ނޫސްވެރިންގެ ކަންބޮވުމަށް ހައްލު ހޯދައި ދޭ ބިލް ރައީސް އޮފީހަށް ފޮނުވައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙުސައިން ޙަސަން މިއަދު "ސަން" އަށް ވިދާޅުވީ ރައީސް އޮފީހަށް އެ ބިލު ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އާ ބިލުގައި ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އެގޮތުން އެ ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުމަށް އެ ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި މައުލޫމާތުދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕީޖީން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

އެ ބިލުގައި ގައުމީ ސަލާމަތް މާނަކޮށްފައި އޮތްގޮތާމެދު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޖޭއޭއިން ބުނީ އެ ޖަމްއިއްޔާއިން އަބަދުވެސް ވަކާލާތުކުރީ އެ ބިލުން "ގައުމީ ސަލާމަތް" އެ ލަފުޒު އުނިކުރުމަށްކަމަށެވެ. ސަބަބަކީ ސީދާ ގައުމީ ސަލާމަތުގެ ކުށް މަނާކުރާ ގާނޫނެއް މި ވަގުތު ރާއްޖޭގައި ނެތަތީއާއި އެއީ ވަރަށް ފުޅާ މާނައެއް އޮންނަ ލަފުޒަކަށް ވެފައި އެ ލަފުޒުގެ މާނަ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުންކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މަސްދަރު ހާމަކުރަންޖެހޭނީ ބަޔަކަށް ނުވަތަ ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ކުއްލި ނުރައްކަލެއް ނުވަތަ ބޮޑު ގެއްލުމެއް ކުރިމަތި ވެދާނެފަދަ ހާލަތެއްގައި އެކަނި ކަމަށް އެ ޖަމްއިއްޔާއިން ގަބޫލުކުރާކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކުގައި މަސްދަރު ހާމަކުރުން ލާޒިމްކުރެވޭނެ ގޮތް އެ މާއްދާގައި އޮތުމުން ގައުމީ ސަލާމަތައް ނުރައްކާވާނޭފަދަ ހާލަތްތައް އޭގެތެރޭގައި ޝާމިލް ވާކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

"އެހެންކަމުން ގައުމީ ސަލާމަތް ހިމަނައިގެން އެ ގާނޫނު އިސްލާހުކުރަން މި ޖަމިއްޔާއިން ދެކޮޅުހަދާކަމުގައި މި ޖަމިއްޔާއިން ދެންނެވީމެވެ،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ވަނީ ގާނޫނަށް ބަދަލުގެންނަން އެ ޖަމްއިއްޔާއިން އެދޭ ގޮތް ހުށަހަޅާފައެވެ. އެގޮތުން އެ ޖަމްއިއްޔާއިން އެދުނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމް ކުށްކުށާއި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާ އެހެން ގާނޫނުތަކުގައި ވެސް ކަނޑައަޅާފައިވާ މި ބާވަތުގެ ޖިނާއީ ކުށްތައް" މިފަދައިން އިބާރާތް ބަދަލުކޮށްދިނުމަށެވެ.

ހެއްކާ ބެހޭ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ގާނޫނު ތަސްދީގު ކުރެއްވީ މީޑިއާތަކުގެ ގިނަ ނޫސްވެރިން މަސްދަރު ހާމަކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އޭގެ ކުރިން ރައްޔިތުން މަޖިލީހުން މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރަން ތާވަލުކޮށްފައި އޮތް ދުވަހު ނޫސްވެރިން ވަނީ މަޖިލިސް ކުރާގެ ސަރަޙައްދަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.

comment ކޮމެންޓް