީއެވެ! އަދިވެސް އިސްރާއީލަށް މަދަދު ދީގެން މުސްލިމުން މަރަމުން ގެންދާތީއެވެ! އަދިވެސް ބޮމާއި މިސައިލާއި ޑްރޯނުގެ އަލިފާނުން މުސްލިމުން އަންދަމުން ގެންދާތީއެވެ! އަދިވެސް ފިކުރީ އިސްތިޢުމާރުގެ ހަތިޔާރުތައް އުފުލާތީއެވެ. ހަމައެޔާއެކު، އަޅުގަނޑުމެން މުސްލިމުންގެ އަމިއްލަ ސަފުތަކުގެ ތެރެއިން ބަޔަކު ނުކުމެ "މަތިވެރި ރާނީކަމަނާ" އަށް ސަޖިދަ ކުރާ ޙާލު އަދަބު ތަޢުޡީމު އަދާ ކުރަމުން ގެންދާ އިރު އެމީހުންގެ ހަނދާނުގައި، ދަންނަވާން މި އުޅޭ ވާހަކަތައް އެއްގޮތަކަށް ވެސް ނެތް ކަމަށް، ނުވަތަ އެ ވާހަކަ އެމީހުންނަށް އެނގިފައި ވެސް ނެތް ކަމަށް ފެންނާތީއެވެ! މި ދަންނަވާ ޒާތުގެ މީހުންގެ ވަރަށް ރީތި މިސާލެއް، ރާނީ އެލިޒަބަތު އަވަހާރަ ވި ފަހުން ބޭއްވުނު ދިވެހިރާއްޖޭގެ "ރައްޔިތުންގެ މަޖިލިހުގެ" ފުރަތަމަ ޖަލްސާގައި، މަޖިލިހުގައި ތިބޭ ޣައިރުދުސްތޫރީ ގޮތުން އަދި ޝަރްޢިއްޔަތު ގެއްލިފައި ވާ ޙާލު ޑީ ފެކްޓޯކޮށް މަޖިލިސް ހިންގަމުންދާ "މެންބަރުން" އެމީހުންގެ އާދައިގެ މަތީން ތަމްސީލު ކުޅަ ޖޯކުގަނޑަކުން ފެނިގެން ދިޔައެވެ. ދުނިޔޭގެ ތާރީޚާއި ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުގެ އެއްވެސް މަޢުލޫމާތެއް ނެތި، ނުވަތަ އެނގިތިބެ ދޮގުވެރި ބަސްތައް ދުލުން ބުނާ ޙާލު، "އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަކީ ދުނިޔޭގެ ޞުލްޙައަށް މަސައްކަތް ކުރެއްވި ބެއިފުޅެކޭ" މި ބާވަތުގެ ދެއުޅިއެއްނުވާ ވާހަކަތައް ދެއްކި ދެއްކުމުންނެވެ.

ދެން، އެ ހަނދާންތަކެއްގެ ވާހަކަ ދައްކާން މި އުޅޭ ހަނދާންތަކާ ދިމާޔަށް އެނބުރިލާނަމެވެ!

ޞަލީބީން ...

ކުރީންވެސް ދެންނެވި ފަދައިން، މިއަދު މި އޮތް އިނގިރޭސި ރަސްކަމުގެ ފެށުމަކީ، ފަރަންސޭސި ވިލާތުގައި އޮންނަ "ނޯރމަންޑީ" އެވެ ކިޔުނު ސަރަޙައްދަކަށް ނިސްބަތް ވާ އަދި ފަރަންސޭސި ބަހުން ވާހަކަ ދައްކައިއުޅުނު ޤައުމެއްގެ މީހުން މީލާދީން 1066 ގައި އިންގްލެންޑަށް އަރައި އެ ޤައުމު ފަތަޙަ ކުރި ކުރުމެވެ. އެއިރު އިންގްލެންޑުގައި އޮތީ، މީލާދީން 927 ވަނަ އަހަރު އެންގްލޯ-ސެކްސަން ރަސްކަލެއް ކަމުގައި ވާ އެތެލްސްޓޭން ބިންގާ އެޅުއްވި އެންގްލޯ-ސެކްސަން ރަސްކަމެކެވެ. ނޯރމަންޑީގެ ލަޝްކަރު، ޑިޔުކް ވިލިޔަމް އޮފް ނޯރމަންޑީގެ ވެރިކަމުގެ ދަށުގައި އިންގްލެންޑަށް އަރައި އިންގްލެންޑް ފަތަޙަ ކޮށް، އެ މުލޫކިއްޔާގެ ތަޚްތުގައި ވިލިޔަމް ދަ ނޯރމަން އިށީނދެވަޑައިގަތުމާ ގުޅިގެން، މިހާރު މި އޮތް އިނގިރޭސި ރަސްކަން ފެށުނީއެވެ. އާދެ، "ނޯރމަން ކިންގްޑަމް އޮފް އިންގްލެންޑް" ވުޖޫދަށް އައީއެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް އިނގިރޭސި ރަސްކަން ކުރަމުން އައީ ޑިޔުކް ވިލިޔަމްގެ ވާރުތަވެރީންގެ ގޮތުގައި ތަޚުތަށް އަންނަ އެކިއެކި ދަރިކޮޅުތަކެވެ.

ޑިޔުކް ވިލިޔަމް އިނގިރޭސި ތަޚުތުގައި އިށީނދެވަޑައިގަތީ "ވިލިޔަމް ދަ ފަރސްޓް" ގެ ގޮތުގައެވެ. "ވިލިޔަމް ދަ ކޮންކަރަރ" ގެ ލަޤަބާ އެކުގައެވެ. އޭނާއަށް ފަހު އިނގިރޭސި ތަޚުތަށް އިސް ކުރެވުނީ އޭނާގެ ދަރިކަލުން ވިލިޔަމް ދެވަނައެވެ. ވިލިޔަމް ދެވަނަ އަވަހާރަ ވުމުން ރަސްކަމަށް ވަޑައިގަތީ ވިލިޔަމް ދަ ކޮންކަރަރގެ އެހެން ދަރިކަލެއް ކަމުގައި ވާ ހެންރީ އެއްވަނައެވެ. ހެންރީ އެއްވަނައަށް ފަހު ތަޚުތު ވާރުތަ ވީ، ވިލިޔަމް ދަ ކޮންކަރަރގެ ދަރިކަނބަލުން އެޑީލާ، ފަރަންސޭސި ނަވާބީ ޚާންދާނެއްގެ ބެއިފުޅެއް ކަމުގައި ވާ ސްޓެފަން ހެންރީ ކައުންޓް އޮފް ބްލޯއިއާ ކައިވަނި ބައްލަވައިގެން ލިބިވަޑައިގެންފައި ހުންނެވި ދަރިކަލަކު ކަމުގައި ވާ ސްޓެފަން އޮފް ބްލޯއިއެވެ. ސްޓެފަން އޮފް ބްލޯއިއަށް ފަހު، އިނގިރޭސި ތާޖު ތުރު ކުރެއްވީ، ވިލިޔަމް ދަ ކޮންކަރަރގެ ދަރިކަލުން ހެންރީ އެއްވަނަގެ ދަރިކަނބަލުން މެޓިލްޑާ، ފަރަންސޭސި ނަވާބީ ޚާންދާނެއްގެ ބެއިފުޅެއް ކަމުގައި ވާ ޖެފްރީ ފަސްވަނަ ކައުންޓް އޮފް އާންޜޫއާ ކައިވަނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން ހެންރީ ދެވަނައެވެ. ހެންރީ ދެވަނައަށް ފަހު އިނގިރޭސި ރަސްކަލަކަށް ވެވަޑައިގަތީ ހެންރީ ދެވަނަގެ ދަރިކަލުން ރިޗަރޑް އެއްވަނައެވެ. މަޝްހޫރު ނަމުން ދަންނަވަންޏާ، ރިޗަރޑް ދަ ލަޔަންހާރޓްއެވެ.

މި ދެންނެވި ނަންތަކުގެ ތެރެއިން ދެ ނަމެއް ހަނދާނުގެ ބޯޑުގައި ފަލަ އަކުރުން ލިޔުއްވައިލައްވާށެވެ! ފުރަތަމަ ނަމަކީ އިނގިރޭސީންގެ ހަތަރުވަނަ ރަސްގެފާނު ސްޓެފަން އޮފް ބްލޯއީގެ ބައްޕާފުޅު، ސްޓެފަން ހެންރީ ކައުންޓް އޮފް ބްލޯއިގެ ނަމެވެ. ދެވަނައީ، އިނގިރޭސީންގެ ހަވަނަ ރަސްގެފާނު ރިޗަރޑް ދަ ލަޔަންހާރޓްގެ ނަންފުޅެވެ.

ސްޓެފަން ހެންރީ ކައުންޓް އޮފް ބްލޯއި އަކީ މީލާދީން 1095 އާއި 1097 އާ ދެމެދު އިސްލާމީ ދުނިޔެއަށް މުޞީބާތާއި އަނިޔާވެރިކަމުގެ ބިރުވެރި ވިލާގަނޑެއް ފަދައިން އައި ނަޞާރާ ޞަލީބީންގެ ލަޝްކަރުތަކުގެ އެންމެ އިސް އެއް ކޮމާންޑަރެވެ. ޝާމު ކަރައިގެ މުސްލިމް އެތައް ޝަހަރަކާއި އަވަށެއް ސުންނާފަތި ކޮށް، އެތައް ލައްކަ މުސްލިމުންނެއް ކަތިލައި، ގުނާ ޢަދަދު ނުކުރެވޭހައި ގިނަ މުސްލިމް އަންހެން ދަރީން ރޭޕް ކޮށް، މުސްލިމުންގެ މަސް ތެލިތެލީގައި ކައްކައިގެން ކެއި ޞަލީބީންގެ އެއްމެ ބޮޑު އެއް ލީޑަރެވެ. ތާރީޚުގެ އަހުލުވެރީންނަށް އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން، މި ދަންނަވާ ޞަލީބީ ލަޝްކަރަކީ 1095 ވަނަ އަހަރު، ރޯމަން ކެތަލިކް ފައްޅީގެ ޕޯޕް އުރްބާނޫސް ދެވަނަގެ އަމުރުގެ ދަށުން، މުސްލިމުންގެ ބިންތައް އަތުލައި، ޚާއްޞަ ގޮތެއްގައި ފަލަސްޠީނުގެ އަލްޤުދުސް ނަޞާރާއިންގެ ބާރުގެ ދަށަށް ގެނައުމަށް ޓަކައި ޔޫރަޕުން އައި ބިޔަ ލަޝްކަރެކެވެ. އެ ލަޝްކަރުގައި ސްޓެފަން ހެންރީ ކައުންޓް އޮފް ބްލޯއި ބައިވެރި ވެވަޑައިގަތީ ފަރަންސޭސި ހަނގުރާމަވެރީންގެ ބިޔަ ޖަމާޢަތަކާއިގެންނެވެ. ޞަލީބީން މުސްލިމުންގެ ރަށްރަށް ފަތަޙަ ކުރަމުން އައިސް، ޤުދުސް އަތުލައިގަތީ ޝަހަރުގެ މުސްލިމް އާބާދީގެ ތެރެއިން އަޅު މަސައްކަތް ކުރާނޭ ފިރިހެނުންކޮޅަކާއި، ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅޭން ރަނގަޅު ޢުމުރުގެ އަންހެންކުދީން ފިޔަވައި، ބާކީ ތިބިހައި މުސްލިމުން ކަތިލައި އެމީހުންގެ ލެއިން ޤުދުސްގެ ކަންކޮޅުތަކުގައި "އަސްތަކުގެ ކަކުލާ ހަމަޔަށް އަރާ ވަރުގެ ފުން "ލޭކުޅިތައް" ދަމައިލުމަށް ފަހުގައެވެ. ފުރަތަމަ ޞަލީބީ ހަނގުރާމައިގެ ކާމިޔާބަށް ފަހު، މީލާދީން 1101 ގައި ސްޓެފަން ހެންރީ ކައުންޓް އޮފް ބްލޯއި، ޞަލީބީ ލަޝްކަރަކާއިގެން މިޞްރަށް ވެސް ޙަމަލަ ދެއްވިއެވެ. އެ ހަނގުރާމައިގެ ތެރޭގައި އޭނާ މުސްލިމުންގެ އަތްދަށުގައި ހައްޔަރު ވެވަޑައިގަތީއެވެ. އަވަހާރަ ވީ ވެސް މުސްލިމުންގެ ޤައިދުގައި މިޞްރުގައެވެ.

ދެން އޮތީ އިނގިރޭސީންގެ ހަވަނަ ރަސްގެފާނު ރިޗަރޑް ދަ ލަޔަންހާރޓްގެ ވާހަކައެވެ.

