ޝައިތާނާގެ ކިބައިން ދަރިފުޅު ސަލާމަތްކުރާނެ ގޮތް

އިރު އޮއްސޭ ވަގުތު ކުޑަކުދީންތަކެއް ޕާކެއްގައި ކުޅޭއިރު ބެލެނިވެރިޔަކު އެހީތެރިވަނީ --- ފޮޓޯ: ނިއުޔޯކްޓައިމްސް.ކޮމް

ޝައިތާނާގެ ދުއްތުރާތަކާއެކުވެސް، ﷲ އަށް އަޅުވެތިވުން ކާމިޔާބުކޮށް، ތަޤުވާވެރި ކަމުގައި ކުރިއަރައި ދަނީ ކޮންބައެއްތޯ ބައްލަވައި އަޅުތަކުން އިމްތިހާނު ކުރެއްވުމަށްޓަކައި ﷲ ތަޢާލާ ޝައިތާނާ ހެއްދެވިއެވެ. އަދި ހަމަ އެއާއެކު، އޭނާއަކީ އިންސާނާއަށް ހުރި ކަނޑައެޅިގެންވާ އަދާވާތްތެރިއެއްކަމުގައި އަންގަވައި އިންޒާރު ކުރައްވާފައިވެއެވެ. ފާޠިރު ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ "ހަމަކަށަވަރުން، ޝައިތާނާއަކީ ތިޔަބައިމީހުންނަށްވާ އަދާވާތްތެރިއެކެވެ. ފަހެ، އެ ޝައިތާނާއީ އަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ!"

ޝައިތާނާއަކީ އަދާވާތްތެރިއެއްކަމަށް އެންގެވުމާއެކު، އޭނާގެ ނުބައި ރޭވުންތަކުން ސަލާމަތްވެވޭނެ މަގުވެސް ދައްކަވާފައިވެއެވެ. މިގޮތުން، ޝައިތާނާގެ ކިބައިން ދަރީން ސަލާމަތް ކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ހެޔޮލަފާ ސާލިހު ދަރިފަސްކޮޅެއް ދެއްވުން އެދޭ ހާލު، ދެމަފިރީން އެއްދާންކުރާ ވަގުތުގެ ޚާއްޞަ ދުޢާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ އެއްދާންކުރަން ގަސްދުކުރާހިނދު، بِسْمِ اللَّـهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا (މާނައީ: ﷲ ގެ އިސްމުފުޅުން ފަށަމެވެ. އޭ ﷲ! ޝައިތާނާގެ ކިބައިން އަޅަމެން ދުރުކޮށް ދެއްވާނދޭވެ! އަދި އިބަ ﷲ އަޅަމެންނަށް ދެއްވަވާ ދަރިންވެސް ޝައިތާނާގެ ކިބައިން ދުރު ކުރައްވާނދޭވެ!) މިފަދައިން ކިޔައި އެއްދާންކުރުމަށްފަހު (އެ އެއްދާންކުރުމުން) އެދެމީހުންނަށް ދަރިއަކު މިންވަރު ކުރައްވައިފިނަމަ ދުވަހަކުވެސް ޝައިތާނާއަށް އެދަރިފުޅަށް ގެއްލުމެއް ނުދެވޭނެއެވެ."(ބުޚާރީ: 141 ، މުސްލިމް: 1434)

މި ހަދީސްގައި، "ދުވަހަކުވެސް ޝައިތާނާއަށް އެދަރިފުޅަށް ގެއްލުމެއް ނުދެވޭނެ" ކަމަށް އެ އޮތް ބަސްފުޅުގެ މުރާދަކީ ޝައިތާނާގެ ބާރުގެ ދަށަށް އެ ދަރިފުޅު ނުގެންދެވޭނެ ވާހަކަ ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އާއްމުކޮށް އެންމެންގެ މައްޗަށްވެސް އޮންނަ ޝައިތާނީ ވަސްވާސްވެރިކަން އެފަދަ ދަރިފުޅުގެ މައްޗަށްވެސް އޮންނާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ (ޙިޖުރު: 42) "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބައަވާ މީހުން މެނުވީއެވެ."

ޝައިތާނާގެ އުނދަގުލުން ދަރިފުޅު ސަލާމަތްކުރުމުގެ ދެވަނަ ފިޔަވަޅު އެނގެނީ މި ހަދީސުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮއްސޭ ވަގުތު، ތިޔަބައިމީހުންގެ ކުޑަކުދިން ގެއިން ބޭރަށް ނިކުތަނުދީ ހިފަހައްޓާހުށިކަމެވެ! ފަހެ ހަމަކަށަވަރުން، އެވަގުތުގައި ޝައިތާނުން (ބިމުގެ ކަންކޮޅުތަކުގައި) ފެތުރިގަނެއެވެ. ދެން ރޭގަނޑުން ސާޢަތެއް (އެބަހީ: އިރުއޮއްސުމާއެކު ވެގަންނަ އަނދިރިކަން) ފިލައި ދިޔުމުން، (އެކުދިން) ދޫކޮށްލާށެވެ. އަދި الله ގެ ނަންފުޅު ގަނެ (އެބަހީ: بسم الله ކިޔައި) ދޮރުތައް ލައްޕާހުށިކަމެވެ! ފަހެ ހަމަކަށަވަރުން، އެކަލާނގެ އިސްމުފުޅު ޒިކުރުކުރުމާއެކު ލައްޕާފައިވާ ދޮރެއް ޝައިތާނާ ނުހުޅުވާނެތެވެ. އަދި بسم الله ކިޔައި، ތިޔަބައިމީހުންގެ ފެނާއި ކިރުފަދަތަކެތި އަޅާ ކަންވާރުތައް ބަންދުކުރާށެވެ! އަދި ތިޔަބައިމީހުންގެ އެހެނިހެން (ތެލި ތަށިފަދަ) ކަންވާރުތައްވެސް بسم الله ކިޔައި މަތިޖަހާށެވެ! އަދި (އަލިފާން) ބައްތިތައް ނިއްވައިލާށެވެ!"(ބުޚާރީ: 17/5192، كتاب الأشربة، باب تَغْطِيَةِ الْإِنَاءِ)

މި ހަދީސުން އެނގޭ ގޮތުގައި، އިރު އޮއްސޭ ވަގުތަކީ ޝައިތާނުން ބިމުގެ ކަންކޮޅުތަކުގައި ފެތުރިގަންނަ ވަގުތެކެވެ. އެހެންކަމުން އެ ޝައިތާނުންގެ އުނދަގުލުން ދަރިފުޅު ސަލާމަތްކުރުމަށްޓަކައި އެ ވަގުތު ދަރިން ގެއިން ބޭރަށް ނުނެރުމަށް އެވަނީ އިރުޝާދު ދެއްވަވާފައެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އައިސްފައިވާ ސައްހަ ހަދީސެއްކަމުން، އެންމެ ހެޔޮވެގެންވަނީ ކޮންމެ މީހަކުވެސް ހަދީސްގައި އެވާ އިރުޝާދަށް ތަބާވުމެވެ. ޒަމާނަށް އަންނަ ބަދަލާއެކު ދިރިއުޅުމުގެ އާދަތައް ކިތަންމެ ބޮޑަށް ބަދަލުވެގެން ދިޔަނަމަވެސް، އިރު އޮއްސޭ ވަގުތު ކުޑަ ދަރިފުޅު ބޭރަށް ނުނެރުމެވެ. އެއީ ގޭގެ ޓެރަހަށް ނުވަތަ ބޭރަށްވާގޮތަށް ހުންނަ ބެލްކަންޏަށް ކަމަށްވިޔަސް މެއެވެ.

ބޮޑެތިވަމުން އަންނަ ދަރީން ބަސްނާހާ ވާހަކައާއި، އެކުދީން ބޮޑެތިވެގެވެސް ވިޔާނުދާކޮށް އުޅޭކަމުގެ ޝަކުވާތައް ތަކުރާރުކޮށް އިވެމުންދެއެވެ. މިކަމަށް ފަރުވާ ހޯދުމަށްޓަކައި މައިގަނޑު ދެކަމެއް ކުރަންޖެހޭނެއެވެ. ފުރަތަމަ ކަމަކީ އިސްވެ ބަޔާންކުރި ފަދައިން، ޝައިތާނާގެ ކިބައިން ދަރިން ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ. އެއްދާންކުރުމުގެ ކުރިން ދުޢާކުރުމެވެ. އިރު އޮއްސޭ ވަގުތު ދަރިން ބޭރަށް ނުނެރުމެވެ. ދެވަނަ ކަމަކީ ދަރިންނަށް ރަނގަޅު ތައުލީމާއި ތަރުބިޔަތު ދިނުމެވެ. އެކުދީން އުޅޭނޫޅޭގޮތް ގާތުން ބަލައި ފާރަވެރިވުމެވެ. އަދި "އެކަށީގެންވާ ގޮތުގައި" އެކުދީންނަށް އަޅައިލުމާއި ލޯބި ދިނުމެވެ.

ބުނެވި ދިޔަ ފިޔަވަޅުތަކާއެކުވެސް، ތަފާތު ސަބަބުތަކާ ހުރެ ދަރިން ހަމަ މަގުން ކައްސައިލާ ފަހަރު އާދެއެވެ. އެފަދަ ދަނޑިވަޅުތަކުގައި، ހާލަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. ކައުންސިލިން ދިނުމާއި، ފަރުވާއެއް ދޭންޖެހޭނަމަ އެކަން ކުރުމާއި އަދި އަދަބު ދޭންޖެހޭ ހާލަތުގައި އެކަންވެސް ކުރަންޖެހޭނެއެވެ. އިސްލާހުކުރުމަށްޓަކައި މައިންބަފައިން ދޭންޖެހޭ އަދަބުތަކާއި، ޝަރުޢީ އަދި ޤާނޫނީގޮތުން ދޭންޖެހޭ އަދަބު މީގެތެރޭގައި ހިމެނެއެވެ.

އެއްވެސް ސަބަބަކާހުރެ ތިމާގެ ދަރިފުޅު އަމިއްލަ ބެލުމުގެ ދަށުން ނެރެ ދޫކޮށްނުލާށެވެ! ތިމާގެ ލޯބިވާ ދަރިފުޅު، ތިމާގެ ބެލުމުގެ ދަށުން ނެރެ އެއްލައިލުމުން .... އޭނާއާ ހަވާލުވާނެ ކިތަންމެ ޝައިތާނުންނެއް ތިބޭނެއެވެ. ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިންވާ ޝައިތާނުންނެވެ! އަހުރެމެންގެ މި ދިވެހި މުޖުތަމައުން މީގެ އެތައް މިސާލެއް ފެންނަމުން އެބަ ދެއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް