ހާހަކަށްވުރެ ގިނަ ބައިވެރިންނާއެކު، ދިވެހިބަހުގެ އެކެޑަމީގެ އަދަބީ ތިން މުބާރާތެއް ފަށައިފި

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ފެންވަރުގެ ތިން މުބާރާތެއް، ހާހަކަށް ވުރެ ގިނަ ބައިވެރިންނާއެކު ފަށައިފިއެވެ.

އެ އެކެޑަމީން މައުލޫމާތުދޭ ގޮތުގައި މިއަދު ބާއްވާ ތިން މުބާރާތަކީ، މަޒުމޫނު ލިޔުމާއި، ކުރުވާހަކަ ލިޔުން އަދި ޅެން ހެދުމުގެ ގައުމީ މުބާރާތެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތްތަކުގައި މާލޭ ސަރަހައްދުގެ 15 ސުކޫލުގެ ދަރިވަރުންގެ ބައި ކުރިއަށް ދަނީ ހުޅުމާލޭ ޣާޒީ ސްކޫލުގައެވެ. މީގެ އިތުރުން، ރާއްޖޭގެ 50 ރަށެއްގެ، 57 ސްކޫލަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް "ސަން"އަށް ވިދާޅުވީ މިފަހަރު އެކެޑަމީގެ އަމާޒަކަށްވީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ބައިވެރިންނަށް ވެސް ރަށުގައި ތިބެގެން ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެގޮތަށް މި މުބާރާތް ބޭއްވުމަށް ރަށްރަށުގެ ކައުންސިލުތަކުންނާއި، ސްކޫލުތަކުން ވެދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އޭނާ ޝުކުރުއަދާކުރެއްވިއެވެ.

"ބައެއް ރަށްރަށުން ހިއްސާކޮށްފައި ހުރި ފޮޓޯތަކުން އެބަ ހާމަވޭ އެ ބޭފުޅުން މިކަމަށް ދެއްވާފައި ހުރި ސަމާލުކަން. އެހެންވީމަ އެބޭބޭފުޅުންނަށް ވަރަށް އިޚްލާތެރިކަމާއެކު ޝުކުރުދަންނަވަން," ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑރ. އަޝްރަފް ވިދާޅުވީ މިފަދަ މުބާރާތްތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ބަހަށް އޮންނަ ލޯބި އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ މައި މަގުސަދަކީ ބަސްދިރުވުން. ދިވެހިބަހަށް ދޭންޖެހޭ ޚާއްސަ ސަމާލުކަމެއް ދީގެން އެ ކުދިންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުކުރުން،" އޭނާ ވިދާޅުވިއެވެ.

ސްކޫލު ދަރިވަރުންގެ އިތުރުން ކޮލެޖު ޔުނިވާސިޓީ ތަކާއި، ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ދިޔައީ މަޒުމޫނު ލިޔުމުގެ ގައުމީ މުބާާރާތެވެ. އެއަށްފަހު، މެންދުރު ފަހު ކުރުވާހަކަ ލިޔުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ. ޅެންހެދުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ދަންފަޅީގައެވެ.

މަތީ ސާނަވީ ދަރިވަރުންގެ އޭލެވެލް އިމްތިހާނު ފެށޭތީ އެ ދަރިވަރުންގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގައި ކަމަށް އެކެޑަމީން މައުލޫމާތުދެެއެވެ.

ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު، މުޙައްމަދު ޖަމީލް ދީދީގެ ހަނދާނުގައި ބާއްވާ ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި މި އަހަރު ޖުމްލަ 557 ދަރިވަރުން ބައިވެރިވެއެވެ. މިއީ އެ މުބާރާތް ބާއްވާ 37ވަނަ ފަހަރެވެ.

މިއަހަރުގެ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި 545 ބައިވެރިން ވާދަކުރެއެވެ. މިއީ ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ދިގު ވާހަކައިގެ މުސައްނިފު، އަހްމަދު ކާމިލް ދީދީގެ ހަނދާނުގައި އެ މުބާރާތް ބާއްވާ 34 ވަނަ ފަހަރެވެ.

ޅެމާއި ބަނދި ހެދުން ހިމެނޭހެން ބާއްވާ ގައުމީ ޅެން ހެދުމުގެ މުބާރާތުގައި މި އަހަރު 191 ދަރިވަރުން ބައިވެރިވިއެވެ. މިއީ ދިވެހިބަހުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވި، ހުތް ޢަލީ ދީދީގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.

comment ކޮމެންޓް