ޞަލީބީން ޤުދުސް ފަތަޙަ ކޮށްގެން އެ ޝަހަރުގައި އުފެއްދި ރަސްކަމަށް 90 އަހަރު ވީ ފަހުން، ޤުދުސް މިނިވަން ކުރައްވައި މުސްލިމުންގެ ބާރުގެ ދަށަށް ޝަހަރު އަލުން ގެންނެވީ މުސްލިމުންގެ މަތިވެރި ބަޠަލް މަލިކުއް ނާޞިރު ޞަލާޙުއްދީނުލް އައްޔޫބީ ރަޙިމަހުﷲއެވެ. މީލާދީން 1187 ގައި އެމަނިކުފާނު ޤުދުސް މިނިވަން ކުރެއްވުމުން، ޔޫރަޕަށް އެކަން ވެގެން ދިޔައީ ބޮޑު ޝޮކަކަށެވެ. ވަގުތުން ރޯމަން ކެތަލިކް ފައްޅީން މުޅި ޔޫރަޕަށް އިސްލާމީ ދުނިޔެއާ ދެކޮޅު "ޞަލީބީ ޙަމަލާއަކަށް" ތައްޔާރު ވުމުގެ ނިދާ އިއްވިއެވެ. ފައްޅީގެ ގޮވައިލުމަށް އިޖާބަ ދެއްވައި، ޔޫރަޕުގެ ނަޞާރާ އެންމެ ވަރުގަދަ ތިން ރަސްކަލުން ނުކުމެވަޑައިގަތެވެ. އެއީ މިހާރުގެ ޖަރުމަނާއި އިޓަލީގެ ބޮޑު ބައެއްގައި އޮތް "ހޯލީ ރޯމަން އެމްޕަޔަރ" ދައުލަތުގެ އަންބަރާޠޫރު ފްރެޑްރިކް ބާރބަރޯސާ އާއި، ފަރަންސޭސި މުލޫކިއްޔާގެ ރަސްގެފާނު ފިލިޕް ދެވަނަ އޮގަސްޓަސް އާއި، އިނގިރޭސި ރަސްގެފާނު ރިޗަރޑް ދަ ލަޔަންހާރޓެވެ. މި ތިން ބެއިފުޅުންގެ ތިން ލަޝްކަރު ވަކިވަކީން ޤުދުސާ ދިމާޔަށް ދަތުރު ކުރަމުން ދަނިކޮށް، މަގުމަތީގައި ފްރެޑްރިކް ބާރބަރޯސާ އަވަހާރަ ވިއެވެ. ފަލަސްޠީނާ ހަމަޔަށް ވަޑައިގަތީ ރިޗަރޑް އާއި ފިލިޕް އެވެ. ޖަރުމަނުންނާއި އިޓަލީންގެ ލަޝްކަރުން ވެސް ބައެއް އިނގިރޭސީންނާއި ފަރަންސޭސީންނާ އެކު އައެވެ. މުޅި ޞަލީބީ ޖަމާޢަތުގެ ލީޑަރަކަށް ފަހުން ޢަމަލީ ގޮތުން ވެވަޑައިގަތީ ރިޗަރޑެވެ. މި ލަޝްކަރު އައިސް އެންމެ ފުރަތަމަ ޙަމަލަ ދީ ހިފީ ފަލަސްޠީނުގެ އައްސޭރީގައި އޮންނަ ޢައްކާ ޝަހަރެވެ. ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ އެމަނިކުފާނުގެ ލަޝްކަރާއިގެން ޢައްކާ ދިފާޢު ކުރެއްވުމަށް ޓަކައި ވަޑައިގަތެވެ. ނަމަވެސް ޔޫރަޕުގެ ލަޝްކަރުން އެމީހުންގެ މަޤާމުތަކާ ހަމަޔަށް މުސްލިމުން އަޔަނުދޭން ކޮނެފައި އޮތް ފުޅާ ޚަންދަގުގެ ސަބަބުންނާއި، ޔޫރަޕުގެ ލަޝްކަރުގެ ބިޔަކަމާއި ވަރުގަދަކަމުން، އަދި އެމީހުން ކަނޑުމަގުން ވެސް މުޅި ޝަހަރު ޙިޞާރު ކޮށްފައި އޮތުމުގެ ސަބަބުން، ޝަހަރު ދިފާޢު ކުރެއްވުމުގައި ޞަލާޙުއްދީނަށް ކާމިޔާބު ލިބިވަޑައެއްނުގަތެވެ. ދުޝްމަނުން ޢައްކާ ހިފީއެވެ. އެޔަށްފަހު، ޝަހަރުގެ ތެރޭގައި އޮތް މުސްލިމް ލަޝްކަރުގެ ހަނގުރާމަވެރީންގެ 2700 ސިފައިންގެ ބޯތައް ކަނޑައި، އެ ބޯތައް ޝަހަރުގެ ދިފާޢީ ފާރުގައި ހުރި ސާޅަނގަތަކުން، ބޭރުގައި އޮތް މުސްލިމް ލަޝްކަރުގެ ތެރެޔަށް އުކައިލީއެވެ. މި ގޮތަށް ކަން ކުރެވިގެން ދިޔައީ އިނގިރޭސި ރަސްގެފާނު ރިޗަރޑްގެ އަމުރުފުޅަށެވެ.

ދުޝްމަންކަމުގެ ހާސް އަހަރު

މި ދެންނެވި ބަޔާނުން އެނގިވަޑައިގަންނަވާނޭ ފަދައިން، އިނގިރޭސި ރަސްކަމުގެ ޝާހީ ޢާއިލާ އަކީ ޔޫރަޕުގެ ނަޞާރާއިން – ޔޫރަޕިއަން ކްރިސްޓެންޑަމް – މުސްލިމުންނާ ދެކޮޅަށް ކުރި އެންމެ ވަރުގަދަ ހަނގުރާމަ ކަމުގައި ވާ ޞަލީބީ ހަނގުރާމައިގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ޢާއިލާއެކެވެ. އިނގިރޭސި ރަސްކަމަކީ ޞަލީބީންގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެކަން އެ ގޮތުގައި އޮތީ ހަމައެކަނި ޞަލީބީ ހަނގުރާމައިގެ ފުރަތަމަ ދުއިސައްތަ އަހަރުގެ ތެރޭގައެއް ނޫނެވެ. ފުރަތަމަ ޞަލީބީ ހަނގުރާމައިން ފެށިގެން މިއަދާ ހަމަޔަށް ވެސް، އިނގިރޭސި ރަސްކަމުގެ ފަރާތުން މުސްލިމް އުއްމަތާ މެދުގައި ޖުމުލަ ގޮތެއްގައި ގެންގުޅެފައި ވަނީ ދުޝްމަންކަމާއި ޢަދާވާތްތެރިކަމެވެ.

ދޭތެރެއަކުން ޢުޘްމާނީ މުސްލިމް ޚިލާފަތާ އެކު އިނގިރޭސީން ރަނގަޅު ސަފާރީ ގުޅުންތަކެއް ބޭއްވި ދުވަސްތަކެއް ދިޔައެވެ. އެމީހުންގެ ޤައުމީ މަޞްލަޙަތަށް ޓަކައެވެ. އިނގިރޭސި ރާނީ އެލިޒަބަތު އެއްވަނަގެ ދުވަސްވަރު އިނގިރޭސި ވިލާތުގައި ދެވަނަ ފަހަރަށް ޕްރޮޓެސްޓެންޓް މަޒްހަބު ޤާއިމު ކުރެވުމުން، އެއިރު ޔޫރަޕުގެ ނަޞާރާ އެންމެ ބޮޑު ބާރު ކަމުގައި ވާ ސްޕޭނީން އިނގިރޭސި ވިލާތް ފަތަޙަ ކުރުމަށް ވަރުގަދަ ހަނގުރާމައެއްގެ ރޭވުންތައް ރޭވިއެވެ. ސްޕޭނުގެ ކަނޑުގެ ލަޝްކަރުގެ އެތައް ސަތޭކަ ނަވެއްގައި، އެތައް ހާސް ހަނގުރާމަވެރީން އަރައި އިނގިރޭސި ވިލާތް ހިފުމުގެ ރޭވުމެކެވެ. އަމިއްލައަށް ހަނގުރާމަ ކޮށްގެން ސްޕޭނީ ލަޝްކަރު ބަލި ނުކުރެވޭނޭކަން އިނގިރޭސި ލީޑަރުންނަށް ވިސްނިވަޑައިގެން، ރާނީ އެލިޒަބަތާއި ސަރ ފްރޭންސިސް ވޯލްސިންގހަމްގެ ވިސްނުންފުޅާ އެއްގޮތަށް، ޢުޘްމާނީންގެ އެހީތެރިކަމަށް އެދެވުނެވެ. މި އެދުމަށް އިޖާބަ ދީ، ޢުޘްމާނީން އެމީހުންގެ ކަނޑުގެ ލަޝްކަރުގެ ފައުޖުތައް ސްޕޭނާއި ސްޕޭނުގެ އަންބަރާޠޫރިއްޔާގެ ބައެއްގެ ގޮތުގައި އޮތް އިޓަލީގެ ބައެއް ހިސާބުތަކާ ދިމާޔަށް މިޞްރާބު ޖަހައި، ޙަމަލައެއް ދޭން އުޅޭކަމުގެ ތަމްސީލު ދައްކައިލުމުގެ ނަތީޖާއަކަށް ވީ، އިނގިރޭސި ވިލާތާ ދިމާޔަށް ފޮނުވާން ހަމަޖެހިފައި އޮތް ސްޕޭނީ އާމަޑާގެ ދެބައިކުޅަ އެއްބައި ނައުފަހަރު މެޑިޓަރޭނިއަނަށް، ޢުޘްމާނީންނާ ދެކޮޅަށް ފޮނުވާން ޖެހުމެވެ. އަނެއް ބައި އިނގިރޭސި ވިލާތުގެ އައްސޭރިއާ ކައިރިޔަށް ގޮސް، ޢުޘްމާނީންނާ ދެކޮޅަށް ދިޔަ ފައުޖުތައް އެނބުރި އައުމުގެ އިންތިޒާރީގައި ތިއްބައި، އިނގިރޭސީން ކުއްލި ޙަމަލައެއް ދީ އެ ލަޝްކަރު މުޅީންހެން ފަނާ ކޮށްލީއެވެ. މި ނަޞްރު އިނގިރޭސީންނަށް ލިބުނީ ޢުޘްމާނީންގެ "ޓެކްޓިކަލް އެހީގެ" ސަބަބުން ކަމާއި، ސްޕޭނީ އާމަޑާ އެކުގައި އިނގިރޭސި ވިލާތަށް ދިޔަ ނަމަ އިނގިރޭސީންނަކަށް ހިފަހައްޓައިނުލެވުނީސްކަން ތާރީޚު ދިރާސާ ކުރައްވާ ބެއިފުޅުން މިހާރު ޤަބޫލުފުޅު ކުރައްވައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ބެއިފުޅުން މި ލިންކު އަދި މި ލިންކު ބައްލަވައިލެއްވުން އެދެމެވެ.

ނަމަވެސް އާޚިރުގައި ޢުޘްމާނީ މުސްލިމް ޚިލާފަތު ނެއްތައިލުމުގައި ވެސް އެންމެ ބޮޑު ދައުރެއް ކުޅުނީ އިނގިރޭސީންނެވެ. ބަލްކަނާއި ހުޅަނގު ދެކުނު އޭޝިޔާގައި އޮތް މުސްލިމުންގެ އެތައް ބިންތަކެއް ރޫސީން ފޭރިގަތް އިރު، އެކަމަށް އިނގިރޭސީން ހުރިހައި ގޮތަކުން އެހީތެރި ވިއެވެ. ޢުޘްމާނީންގެ އަތްދަށުގައި ހުރި ޢަރަބި އިސްލާމީ އެތައް ބިންތަކެއް ހިފައި، އެ ތަންތަނުގެ އަހުލުވެރީންގެ ހިތްތަކުގައި ޢަރަބި ޤައުމިއްޔަތު އުފައްދައި، ޢަރަބި މުސްލިމުންނާއި ތުރުކީ މުސްލިމުން ބައިބައި ކޮށް، ތުރުކީންނާ ދެކޮޅަށް ޢަރަބި މުސްލިމުން ލައްވައި އެތައް ހަނގުރާމަތަކެއް އިނގިރޭސީން ކުރުވިއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ހަނގުރާމައަކީ ޢަރަބި ކަރައިގައި އޮތް އާލުސުޢޫދުގެ ރަސްކަމަށް އެކިއެކި ގޮތްގޮތުން އެހީތެރިކަމާއި ވަސީލަތްތައް ފޯރު ކޮށްދީގެން، މައްކާ އާއި މަދީނާ އިސްލާމީ ޚިލާފަތުގެ ދަށުން ފޭރިގަނެ، އާލުސުޢޫދުގެ އިނގިރޭސި ޕަޕެޓް ރަސްކަމުގެ ދަށަށް ގެންދިޔަ ބަޣާވާތުގެ ނުބައި ހަނގުރާމައެވެ. ޢުޘްމާނީ ތުރުކީގެ އާޚިރީ ހަލާކު ކަމުގައި ވި "ޜައުން ތުރްކް" އަށް އެންމެ ބޮޑަށް ވާގިވެރި ވި އެއް ބަޔަކީ އިނގިރޭސީންނެވެ. ބައެއް މުއައްރިޚުންގެ ނަޒަރުގައި، ޢުޘްމާނީ ޚިލާފަތުގެ އިޤްތިޞާދީ ނިޒާމާއި ޢަސްކަރިއްޔާ އަލުން ބިނާ ކުރައްވައި، އިސްލާމީ ޚިލާފަތު އަލުން ކޮޅަށް ނެންގެވުމަށް ސުލްޠާން ޢަބްދުލްޢަޒީޒް މަސައްކަތް ކުރެއްވުމުން، އެމަނިކުފާނުގެ އަރިސް ބެއިފުޅުންގެ ތެރޭގައި ހިމެނުނު މިދްޙަތު ޕާޝާ އާއި އަވްނީ ޕާޝާ ފަދަ މީސްމީހުންނަށް ހުތް ދީގެން އެމަނިކުފާނު ތަޚުތުން ބައިލައި، ގަނޑުވަރުގައި ބަންދު ކޮށް، ރެއިގަނޑުގެ ދަންވަރު އެމަނިކުފާނުގެ ދެ އަތްޕުޅުގެ ކުޑަހުޅުފުޅާ ދިމާއިން ނާރުތައް ބުރި ކޮށްލައިގެން ޝަހީދު ކޮށްލުމުގެ ޖަރީމާ ހިންގުނީ ވެސް އިނގިރޭސީންގެ ރޭވުމުގެ މަތީންނެވެ. ސުލްޠާން ޢަބްދުލްޢަޒީޒް އަވަހާރަ ވި ކަމަށް ބުނެވެނީ މި ދެންނެވި ޙާލުކޮޅުގައި ބައިގަޑިއެއްހައި އިރު އޮންނަވައި، ހަށިކޮޅުން ލެއި ހުސް ވެގެންނެވެ. އެންމެފަހުން، "ސައިކްސް-ޕިކޮޓް އެއްބަސްވުމުގެ" ދަށުން، ޢުޘްމާނީ ބިންތައް ބައިބައި ކޮށް، އޭގެ ތެރެއިން ފަލަސްޠީނުގައި ޒައިނިސްޓް-ޔޫރަޕިއަން-ވައިޓް-ސެޓްލަރ ކޮލޯނިއަލް "ދައުލަތެއް" ޤާއިމު ކުރުމުގެ މަކަރުވެރި މަޝްރޫޢުގެ ބޭކެނބިކަން ކުރީ ވެސް ހަމަ އިނގިރޭސީންނެވެ. މީގެ ތެރެއަށް ހަމައެކަނި، އިންޑިއާގައި ބަލިކަށި ޙާލަތެއްގައި ވިޔަސް ދެމިއޮތް މުޣުލް އިސްލާމީ ދައުލަތް މުޅީން ސުންނާފަތި ކޮށްލިކޮށްލުން އިތުރު ކޮށްލުމުން، އިސްލާމީ އުއްމަތުގެ 1400 އަހަރުގެ ތާރީޚުގައި މި އުއްމަތަށް އެންމެ ގިނަ އަނިޔާ އާއި ގެއްލުން ދިން ޤައުމަކަށް އިނގިރޭސީން ވެއެވެ.

މި ހުރިހައި ކަމެއް އިނގިރޭސީން ކުރީ އަދި އެ ސިޔާސަތު އަދިވެސް ހިންގަނީ ކީއްވެގެންތޯ، މިއީ ދުނިޔޭގައި ހިނގަމުން މި ދާ ކަންކަމާ މެދު ޖަހާލަތުގެ އަނދިރީގައި ހުންނާން ނޭދޭ ކޮންމެ މީހަކު ވެސް ކުރާނޭ އަދި ކުރާން ޖެހޭ ސުވާލެކެވެ. ވަރަށް ކުރުކޮށް ދަންނަވަންޏާ، މި ސުވާލުގެ ޖަވާބުގެ މައިގަނޑު އޮތީ ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 120 ވަނަ އާޔަތުގައެވެ. އެ އާޔަތުގައި އަންގަވަނީ، މުސްލިމުން ޔަހޫދީންނާއި ނަޞާރާއިންގެ ދީނަށް ނުވަތަ ގޮތްތަކަށް ފުރިހަމަޔަށް ބޯ ނުލަނބާހައި ހިނދަކު އެމީހުން މުސްލިމުންނާ މެދު ނުރުހޭނޭ ކަމުގައެވެ. ޢަދާވާތްތެރިކަމާއި ދުޝްމަންކަން ދޫ ނުކުރާނޭ ކަމުގައެވެ. އެއާއެކު، އިތުރު ދެ ނުކުތާއަކަށް ވެސް ބަލައިލާން ޖެހެއެވެ! ފުރަތަމަ ކަމަކަށް، މިއަދުގެ ޔޫރަޕަކީ ޒައިނިސްޓް ޔަހޫދީންނާއި ނަޞާރާއިންނެކޭ އެއްފަދައިން، ލާއިލާހިއްޔަތާއި ލާދީނިއްޔަތުގެ އަހުލުވެރީންނަށް ވެސް ބޮޑެތި ބާރުތަކެއް ލިބިފައި ވާ ތަނަކަށް ވާ އިރު، މި ގުރޫޕުތަކުގެ މީހުން އިސްލާމް ދީނާއި މުސްލިމް އުއްމަތް ދެކެ ގަންނަ ބިރާއި އަރާ ރުޅި ތަންފުކެއް ވެސް ކުޑައެއް ނޫނެވެ. މި މީހުންގެ ބާރު އިނގިރޭސި ދައުލަތުގައި ވެސް ވަރަށް ގަދައެވެ. ދެވަނަ ކަމަކަށް، ޔޫރަޕުގައި މީގެ އެތައް ޤަރުނެއް ކުރީއްސުރެ އޮންނަ "ވައިޓް-ސުޕްރެމަސިޒަމް" އާއި "ޔޫރޯސެންޓްރިޒަމް" ގެ ފިކުރުތަކުގެ ތެރެއިން، އަދި އިންސާނުން ކުރެ ބާރުގަދަ ޤައުމުތައް އަބަދުވެސް މުޅި ދުނިޔޭގައި ހަން ފެތުރުމަށް ގެންގުޅޭ ސިޔާސަތުގެ ނަފްސިއްޔާތުގެ ތެރެއިން، ހުޅަނގު ބޭނުން ވަނީ މުޅި ދުނިޔެ ވެސް އެމީހުން އެއިރަކު އުޅޭ ގޮތަކަށް ތަބަޢަ ވާ އެމީހުންގެ "އަޅުންތަކެއް" ގެ ގޮތުގައި ބެއިތިއްބުމެވެ. އޭގެ ސަބަބުން ލިބޭ އިޤްތިޞާދީ އަދި އެހެނިހެން ފައިދާތަކަށް ޓަކައެވެ. މުޅި ދުނިޔެ އަޅުވެތި ކޮށްގެން، މުޅި ދުނިޔޭގެ މުއްސަނދިކަން އަމިއްލަ ކޮށްގެން، މުޅި ދުނިޔޭގެ ސާހިބުންނަށް ވެގެން އުޅުމުގެ އެދުންވެރިކަމުގައެވެ.

އިނގިރޭސި ދައުލަތުން އިސްލާމީ އުއްމަތާ މެދު ގެންގުޅޭ ޢަދާވާތްތެރިކަމުގެ ސަބަބު ގުޅިފައި ވަނީ މި ދެންނެވި ކަންތަކާއެވެ! އާދޭހެވެ! އަޅުގަނޑުމެން މާތް ވެގެންވާ އިސްލާމް ދީނުގެ ތެދުވެރި ނޫރަށް ކާފިރު ވެފައި، އެހެންޏާ ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް އަޅުވެތި ވާންވީއެވެ! ނުވަތަ ލާއިލާހިއްޔަތާއި ލާދީނިއްޔަތުގެ މަގަށް ގޮސް، ލިބަރަލިޒަމާއި ފެމިނިޒަމާއި ހިޔުމަނިޒަމުގެ އަޅުންނަށް ވެ، "ގޯޑްލެސް" އަދި "ވެލިޔުލެސް" އަދި "ޖެންޑަރލެސް" ފިކުރުތަކުގެ މުޖުތަމަޢަކަށް ވާން ވީއެވެ! އަދި ޔޫރަޕާއި ހުޅަނގުގެ ސިޔާސީ، އިޤްތިޞާދީ "ހެޖެމޮނީ" ގެ ދަށުގައި ބިމުގައި ދެ ކަކޫ ޖައްސައިގެން ތިބޭ "ލެޕްޑޯގްތަކަކަށް" ވާން ވީއެވެ. އެހެން ނުވާހައި ހިނދަކު، އެމީހުންގެ ޢަދާވާތްތެރިކަމުގެ ކަޅު ވިލާގަނޑު އަޅުގަނޑުމެންގެ ބޯމަތީގައި ވާނެއެވެ!

ރާނީ އެލިޒަބަތުގެ ދައުރު

މަތީގައި އަޅުގަނޑު ބަޔާން ކުރި ކަންކަމަކީ، ރާނީ އެލިޒަބަތު ދެވަނަ އިނގިރޭސި ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ހިނގި ކަންތައްތަކުގެ ވާހަކައެވެ. އެކަމަނާ ރަނިކަމަށް ވަޑައިގެންފައި، އިނގިރޭސި ދައުލަތުގެ މި ސިޔާސަތު ބަދަލު ކުރައްވައި، މުސްލިމް ދުނިޔެއާ އެކު އިންޞާފުވެރި އަދި ޢަދުލުވެރި ގޮތުގައި ޞުލްޙަ އާއި އެކުވެރިކަން އާލާ ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަ، އެކަމަނާ ހުރިހައި ތުހުމަތުތަކަކުން ބަރީއަ ވެވަޑައިގަތީސްކަން ކަށަވަރެވެ. އަދި އެކަމަނާއަށް ތަޢުރީފު ކުރުން ޙައްޤު ވީސްކަން ކަށަވަރެވެ. ނަމަވެސް އެކަމަނާ ކަން ކުރެއްވީއަކީ އެ ގޮތަކަށް ނޫނެވެ.

އެލިޒަބަތު ތަޚުތުގައި އިންނެވި ދުވަސްވަރު ވެސް އިނގިރޭސީން ވަނީ ނުޙައްޤު ގޮތުގައި މުސްލިމުންނަށް އެތައް އަނިޔާއެއް ކޮށްފައެވެ! އަޅުގަނޑުމެން ކުރެ މިހާރު ދުނިޔޭގައި ތިބި އެތައް ބަޔަކަށް ވެސް ފެންނާނޭ ފަދައިން އިނގިރޭސީން މި ދިހަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ކުރި އަނިޔާވެރި ހަނގުރާމަތަކުގައި ވެސް އެތައް މިލިއަން މުސްލިމުންގެ ލޭ އެމީހުންގެ ފަސްބައިގައި ވަނީ އުނގުޅިފައެވެ.

އެލިޒަބަތު ރަނިކަމަށް ވަޑައިގަތީ ފަލަސްޠީނުގެ މުސްލިމުންގެ ކަށްމަތީގައި އިސްރާއީލޭ ކިޔުނު ދައުލަތެއްގެ ސޫރައިގައި ކިޔައިފައި "ވައިޓް-ސެޓްލަރ-ކޮލޯނިއަލް" ކިޔާނެއް ޤާއިމު ކުރެވުނުތަނާއެވެ. އެކަމަނާގެ ރަނިކަމުގެ 70 ވަރަކަށް އަހަރުގެ ތެރޭގައި، އިނގިރޭސި ވިލާތް އޮތީ ދެ ގޮތެއް ނުވެ އިސްރާއީލުގެ ޖައްބާރިއްޔަތާއި އަނިޔާވެރިކަމާއި ނުލަފާކަމަށް އެންމެ ބޮޑަށް އެހީތެރި ވެދޭ އެއް ޤައުމުގެ ގޮތުގައެވެ. އިސްރާއީލުގެ އެންމެ ގާތް އެއް އެކުވެރިޔާގެ ގޮތުގައެވެ. ފަލަސްޠީނުގެ ބިމުގައި އިސްރާއީލީ ޒައިނިސްޓުން އޮހޮރާހައި މުސްލިމް ލެއެއް އޮހޮރަނީ އިނގިރޭސީންގެ އެހީއާ އެކުގައެވެ. އިނގިރޭސީންނާއި އިސްރާއީލާއި ފަރަންސޭސީން ގުޅިގެން ސުއޭޒް މައްސަލައިގައި މިޞްރަށް އަރައިގަނެ އެތައް ސަތޭކަ މުސްލިމުން ޝަހީދު ކުރީ އެލިޒަބަތުގެ ދުވަސްވަރުއެވެ. ޢިރާޤާއި އަފްޣާނިސްތާނާއި އެހެނިހެން އެތައް މުސްލިމް ޤައުމަކަށް އެމެރިކާ އާއި އިނގިރޭސި ސިފައިން ގުޅިގެން ޙަމަލަ ދީ، އަޅުގަނޑުމެން އެންމެން ބަލަހައްޓައިގެން ތިއްބައި، މިލިޔަނުން މުސްލިމުން ފަނާ ކުރަމުން ދިޔަ އިރު ބަކިންގހަމް ގަނޑުވަރުގައި ތަޚުތުގައި އިންނެވީ އެކަމަނާއެވެ. ޢިރާޤު ހަލާކު ކޮށްލުމުގައި ލީޑަރެއްގެ ގޮތުން އުޅުއްވި އެމެރިކާގެ ރައީސް ޖޯރޖް އެޗް ޑަބްލިޔު ބުޝް ވިދާޅުވި ފަދައިން "ޙުއްރިއްޔަތުގެ ފަޚުރުވެރި އެކުވެރިޔެއްގެ" ގޮތުގައެވެ. އެހެންކަމުން، އިނގިރޭސި ދައުލަތުން މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާނީ ސިޔާސަތުން އެކަމަނާ ބަރީއަ ކުރެވޭނޭ ގޮތެއް ނެތެވެ.

މި ކަންކަމުގެ އިތުރަށް، މުސްލިމް ޤައުމުތައް "ސެކިޔުލަރައިޒް" ކޮށް، އެ ޤައުމުތަކުގައި އިސްލާމް ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ހިންގައި، އެ ޤައުމުތަކުގައި އިސްލާމް ދީން ނިކަމެތި ކުރުމަށް ފާއިތު ވެދިޔަ ޤަރުނުގެ ތެރޭގައި ހުޅަނގުން ރާވައި ހިންގަމުންދާ އެތައް ކަންތައްތަކެއްގެ އެންމެ ބޮޑު އެއް "ސްޕޮންސަރ" އެއްގެ ގޮތުގައި އަބަދުވެސް އޮތީ ރާނީ އެލިޒަބަތުގެ ބަކިންގހަމް ގަނޑުވަރެވެ. އިނގިރޭސި ރަސްކަމެވެ. އަނެއްކާވެސް ދަންނަވާން ޖެހެނީ، ދުނިޔޭގައި ހިނގާ ކަންކަމާ މެދު ޖަހާލަތާއި ޣަފްލަތުގެ އަނދިރީގައި ހުންނާން ނޭދޭ ކޮންމެ މީހަކު ވެސް، މިނިވަން ސިކުނޑިއަކުން ވިސްނައިލުމުން މި ޙަޤީޤަތް ވަރަށް ކައިރީން ވެސް ފެންނާނޭ ވާހަކައެވެ.

މި ދެންނެވީ އިނގިރޭސި ރާނީ އެލިޒަބަތުގެ ދައުރުގައި ވެސް، އަޅުގަނޑުމެން މުސްލިމުންނާ ދެކޮޅަށް އިނގިރޭސި ރަސްކަމުން ގެންގުޅުނު ޢަދާވާތްތެރިކަމުގެ ވާހަކައެވެ. ދުރުދުރަށް ބަލައިލުމުން، އިނގިރޭސީންގެ އަނިޔާވެރިކަން ރައްދު ވީ އަދި ރައްދު ވަމުން ދަނީ މުސްލިމުންގެ މައްޗަށް އެކަނި ނޫންކަން ވެސް ސާފު ވާނެއެވެ. އިންޑިއާ ފޭރިގެން އެއްކުޅަ ސާޅީސް ފަސް ޓްރިލިއަން ޑޮލަރުގެ މުއްސަނދިކަމުގެ ވާހަކަ އާއި، އިންޑިއާގައި އެތައް މިލިއަން ބަޔަކު މެރި ޤަތުލުޢާއްމުތަކުގެ ވާހަކަތައް ބައްލަވާށެވެ! އަނިޔާވެރި ހަނގުރާމަތަކާއި ކަށިވިދުރި ފަދަ ނުބައި ބަލިތައް ގަސްތުގައި ފެތުރުން ފަދަ ލާއިންސާނީ ގޮތްގޮތުން، އުތުރު އެމެރިކާގެ އެތައް މިލިއަން ރައްޔިތުން މަރައި އެމީހުންގެ ޝަހަރުތަކާއި ހަޟާރަތްތައް ފަނާ ކުރުމަށް ފަހު، އެމީހުންގެ ބިންތައް ފޭރިގެން އެ ބިންތަކުގައި ކެނެޑާ އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ޤާއިމު ކުޅަ ގޮތް ބައްލަވާށެވެ! އެޓްލާންޓިކް އަޅު ވިޔަފާރީގެ ޞަފުޙާތައް ބައްލަވާށެވެ! ޗައިނާގައި ގަދަބާރުގެ ބޭނުން ކޮށްގެން ފުޅާ ދާއިރާއެއްގައި އޯޕިޔަމް ވިއްކައިގެން، އެ ވިހައިން ޗައިނާގެ އެތައް ލައްކަ ޢާއިލާއަކާއި އެތައް މިލިއަން ރައްޔިތުންގެ ދިރިއުޅުމުގައި، ހަމައެކަނި އޯޕިޔަމް ވިއްކައިގެން ލިބޭ ފައިސާގެ ދަހިވެތިކަމުގައި، އަލިފާން ޖެހި ގޮތުގެ ތާރީޚު ބައްލަވާށެވެ! ދެކުނު އެފްރިކާގެ ކަޅު މީހުންގެ އެތައް މިލިއަން ބަޔަކަށް ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ހިތްދަތިކަމާއި އަނިޔާ ދިނުމަށް ފަހު ދޮން މީހުންގެ އެޕަރތައިޑް ދައުލަތެއް ޤާއިމު ކޮށް، އެތައް ދަހަރެއް ވާންދެން އެ ދައުލަތް ދެމެހެއްޓި ގޮތް ބައްލަވާށެވެ!

މި ދެންނެވީ ބައެއް މިސާލުތަކެވެ! އިނގިރޭސި ރަސްކަމުން ދުނިޔޭގެ ކަންކޮޅުތަކުގައި ހަމުގެ ކުލަ އަނދިރި އިންސާނުންނާ ދެކޮޅަށް ހިންގައިފައި ވާ ލާއިންސާނީ ޖަރީމާތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އޭގެ ތެރެއިން، އެއް ވާހަކައިގެ މައިގަނޑު ތަފްޞީލުތަކަށް ބަލައިލަމާތޯއެވެ! ރާނީ އެލިޒަބަތުގެ ދައުރުގައި ހިނގި ކަންތައްތަކެއްގެއެވެ.

އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ކެންޔާގައި، އެ ޤައުމުގެ އަޞްލު ވަޒަންވެރީން ކަމުގައި ވާ ކަޅު މީހުންނާ ދެކޮޅަށް އެމީހުން ހިންގަމުން ގެންދިޔަ ޖަރީމާތަކުގެ ތެރެއިން އެއް ކަމަކީ، ކެންޔާގެ ބިމުގެ ތެރެއިން ވިޔަނަކަން ބޮޑު އަދި އިސްތިރާޖީ ގޮތުން މުހިއްމު ބިންތައް، ކެންޔާގައި ވަޒަންވެރި ވެގެން އުޅުނު އިނގިރޭސި ދޮން މީހުންގެ ޢާއިލާތަކަށް ދިނުމެވެ. ބިން ފޭރުމުގެ މި ސިޔާސަތުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ޤަބީލާ އަކީ ކެންޔާގެ ދެކުނު ސަރަޙައްދުގައި އުޅުނު ކިކޫޔޫ ޤަބީލާއެވެ. 1920 ގެ ދަހަރާ ހަމަޔަށް އައި އިރު، އެމީހުންގެ އަތުން އެކަނި ވެސް އިނގިރޭސި ޢާއިލާތަކަށާއި ބިންވެރީންނަށް ގާތްގަނޑަކަށް 300 އަކަ ކިލޯމީޓަރުގެ ބިން އޮތީ ނަގައިދެވިފައެވެ. ކިކޫޔޫ ޤަބީލާގެ މީހުން މިކަމާ ދެކޮޅަށް އެތައް ޝަކުވާތަކެއް ކުރިއެވެ. ކެންޔާގައި އިނގިރޭސީން ޤާއިމު ކޮށްފައި އޮތް އިސްތިޢުމާރީ ޙުކޫމަތުގެ ހައިކޯޓަށް ވެސް މައްސަލަ ގެންދިޔައެވެ. ހައިކޯޓުން ނިންމީ ބިން ފޭރިގަތުމުގައި އެއްވެސް ޤާނޫނީ މައްސަލައެއް ނެތް ކަމުގައެވެ!

ރާނީ އެލިޒަބަތު 1952 ވަނަ އަހަރު އިނގިރޭސި ތަޚުތަށް އިސް ވެވަޑައިގަތްތާ މާކަ ގިނަ ދުވަހެއް ނުވެ، ކިކޫޔޫ މީހުންގެ މަޝްހޫރު "މާއު މާއު ބަޣާވާތުގެ" ހުޅު ފަޅައިގެން ދިޔައެވެ. އިސްތިޢުމާރީ އަނިޔާއާ ދެކޮޅަށް އެމީހުން ހަތިޔާރުގައި ހިފީއެވެ. އަމިއްލަ މިނިވަންކަމާއި އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި، އެމީހުންގެ އަތުން ފޭރެވިފައި ވާ މުދަލާއި ޢިއްޒަތާއި މިނިވަންކަމުގެ ޙިމާޔަތުގައެވެ. "މާއު މާއު ބަޣާވާތަށް" އިނގިރޭސީން އެންމެ ފުރަތަމަ މާ ބޮޑަށް ސީރިޔަސް ނުވި ކަމުގައި ވިޔަސް، 1954 އިން ފެށިގެން އިންތިހާ ދަރަޖައިގެ އަނިޔާވެރި ފިޔަވަޅުތަކެއްގެ ތެރެއިން ކިކޫޔޫ ރައްޔިތުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދެވުނެވެ. ބަޣާވާތް މައިތިރި ކުރީ މި އަނިޔާތަކާއި ހަރުކަށިކަމުގެ އެހީގައެވެ. މި ކަންކަން ހިނގައިދިޔަ ގޮތް ދާދި ފަހަކާ ޖެހޭންދެން ވެސް އޮތީ އިނގިރޭސީންގެ ޕްރޮޕެގެންޑާގެ ތެރެއިން ފޮރުވައިލެވިފައެވެ. އެތައް ދޮގުތަކަކާއި ބައިކުޅަބައި ތެދުގެ އެހީގައި އޮޅުވައިލެވިފައެވެ. ނަމަވެސް ޚުދު ހުޅަނގުގެ ޢިލްމުވެރީންގެ ތެރެއިން ޙަޤީޤަތަށް ލޯބި ކުރައްވާ، އިންސާނިއްޔަތުގެ އަގުތަކުގައި ހިފަހައްޓަވާ، އަދި އިޚްލާޞްތެރި ބެއިފުޅުންގެ ޢިލްމީ ދިރާސާތަކުގެ ތެރެއިން މިހާރު ވަނީ ޙަޤީޤަތް މުޅީންހެން ސާފު ވެފައެވެ. އެ ޙަޤީޤަތްތަކުގެ ވަރަށް ގިނަ ތަފްޞީލުތައް، ޕުލިޓްޒަރ އިނާމު ލިބުނު ފޮތެއް ކަމުގައި ވާ "އިމްޕީރިއަލް ރެކޮނިންގ: ދި އަންޓޯލްޑް ސްޓޯރީ އޮފް ބްރިޓްންސް ގުލަގް އިން ކެންޔާ" މި ފޮތުގައި ކެރޮލިން އެލްކިންސް ބަޔާން ކުރައްވައިފައި ވެއެވެ. މާރކް ކާރޓިސްގެ "ވެބް އޮފް ޑިސީޓް: ބްރިޓްންސް ރިއެލް ރޯލް އިން ދަ ވޯރލްޑް" އާއި، ރޮޖަރ ބީ. އެޑްގަރޓަންގެ "މާއު މާއު: އޭން އެފްރިކަން ކްރޫޝިބަލް" އަކީ ވެސް މި މަޢުލޫމާތުތައް ހިމެނޭ މުހިއްމު ދެ ފޮތެވެ.

ކިކޫޔޫންނާ ދެކޮޅަށް އިނގިރޭސީން ހިންގި އަނިޔާތަކުގެ ތެރޭގައި، 160،000 އާއި 320،000 އާ ދެމެދުގެ ޢަދަދެއްގެ ޢާއްމުން ކޮންސެންޓްރޭޝަން ކޭމްޕްތަކުގައި ބަންދު ކޮށްގެން ވަރަށް ދަތި ޙާލުގައި ގެންގުޅުމާއި، މިލިއަނަކަށް ވުރެ ގިނަ ކިކޫޔޫ ރައްޔިތުން ދިރިއުޅުނު އަވަށްތައް، އެ އަވަށްތަކަށް ވަދެނުކުތުން މަނާ ކޮށް ޖަލުތަކެއްގެ ގޮތުގައި އެތައް އަހަރެއް ވާންދެން ބޭއްވުމާއި، އެކިއެކި ތުހުމަތުތަކުގައި ކިކޫޔޫ އެތައް ހާސް ޢާއްމުން ހައްޔަރު ކޮށްގެން ވޭންދެނިވި އަނިޔާތައް އިންތިޒާމީ ގޮތެއްގައި ދިނުން ހިމެނެއެވެ. ދެވުނު އަނިޔާތަކުގެ ތެރޭގައި، ބަޑި އާއި ދަނޑިބުރި ފަދަ ހަތިޔާރުތަކުންނާއި އަތުންފައިން ތަޅައި ހާނީއްކަ ކުރުމާއި، ރޭޕް ކުރުމާއި، ކަންފަތް ކެނޑުމާއި، ކަންފަތުގެ ތޫރިއަށް ތޫނު އެއްޗެތި ކޮއްޕައި ފެޅުމާއި، ރޯ ކޮށްފައި ހުންނަ ސިނގިރޭޓު ކޮށްޕައިގެން ކަންފަތުގެ ތޫރި އަންދައި ކަންފަތް ހަލާކު ކުރުމާއި، މަރު ވާންދެން ގައިގެ އެތަންމިތަނުގައި ތެޅުމާއި، ގަޔަށް ތެޔޮ އަޅައި ރޯ ކޮށްގެން އަލިފާނުން އަންދައި މެރުމާއި، ނިޔަފަތި މަތީން އަތްފައިގެ އިނގިލިތަކަށް ތޫނު ތިނޯސް ފަދަ ތަކެތި ހަރައިގެން އިނގިލި ތޮރުފުމާއި، ގައިގެ އެހެން ތަންތަނަށް ތިނޯސް ފަދަ ތޫނު އެއްޗެތި ހެރުމާއި، ކަރަންޓުގައި ޖެއްސުމާއި، ފެނަށް ގަންބައި ނޭވާ ހާސް ކުރުމާއި، ފިރިހެނުންގެ އުރަވަޅި ނުވަތަ "ޓެސްޓިކަލްސް" ދަގަނޑު ދަތީގައި ފިއްތައި ޗިސްޗިސް ކުރުމާއި، ފިރިހެނުންގެ ކުރިމަތި ފަރާތުގެ ގުނަވަންތައް ކެނޑުމާއި، އަންހެނުންގެ ކުރިމަތި ފަރާތަށް ބަޑީގެ ކޮޅާއި ބިއަރު ފުޅި އާއި ވަޅި ފަދަ ތޫނު ތަކެތި ފުންކޮށް ކޮއްޕައިގެން ބޮޑެތި ހާނީއްކަތައް ކުރުމާއި، ފިރިހެނުންގެ ފުރަގަސް ފަރާތަށް ބިޔަރު ފުޅި ފަދަ ތަކެތި ކޮއްޕައިގެން ހާނީއްކަ ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ދެންނެވި ތާރީޚީ ޙަޤީޤަތްތަކުގެ ހަނދާންތަކަށް ބަލައިލުމާ އެކު، އެ ކަންކަން މުޅި އިންސާނިއްޔަތާއި އިންސާނީވަންތަކަމުގެ ޙައްޤުގައި ޒިކުރު ކުރަމުން، އަދިވެސް އެއްފަހަރު ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވުމުން އެކަމަނާގެ ޢާއިލާ އާއި ޤައުމަށް ލިބުނު ހިތާމައަށް ޓަކައި ތަޢުޒިޔާ ރައްދު ކުރަމެވެ. އަޅުގަނޑުގެ އުއްމީދަކީ ކުރިޔަށް އޮތް ބާބަކީ، އިނގިރޭސީން މުސްލިމުންނާ މެދު ގެންގުޅޭ ޢަދާވާތްތެރިކަމަށް ނިމުމެއް އައިސް، ދުނިޔޭގައި އިންސާނުންނަށް ޙަޤީޤީ އުޚުއްވަތާ އެކު އުޅެވޭނޭ ޒަމާނެއް ގެނައުމަށް މަސައްކަތް ކުރުމުގެ ފިކުރީ އަދި އަޚްލާޤީ ޤާބިލުކަން އެމީހުންނަށް ލިބޭނޭ ދުވަސްތަކަކަށް ވުމެވެ!

comment ކޮމެންޓް