ދީޕިކާއާއެކު ފިލްމަކުން އަލުން ފެންނަން ބޭނުން: ރަންވީރް

އަންހެނުން ދީޕިކާ ޕަޑުކޯން އާއެކު އަލުން އޮންސްކްރީނުގައި ފެންނަން ބޭނުން ކަމަށް ރަންވީރު ސިންހު ބުނެފިއެވެ.

ރަންވީރު އާއި ދީޕިކާ އަކީ ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ. ދެ ތަރިން ކައިވެނި ކުރުމުގެ ކުރިން އެކުގައި ގިނަ ސުޕަ ހިޓް ފިލްމުތަކެއް ކުޅެ އެކަމުގެ ކާމިޔާބު ހޯދާފައިވީ ނަމަވެސް، މިހާރު ދެ ތަރިން އެކުގައި ނުފެންނަތާ ދުވަސްވެއްޖެއެވެ.

އިވެންޓެއްގައި ވާހަކަދައްކަމުން ރަންވީރު ބުނީ، 2012 އިން ފެށިގެން 2022 އާ ހަމައަށް އެކުގައި އުޅުމަށްފަހު އަލުން ފިލްމެއްގެ މަސައްކަތް އެކުގައި ކުރުމަށް ބޭނުންވާ ކަމަށެވެ. އެންމެ ފަހުން އެކުގައި މަސައްކަތްކުރީ 2014-2015 ވަނަ އަހަރު ތެރޭ ކަމަށާއި ދެމީހުންވެސް ކުރިއެރީ އެކުގައި ކުރި މަސައްކަތުން ކަމަށެވެ. އަދި މިހާރު ހުރީ އެކަހަލަ ފުރުސަތެއް ބޭނުންވެފައި ކަމަށް ރަންވީރު ބުންޏެވެ.

ދީޕިކާގެ އެންމެ ފަހުގެ ފިލްމު 'ގެހެރިޔާން' އާ ގުޅޭގޮތުން ވާހަކަދައްކަމުން ރަންވީރު ބުނީ ދީޕިކާގެ ހުނަރަށް އިހުތިރާމް ކުރާ ކަމަށާއި އެކްޓަރެއްގެ ގޮތުގައި ބަލައިގަންނަކަމަށެވެ. އަދިވެސް އެކުގައި އޮންސްކްރީނުން މަސައްކަތްކޮށްލަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ދެވަނަ ފަހަރަށް ރަންވީރު ބުންޏެވެ.

ރަންވީރު އާއި ދީޕިކާ އެންމެ ގިނައިން ފެނިފައިވަނީ، ސަންޖޭ ލީލާ ބަންސާލީގެ ފިލްމުތަކުންނެވެ. އެގޮތުން، 'ރާމް ލީލާ' އާއި 'ބަޖްރާއޯ މަސްތާނީ' އަދި 'ޕަދްމާވަތު' ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. މި ފިލްމުތަކަށްފަހު ދެތަރިންނަކީ 'ޕަވަރ ކަޕުލް' އެއްގެ ގޮތުގައި ބޮލީވުޑް ޕްރޮޑިއުސަރުން ސިފަކުރެއެވެ.

ދެ ތަރިންވެސް މިހާރު ދަނީ އެކި ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އާލިއާ ބަޓްއާއެކު ކަރަންޖޯހަރުގެ 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'ގެ މަސައްކަތް ރަންވީރު ކުރަމުން އަންނައިރު ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހުރުކްޚާން އާއި ޖޯން އަބްރަހަމް އާއެކު 'ޕަޓާން' އިންނެވެ. މީގެ އިތުރުން، ރިތިކް ރޯޝަން އާއެކު 'ފައިޓާ' ފިލްމުންވެސް ދީޕިކާ ފެންނާނެއެވެ.

comment ކޮމެންޓް