މިނީބަހަށް މާދަމާއިން ފެށިގެން އަގުނަގާނެ، ކަރުދާސް ޓިކެޓަށް ގެންދަންވާނީ ސީދާ ހަތް ރުފިިޔާ

މާލޭގައި ދަތުރުކުރާ މިނީ ބަހެއް، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި -- ސަންފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ފަދައިން، ބަސް ދަތުރަކަށް ނަގަން ހަމަޖެހިފައިވަނީ ހަތް ރުފިޔާ ކަމަށެވެ.

ބަސް ދަތުރުތަކަށް ބޭނުންވާ ޓިކެޓު ގަތުމަށް އެމްޓީސީސީން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެެެވެ. އެގޮތުން، އާރްޓީއެލްގެ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ކިއުއާރު ޓިކެޓު ނެގޭނެއެވެ. މި ޓިކެޓު ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށް ފަހު، ޓިކެޓު ދައްކާލަންޖެހޭނެއެވެ. އެމްޓީސީސީން ބުނީ ކިއުއާރު ޓިކެޓު ނެގުމަށްފަހު، ހަތް ދުވަސް ވަންދެން ބޭނުންކުރެވޭނެ ކަމަށެވެ.

އެފުން ޓިކެޓު ނަގާއިރު އެއްފަހަރާ ގިނަ ޓިކެޓު ނެގޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެއްފަހަރާ 30، 40 ނުވަތަ 60 ޓިކެޓު ނަގައިގެން ގިނަ ދަތުރުތަކަށް މިހާރު ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ބަސްތަކުން ނަގުދު ފައިސާއަށް ކަރުދާސް ޓިކެޓު ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ފައިސާ މާރުކުރުމަށް ގިނަ ވަގުތު ހޭދަވާނެތީ، ކަރުދާސް ޓިކެޓު ނަގާ މީހުން ސީދާ އަގަށް ވާ ވަރަށް ފައިސާ ގެންދިއުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.

މިނީ ބަހުގައި ފައިސާ ދައްކަން ބޭނުންކުރާ މެޝިން-- ސަންފޮޓޯ/ ނާއިލް ހުސައިން

ކަރުދާސް ޓިކެޓު ގަންނަ މީހުންގެ ފައިސާ ބަލައިގަތުމަށް ބަހުގައި ފޮއްޓެއް ބަހައްޓާފައި ހުންނާނެއެވެ. އެ ފޮއްޓަށް ފައިސާ އެޅުމުން ބަހުގައި ތިބޭ މުވައްޒަފުން ޓިކެޓު ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ވިސާ، އެމެރިކަން އެކްސްޕްރެސް އަދި މާސްޓާ ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު މިމަސް ނިމުމުގެ ކުރިން ހަމަޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލްގެ ހުރިހާ ދަތުރުތަކެއްގައި ވެސް ބޭނުން ކުރެވޭނެ ދަތުރު ކާޑެެއް ވެސް އެ ކުންފުނިން ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

މާދަމާއިން ފެށިގެން ބަސް ދަތުރުތަކުން އަގު ނަގަން ފެށިޔަސް، 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރު ނުފުރޭ ކުޑަކުދިން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާގެ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭއިރު، ޔުނީފޯމްގައި ތިބޭ ސްކޫލުކުދިންނަށް ވެސް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވަނީ އާރްޓީއެލް ޚިދުމަތަށް އާންމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާ، ޝުކުރު އަދާ ކުރައްވާފައެވެ.

comment ކޮމެންޓް