ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

ގެއްލިގެން އުޅެނިކޮށް ފެނުނު މީހާ ކޯސްޓްގާޑަށް އަރުވަނީ --- ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިދިޔަ ބުދަ ދުވަހު ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.

އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު 17:25 ހާއިރު އެ މީހާ ފެނިފައިވާ ކަމަށެވެ. އަދި އެ މީހާ މާލެ ގެނައުމަށް މިހާރު ވަނީ ދަތުރު ފަށައިފައެވެ. އެ މީހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް އިން މީޑިއާއާ ހިއްސާކުރީ މިރޭ 19:08 ގައެވެ. އެހެންކަމުން އެ މީހާ ގެއްލިގެން ހޯދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އިން މީޑިއާއާ ހިއްސާކުރިއިރު ވެސް އޭނާ ވަނީ ފެނިފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު