ޕްރިމިއާ ލީގްގެ ކުޅުން އަލުން ފަށާއިރު އެންމެންގެ ނަޒަރު މެންޗެސްޓާ ޑާބީ މެޗަށް

2017 ވަނަ އަހަރު ކުޅުނު މެންޗެސްޓާ ޑާބީމެޗު --- ފޮޓޯ/ ޓެލެގްރާފް

އިނގިރޭސި ރާނީ ކުއީން އެލިޒަބަތް 2 އަވަހާރަވުމާ ގުޅިގެން ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ކެންސަލްވިއެވެ. އެއަށްފަހު ދެން އައި އިންޓަނޭޝަނަލް ބްރޭކަށް ޕްރިމިއާ ލީގުގެ މެޗްތައް އޮތީ ހުއްޓިފައެވެ. ޔުއެފާ ނޭޝަންސް ލީގަށްފަހު ކުރިއަށްއޮތް ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތަކެއް ފެށޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިއަށް ތާވަލްކޮށްފައިވާ މެޗްތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 18:00 ގައި މެންޗެސްޓާއަށް ނިސްބަތްވާ ދެ ކުލަބުކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗެވެ. މެންޗެސްޓާ ޑާބީގެ ނަމުން މަޝްހޫރުވެފައިވާ މި މެޗަކީ މެންޗެސްޓާގެ ތަޚުތަށް އަބަދުމެ ވާދަކުރަމުންދާ ދެ ކުލަބުގެ ތެރެއިން އެއް ކުލަބު އަނެއް ކުލަބުގެ މައްޗަށް ކުރި ހޯދަން ލިބިގެންދާ ފުރުސަތެކެވެ.

މި މެޗު މީޑިއާނެޓުގެ ކަސްޓަމަރުންނަށް އައިސް ނެޓްވޯކްގެ ޗެނަލްތައް މެދުވެރިކޮށް ފެންނާނެއެވެ.

މެންޗެސްޓާ ޑާބީ މެޗުގެ ތާރީޚަށް ބަލާލުމެއް

1975 ވަނަ އަހަރު ކުޅުނު މެންޗެސްޓާ ޑާބީ މެޗެއް

އަންނަ އާދިއްތަ ދުވަހު ކުޅޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަތި ލުމަކީ މި ދެޓީމުގެ މެދުގައި ކުޅެވިގެންދާ 188 ވަނަ މެޗެވެ. މީގެ ތެރެއިން 77 ފަހަރު މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، މެންޗެސްޓާ ސިޓީ މޮޅުވެފައިވަނީ 57 މެޗުންނެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުއެވެ. އެމެޗު 4-1 އިން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.

ޕްރިމިއާ ލީގްގެ ފަހުގެ ތާރީޚަށް ބަލާއިރު ގިނަ ކާމިޔާބީތަކާއި ތަށިތައް ހޯދާފައިވަނީ މެންޗެސްޓާ ސިޓީންނެވެ.

ނަމަވެސް ޕްރިމިއާ ލީގްގެ ދިގު ތާރީޚަށް ބަލާއިރު، ހުރިހާ ގޮތަކުންވެސް ކުރި ލިބެނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ސިޓީ އިން ފާއިތުވި އަހަރުތަކުގައި ލީގު ކާމިޔާބު ކުރި ނަމަވެސް، ޔުނައިޓެޑް ބަލި ކުރުން ވަނީ އެންމެ ފޯމުގައި އޮންނަ ސިޓީގެ ޓީމަށްވެސް އުނދަގޫ ކަމަކަށެވެ.

މެންޗެސްޓާ ސިޓީ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ހާލާންޑް. މިވަގުތު ހާލާންޑު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި--- ފޯޓޯ/ގެޓީ އިމޭޖް

ވަރުގަދަ ސްކޮޑަކާއި އެފަދަ ދެވަނައެއް ނެތް ތަޖުރިބާކާރު އަދި ތައްޓާ ރައްޓެހި ކޯޗު ޕެޕް ގާޑިއޯލާ އާ އެކު އައު ސީޒަނާއި ކުރިމަތިލި މެންޗެސްޓާ ސިޓީ މި ވަގުތު އޮތީ ޓޭބަލްގެ ދެވަނައިގަ 17 ޕޮއިންޓާ އެކުއެވެ. ފާހަގަކޮށްލެވޭ ކަމަކީ ހަތް މެޗު ކުޅުނުއިރު، ސިޓީ އަދި މި ސީޒަނުގައި އެއްވެސް ޓީމެއް އަތުން ބަލިވެފައި ނުވާކަމެވެ.

މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އަލަށް ގުޅުނު ނޯވޭގެ ފޯވާޑް އާލިންގް ހާލަންޑެވެ. ހަތް މެޗު ކުޅުނުއިރު 11 ގޯލާއެކު ހާލަންޑް އޮތީ ގޯލް ޗާޓުގެ އެއްވަނައިގައެވެ. ގޯލު ޖެހުމަށް ފަހިކޮށްދިނުމުގައި ވެސް ސިޓީ ކުޅުންތެރިން ތިބީ ލިސްޓުގެ އެންމެ ކުރީގައެވެ. ކެވިން ޑިބްރައިނާ ހަ އެސިސްޓާ އެކު އެއްވަނައިގަ އޮތް އިރު އިނގިރޭސި ޒުވާން ތަރި ފިލް ފޮޑެން ހަތަރު އެސިސްޓާއެކު މި ލިސްޓުގެ ދެވަނަ ވަނީ ހާސިލްކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑް

މި ސީ×ޒަނުގެ މެޗެއްގައި މެންސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން --- ފޮޓޯ/ ގެޓީ އިމޭޖް

މެންޗެސްޓާ ޔުނައިޓެޑް މި ސީޒަން ފެށީ އެންމެ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ބްރައިޓަން އަތުން އަދި ދެވަނަ މެޗުގައި ބްރެންޓްފޯޑު އަތުން ބޮޑު ތަފާތަކުން ބަލިވުމުން ޓީމާ މެދު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ނަމަވެސް މި ފަހުން އާ ސީޒަނަށް ޓީމާ ހަވާލުވި ކޯޗު އެރިކް ޓެން ހަގް ގެނައި ޓެކްޓިކަލް ބަދަލުތަކާ އެކު ޔުނައިޓެޑުން ދަނީ ތަފާތު ދައްކަމުންނެވެ. މި ގޮތުން އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ލިވަޕޫލް އަދި މި ވަގުތު ޓޭބަލްގެ އެންމެ ކުރީގައި އޮތް އާސެނަލްގެ މައްޗަށް ޔުނައިޓެޑުން ވަނީ ކުރި ހޯދާފައެވެ.

ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ކުޅުންތެރިން ވެސް ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ބްރެޒިލްގެ އެންޓޮނީ، މެދުތެރެއަށް ކުޅެމުންދާ އެރިކްސަން އަދި ވަރުގަދަ ޑިފެންޑަރު މާޓިނޭޒް ވަނީ އެންމެ ފަހުން ކުޅުން މެޗުތަކުގައި ތަފާތު ދައްކާފައެވެ.

މި ވަގުތު މެޗު ފޯމް ދަށްކޮށް ފެނުނު ކަމުގައި ވިޔަސް ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ފާހަގަކޮށްލަންޖެހޭ ކުޅުންތެރިއެކެވެ.

މިފަހަރުގެ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ--- ފޮޓޯ/ ގެޓީ އިމޭޖް

އާދިއްތަ ދުވަހު ކުޅޭ މެންޗެސްޓާ ޑާބީ މެޗަކީ ޔުނައިޓެޑުން ސިޓީގެ މައްޗަށް ދަމަހައްޓަމުން ގެންދާ ހެޑް ޓު ހެޑް ލީޑު އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

މީޑިއާނެޓުން ބުނީ، ރެޒިޑެންޝަލް ކަސްޓަމަރުންނަށް އައިސް ނެޓްވޯކްގެ ޗެނަލްތަކުން މި ފޯރިގަދަ މެޗު ބަލާލެވޭނެ ކަމަށެވެ. އެމް އެސް ޓީވީ އަދި އެމް އެސް ލައިޓު ކަސްޓަމަރުންނަށް ކެޗް-އަޕް ފީޗާ މެދުވެރިކޮށް ފަހުންވެސް މި މެޗު ބަލާލެވޭނެއެވެ. ކުއިކްޕޭ އިން ސަބްސްކްރިޕްޝަނެއް ނުވަތަ ވައުޗާ އެއް ބައްލަވައިގެން އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މި މެޗު ބަލާލުމުގެ ފުރުސަތު މީޑިއާނެޓު ކަސްޓަމަރުންނަށް ލިބިގެން ދާނޭކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް