ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ފަށައިފި

ޖޭއެސްސީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެޓާނީ ޖެނެރަލްގެ އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް އިސްލާހުކުރުމަށް ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙުސައިން ޙަސަން "ސަން" އަށް ވިދާޅުވީ ޖޭއެސްސީއާއި ސުޕްރީމް ކޯޓުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާކަމަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.

އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް މިހަފުތާގެ ތެރޭގައި ބާއްވަން އެ އޮފީހުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެކަން ތަންފީޒުކުރުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެމަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ ތާއީދު ނުލިބުމުން ކޮންމެ ފަހަރަކު ވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

އެ ކޮމިޝަން މިހާރު އެކުލަވާލެވިފައިވާގޮތުން ކޮންމެ ސަރުކާރަކުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

comment ކޮމެންޓް