އުތުރު ކޮރެއާއިން އަނެއްކާވެސް ބެލިސްޓިކު މިސައިލުތަކެއް ލޯންޗުކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން -- ފޮޓޯ/ ރޮއިޓާސް

އުތުރު ކޮރެއާއިން ދެ ބެލިސްޓިކް މިސައިލް ލޯންޗުކޮށްފިއެވެ.

ޖަޕާނުގެ ގައުމީ މީޑިއާއިން ބުނެފައިވާ ގޮތުގައި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އުތުރު ކޮރެއާއިން ވަނީ ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ޖަޕާނު ކަނޑަށް އަމާޒުކޮށް ލޯންޗުކޮށްފައެވެ.

ފަންސާސް ކިލޯމީޓަރުގެ އެލްޓިޓިއުޑެއްގައި 400 ކިލޯމީޓަރަށް ދަތުރުކުރި މި ބެލިސްޓިކް މިސައިލުތަކަކީ މިދިޔަ ހަފުތާގެ ތެރޭގައި އުތުރު ކޮރެއާއިން ލޯންޗުކުރި ހަތަރުވަނަ މިސައިލް ޓެސްޓެވެ.

ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ބޭރަށް މި މިސައިލުތައް ވެއްޓިފައި ވި ނަމަވެސް، ޖަޕާނުގެ އާންމުންނާއި، ކަނޑާއި ވައިގެ ދަތުރުތައް ކުރާ މީހުންގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަށް އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

ޖަޕާނުގެ ދިފާއީ ވަޒީރުގެ ނައިބު ޓޮޝިރޯ އިނޯ ވިދާޅުވީ، އުތުރު ކޮރެއާގެ މި އަމަލުތަކުގެ ސަބަބުން ޖަޕާނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ސުލްހަ މަސްލަސްކަމަށް އަސަރުކުރާ ކަމަށެވެ.

އުތުރު ކޮރެއާއިން މި އަހަރު ރިކޯޑް އަދަދަކަށް މިސައިލް ލޯންޗުކޮށްފައިވާއިރު، އެމެރިކާއިން ވަނީ އެމެރިކާއަށް ބައިއަތު ހިފާ އޭޝިއާގެ ގައުމުތައް ދިފާއުކުރުމަށް ވައުދުވެފައެވެ.

ޔޫކްރޭން-ރަޝިއާ ހަނގުރާމަ އާއި އެމެރިކާ-ޗައިނާގެ ވާދަވެރިކަމުގެ ދަށުގައި ދުނިޔެ ބައިބައިވެފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން އަންނަނީ ހަނގުރާމަވެރި ހަތިޔާރުތައް ޒަމާނާ އެއްގޮތަށް ބައްޓަން ކުރަމުންނެވެ.

އުތުރު ކޮރެއާއިން ދެކެނީ އެމެރިކާ އަދި އެމެރިކާއަށް ބައިއަތު ހިފާ ހުރިހައި ގައުމުތަކަކީ އެ ގައުމުގެ ދުޝްމިނުން ކަމަށެވެ. މިއާއެކު، އުތުރު ކޮރެއާއިން އަންނަނީ އެމެރިކާ ފަދަ ގައުމަކާ ހަނގުރާމަކުރަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް